Roadha Mihaaru
ޔާމީނާއެކު ތިބީ ވަރަށް ހިތްދަތިކޮށް: އެމްޑީއޭ

ޔާމީނާއެކު ކޯލިޝަންގައި ތިބީ ވަރަށް ހިތްދަތިކޮށް: އެމްޑީއޭ

25 ފެބުރުއަރީ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު 2013-2018 އާ ހަމައަށް ކޯލިޝަން ހަދައިގެން ތަޖުރިބާ ކުރަން ޖެހުނީ ވަރަށް ހިތްދަތި ކަންތައްތަކެއް ކަމަށާއި އެ ފަސް އަހަރު އެ ގޮތަށް އެމްޑީއޭ އޮތީ ގައުމީ މަސްލަހަތަށްޓަކައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު 2013-2018 އާ ހަމައަށް ކޯލިޝަން ހަދައިގެން ތަޖުރިބާ ކުރަން ޖެހުނީ ވަރަށް ހިތްދަތި ކަންތައްތަކެއް ކަމަށާއި އެ ފަސް އަހަރު އެ ގޮތަށް އެމްޑީއޭ އޮތީ ގައުމީ މަސްލަހަތަށްޓަކައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ އަދި އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށް ދާން ނިންމިކަން އިއުލާން ކުރަން އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވީ، ރާއްޖޭގެ ބައިތުލްމާލުން ފައިސާ ގެއްލެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ބިލިއަން ޑޮލަރު ގެއްލިގެން ދާންޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިޝާރާތް ކުރައްވަމުން އަލީ މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމާއެކު ކުރިއަށް ނުދާން އެމްޑީއޭ ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް އެ ހިޔާނާތެވެ.

"އަނެއް ސަބަބަކީ އަޅުގަނޑުމެންނާއެކު [ޕީޕީއެމުން] ހެދި ކޯލިޝަން އެގްރީމަންޓް. އެ އެގްރީމަންޓްގައި އޮތް 20 ޕަސެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް 10 ޕަސެންޓް ވެސް ނުލިބޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރައީސަކީ ވަރަށް ކެތްތެރި ބޭފުޅެއް. އަޅުގަނޑުމެންގެ ޕާޓީގެ ރައީސަކީ ސަރުކާރުން ލިބިދާނެ މަންފާތަކަކަށް ނޫން، ފައިދާތަކަކަށް ނޫން. ލިބިދާނެ ޕޯސްޓްތަކަކަށް [ބައްލަވާ ބޭފުޅެއް] ނޫން. ގައުމާއި ރައްޔިތުންނަށްޓަކައި ހެދޭ ކޯލިޝަނެއް މިއީ،" ޕީޕީއެމްގެ ސަރުކާރުގެ ބޭފުޅުންނާ ވަރަށް އަރިސްކޮށް އުޅުއްވި އަލީ މައުރޫފު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިހުގެ ޖަލްސާގައި ބައެއް މެމްބަރުން.---ފޮޓޯ: އެމްޑީއޭ

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިހުގެ ޖަލްސާގައި ބައެއް މެމްބަރުން.---ފޮޓޯ: އެމްޑީއޭ

އޭނާ ވިދާޅުވީ، ހާރިޖީ ގުޅުމަށް އަސަރު ކުރާނެ އެތައް ކަމެއް ވެސް ޕީޕީއެމްގެ ސަރުކާރުގައި ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމަންވެލްތުން ވަކިވުމާއި ގަތަރާ ގުޅުން ކަނޑާލުން އަލީ މައުރޫފު ފާހަގަކުރެއްވި އެވެ.

"އެއީ އަޅުގަނޑުމެން ގަބޫލުކުރާ، އަޅުގަނޑުމެންގެ ޕާޓީ ވެސް ގަބޫލުކުރާ އުސޫލުތަކެއް ނޫން. އެހެން ނަމަވެސް މި ހުރިހާ ކަންތައްތަކެއް ބަރުދާސްތު ކުރަމުން ދިޔައީ އަޅުގަނޑުމެން [ޕީޕީއެމް ކޯލިޝަނުން] ވަކިވެއްޖިއްޔާމު ވަރަށް ނާޒުކް ހާލަތެއްގައި އޮތީމާ. އޭރު ޖޭޕީ އޮތީ ވަކިވެގެން ގޮސްފައި. އަދާލަތު އޮތީ ވަކިވެގެން ގޮސްފައި. ރައީސް މައުމޫން ހުރީ ވަކިވެގެން ގޮސްފައި. އަޅުގަނޑުމެން އެކަނި [ޔާމީނާއެކު] ތިބީ،" އަލީ މައުރޫފު ވިދާޅުވި އެވެ.

އެހެންވެ، އެ ހާލަތުގައި ވެރިކަން ވެއްޓިގެން ދިޔަ ނުދިނުމަށްޓަކައި ޔާމީންގެ ވެރިކަން ނިމެންދެން އެ ކޯލިޝަނުގައި އެމްޑީއޭ އޮތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އެގްރީމަންޓްގައި އޮތް 20 ޕަސެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް 10 ޕަސެންޓް ވެސް ނުލިބޭ،"--- އަލީ މައުރޫފް

އަލީ މައުރޫފު ވިދާޅުވިގޮތުގައި އެމްޑީއޭ އިން ގަބޫލުކުރާ ފަލްސަފާއަކީ ރަނގަޅަށް ވެރިކަން ކޮށްފި ނަމަ އެ ރައީސަކަށް ދެވަނަ ދައުރެއް ދިނުމެވެ.

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވެސް ގަބޫލު ކުރައްވަނީ ދެވަނަ ދައުރެއް ރައީސަކަށް ދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކަމަށް އަލީ މައުރޫފު ވިދާޅުވި އެވެ. އެހެންވެ، ރިޔާސީ ދެވަނަ ދައުރެއް ދިނުމުން ފަށާފައިވާ މަޝްރޫއުތައް ނިންމައި، ގައުމު ހަމަމަގަށް އަޅުވައި އަދި އިގްތިސޯދަށް ވެސް ރަނގަޅުވާނެ ކަމަށް ސިޔާމް ގަބޫލު ކުރައްވާ ކަމަށް އަލީ މައުރޫފު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީއޭ

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީއޭ

"އަނެއް ނުކުތާއަކަށް އަޅުގަނޑުމެންގެ ރައީސް ފާހަގަކުރީ އަޅުގަނޑުމެން ޕާޓީން ވެސް ގަބޫލުކުރާ ގޮތުގައި އެ މަނިކުފާނުގެ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ] ފަސް އަހަރަކީ ވަރަށް ހަމަހިމޭން ފަސް އަހަރު. އެ މަނިކުފާނަކީ ވަރަށް ކެތްތެރި، މަޑުމައިތިރި، ވިސްނުންތެރި ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީއޭއާއެކު ކޯލިޝަން ހަދަން ބޭނުންވާތީ ޔާމީންގެ ޕީޕީއެމުން ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، އެމްޑީއޭ އިން އެ ހުށަހެޅުން ދޫކޮށްލައި ނިންމީ އެމްޑީޕީއާއެކު މި ފަހަރު ކުރިއަށް ދާށެވެ.