Roadha Mihaaru
އިންޑިއާގެ އެންމެ ވަރުގަދަ ދެ ސްޓާރުން ކުރިމަތިލުމަކަށް

އިންޑިއާގެ އެންމެ ވަރުގަދަ ދެ ސްޓާރުން ބޮޑު ކުރިމަތިލުމަކަށް

28 ސެޕްޓެމްބަރ 2023

ޝާހްރުކް ހާންގެ އާ ފިލްމު "ޑަންކީ" އާއި ޕްރަބާސްގެ އާ ފިލްމު "ސަލާރު" އަންނަ ޑިސެމްބަރު މަހު އެއް ދުވަހެއްގައި ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފި އެވެ.

ޝާހްރުކް ހާންގެ އާ ފިލްމު "ޑަންކީ" އާއި ޕްރަބާސްގެ އާ ފިލްމު "ސަލާރު" އަންނަ ޑިސެމްބަރު މަހު އެއް ދުވަހެއްގައި ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޕްރަބާސްގެ "ސަލާރު ޕާޓް 1: ސީޒްފަޔާ" އާއި ޝާހުގެ "ޑަންކީ" ވެސް ސިނަމާތަކުގައި އަޅުވަން ފަށަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހު 22 ގަ އެވެ.

ޝާހުއަކީ އިންޑިއާ އާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސުޕަސްޓާރެކެވެ. ހަމަ އެގޮތަށް ޕްރަބާސް އަކީ ދެކުނު އިންޑިއާގެ ސިނަމާގައި އެންމެ ނުފޫޒުގަދަ އަދި އެންމެ އަގުބޮޑު އެއް ސްޓާރެވެ. އެހެންވެ، މި ދެ ފިލްމު ކުރިމަތިލުމަކަށް ދިއުމަކީ ގަދަހިފުމަކަށް ވާނެ އެވެ.

ޝާހުގެ އެންމެ ފަހުން ނުކުތް ދެ ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން" ބޮކްސް އޮފީހުގައި ހޯދާފައި ބޮޑެތި ކާމިޔާބީތަކާ ގުޅިގެން މިއީ ޕްރަބާސްގެ ފިލްމަށް ވަރަށް ޗެލެންޖިން ކަމަކަށް ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

މި އަހަރު ރިލީޒްކުރި "ޕަތާން" އާއި "ޖަވާން" އަށް ވެސް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 1،000 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނީ ވީއެފްއެކްސްގެ ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމި ހުރުމުން މި އަހަރު "ސަލާރު" ނޭޅުވުން ވެސް އެކަށީގެންވާ ކަމަށެވެ. ނުވަތަ ޑިސެމްބަރު މަހު 28 އަށް ފިލްމު ފަސްކުރާނެ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް، އެ ފިލްމު ފަސްކުރިކަން ޕްރޮޑިއުސަރުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

ޕްރަބާސް ގޭންގުސްޓާރެއްގެ ރޯލު ކުޅޭ "ސަލާރު"ގައި އޭނާއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ޖަގަޕަތީ ބާބޫ، އީސްވާރީ ރާއޯ، ސްރިޔާ ރެޑީ އަދި ޝުރުތީ ހަސަނެވެ. އެ ފިލްމަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ މަސައްކަތެކެވެ.

ޝާހުގެ "ޑަންކީ" އަކީ ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުންނާ ގުޅޭ ވާހަކަތަކަށް ބިނާކޮށް ގެނެސްދޭ ކޮމެޑީ ޑްރާމާ ފިލްމެކެވެ. އެ ފިލްމުގައި ޝާހުއާ އެކު މުހިންމު ރޯލުތަކުން ތާޕްސީ ޕަންނޫ އާއި ދިއާ މިރްޒާ އަދި ބޮމަން އިރާނީ ފެންނާނެ އެވެ. އެ ފިލްމަކީ "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" ކަހަލަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ޑައިރެކްޓުކުރި ރަޖްކުމާރު ހިރާނީގެ މަސައްކަތެކެވެ.