Roadha Mihaaru
ފާތުން ޖަގަހަ އަށް؛ ޕީޕީއެމަށް އީދެއް ފަދަ ކަމެއް!

ފާތުން އަލުން މައިދާނަށް؛ ކަރުނަ އާއި އުފަލާ އެކު ޕީޕީއެމަށް އީދެއް

04 ސެޕްޓެމްބަރ 2023

ގެކޮޅު، ހ. ދޫވެހިން ނުކުމެވަޑައިގެން ކާނިވާ ސަރަަހައްދުގައި ހުރި ޕީޕީއެމްގެ ޖަގަހަ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާފައި ވަޑައިގެންނެވިއިރު، ކާނިވާ ސަރަަހައްދަށް ގިނަ ބަޔަކު އެއްވެ، އެ ކަމަނާއަށް ތަރުހީބު ދެމުންދިޔަ އެވެ. އިންތިޒާރުގައި އެތައް ބަޔަކު ތިއްބެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެ ތަރުހީބާއި އަތްތިލަބަޑީގެ ތެރެއިން ފާތުން ޖަގަހައިގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހުނީ ވަރުގަދަ ސެކިއުރިޓީގަ އެވެ. މީހުން ޖަމާވެ، ތޮއްޖެހިފައި އޮތް އެ ޖަގަހަ ތެރޭގައި އޭރު އޮތީ އާދަޔާ ހިލާފު ޕީޕީއެމްގެ ޖޯޝެކެވެ.

އެ މަންޒަރު ފެނިވަޑައިގަތުމުން ފާތުން އެންމެ ފަހުން ކީރިތި ކުރެއްވީ އެވެ.

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން ދިން ތަރުހީބު ފެނިފައި ކީރިތި ކުރެއްވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން ދިން ތަރުހީބު ފެނިފައި ކީރިތި ކުރެއްވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީންގެ ވެރިކަމުގައި ސިޔާސީ އަދި އިޖުތިމާއީ މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ފާތުން، ވެރިކަން ނިމުނު ފަހުން އާންމުންގެ ތެރެއަށް މިވީ ފަސް އަހަރު ތެރޭ ނުކުންނެވި މިއީ ފުރަތަމަ ފަހަރެވެ. މަނީލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 25 އިން ފެށިގެން 11 އަހަރަށް ޔާމީން ޖަލަށް ލާފައިވާއިރު، ފާތުން ނިންމެވީ ގެކޮޅުގައި ހަމަހިމޭންކޮށް ހުންނަވާށެވެ. ސިޔާސީ ކަންކަމާ ދުރުވި އެވެ.

އެކަމަކު، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ކައިރިވުމުން ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ހޯއްދެވުމަށް ސިޔާސީ މަސައްކަތަށް މިރޭ ނުކުމެވަޑައިގަތީ އެވެ. އެ ކަމަނާގެ އަރިހުގައި މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އޭނާގެ އަނބިކަނބަލުން ވެސް ޖަގަހަ އަށް ވަޑައިގަތެވެ.

މުއިއްޒުގެ ކެމްޕެއިން ޓީމުތަކާ އެކު ފާތުން ވަނީ މުއިއްޒުގެ ކެންޑިޑޭޓް ނަމްބަރު 4 އިނގިލިން ދައްކަވައި ފޮޓޯ ނަންގަވައި އެ ކަމަނާގެ ތާއީދު އޮތް ގޮތް ހާމަކުރައްވައިފަ އެވެ.

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

"ވަރަށް ވަރަށް އުފަލުން ދޯ މި ހުރީ، ކޮން ދުވަހެއް މެޑަމް ނުފެންނަތާ،" ފާތުންގެ އިންތިޒާރުގައި ޖަގަހަ ދޮށުގައި ހުރި އައިޝަތު އަލީ ބުންޏެވެ. އޭނާ އެކޭ އެއްގޮތަށް އިޝާ ނަމާދުން ފޭބި ގޮތަށް ޖަގަހަ ދޮށުގައި އަންހެވެރިން ޖަމާވެ ތިއްބެވެ.

ޖަގަހައިގައި އޮތް ކުޑަ ޖަލްސާއަކަށް ފަހު ފާތުން ނިންމެވީ އެ ކަމަނާ އަށް މަރުހަބާ ކިޔަން ގޮސް ތިބި އެންމެންނާ ސަލާމް ކުރުމަށެވެ. އެކަމަށް ކާނިވާ ސަރަހައްދުގައި ހުރި ޖަގަހައިގެ ދޮރު މަތިން ދަމާލި ސަފު ޕީޕީއެމްގެ އޮފީހާ ހަމައަށް އޮތެވެ. ކޮންމެ މީހަކު ވެސް ބެލީ ފާތުންއާ ސަލާން ކޮށްލައި ފޮޓޯއެއް ނަގާލެވޭތޯ އެވެ.

ބައެއް މީހުން ފާތުންއާ ސަލާން ކުރުމަށް ފަހު އުފަލުން ރުޔެވެ. އަނެއް ބަޔަކު އުފަލުން ހެވިފައި ތިއްބެވެ. ފާތުންގެ ކޮނޑުގައި ފިރުމައި ހިތްވަރު ދިން މީހުން ވެސް ވަރަށް ގިނަ އެވެ.

ގާތްގަނޑަކަށް 9:30 ހާއިރު ފާތުން ޖަގަހައިން ނުކުމެވަޑައިގެން މީހުންނާ ސަލާން ކުރައްވަން ފެއްޓެވިއިރު 10:30 ވީއިރު ވެސް އެންމެންނާ ސަލާމް ކުރައްވާ ނުނިމެ އެވެ. އެ ދޭތެރެއިން ކުރީގެ ރައީސް އަދި ޔާމީނާ ސިޔާސީ ގޮތުން ވާދަވެރި މުހައްމަދު ނަޝީދު ވެސް މަގުމަތިން ފާތުންއާ ސަލާން ކުރައްވައި އެކުގައި ފޮޓޯފުޅެއް ނެންގެވި އެވެ. އަދި ފާތުންއާ އެކު އޭރު ތިބި ޕީޕީއެމްގެ ސަޕޯޓަރުންގެ ވިންދާ އެއްގޮތަށް ޔާމީން މިނިވަންކުރަން ނަޝީދު ވަރަށް ޖޯޝާއި ފޯރީގައި އަޑު އުފުއްލެވި އެވެ.

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ފާތުންއަކީ "ހިތްތަކުގެ ރާނީ" ކަމަށް ސިފަކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެކަމަނާއަކީ އެންމެ ބޮޑު ހިދުމަތެއް ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ފަސްޓް ލޭޑީ ކަމަށެވެ. މި ފަސް އަހަރަކީ ޔާމީންގެ އާއިލާ އަށް ވަރަށް ހިތްދަތި އަހަރުތަކެއް ކަމާއި ނަމަވެސް، މިއަދު ފާތުން ފެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެކަމަކު އެކަމަނާ އަށް މިއީ އެހާ އުފާވެރި ދުވަސްތަކެއް ނޫން، ހިތްދަތި ދުވަސްތަކެއް، އެހެން ނަމަވެސް މި ހިތްދަތި ކަމުގައި ވެސް ޔާމީންގެ ފަދައިން އެ ކަމަނާ ވެސް އިސްކުރެއްވީ ގައުމުގެ މަސްލަހަތު، ރައްޔިތުންގެ މަސްލަހަތު،" ޝިޔާމް ވިދާޅުވި އެވެ.

މުއިއްޒުގެ ރަނިންމޭޓް ހުސައިން ވިދާޅުވީ، ހިތްދަތި ދަނޑިވަޅެއްގައި ވެސް ފާތުން ދައްކަވާ ހިތްވަރަކީ ޕާޓީގެ ހުރިހާ އަންހެނުންނަށް ވެސް ނަމޫނާއެއް ކަމަށެވެ. އެކަމަނާ އަބަދުވެސް އިސްކުރައްވަނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި އެ މަސައްކަތް ކުރެއްވި ކަަމަށް ހުސައިން ވިދާޅުވި އެވެ. ފާތުން މިއަދު ނުކުންނެވީ ވެސް އެ މަސްލަހަތުގައި ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން ވިދާޅުވި އެވެ.

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން ދިން ތަރުހީބު ފެނިފައި ކީރިތި ކުރެއްވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީންގެ އަނބިކަނބަލުން ފާތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންނެވުމުން ސަޕޯޓަރުން ދިން ތަރުހީބު ފެނިފައި ކީރިތި ކުރެއްވި - ފޮޓޯ: ނިޝާން އަލީ / މިހާރު

"މިރޭ އަޅުގަނޑުމެންގެ ދިވެހި ކަނބަލުންގެ ލޮބުވެތި ކަމަނާ މިތަނަށް ވަޑައިގެން އިންނެވި އިންނެވުމުން އަޅުގަނޑުމެންގެ އާއިލީ ގުޅުން ދައްކުވައިދޭ،" ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެތްތެރިކަން ނިންމަން ވާނީ އުފަލާ އެކު. މި ނިންމުން ނިންމާނީ ބަދަހި ލަޝްކަރާ އެކު ރައީސް ޔާމީން މިނިވަން ކޮށްފައި. ރައީސް ޔާމީންގެ ލެގަސީ ފިލުވާލުން، އެކަން ލާހިކެއް ނޫން ކުރާކަށް."