Roadha Mihaaru
ބަރުލަމާނީއަށް ތާއީދު ނުލިބޭނެ، އެކަން ހުއްޓާލާ:ގާސިމް

ބަރުލަމާނީ ގެންނަން ތާއީދެއް ނުލިބޭނެ، ނިޒާމު ގަޑުބަޑުނުކޮށް ހުއްޓާލާ: ގާސިމް

01 އޮކްޓޯބަރ 2023

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން މުޅި ނިޒާމް ކުއްލި ގޮތަކަށް ގަޑުބަޑުކޮށް ހަމަޖެހުން ނަގާނުލައި، ނިޒާމުގެ މަސައްކަތް ކުރުން ހުއްޓާލަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން މުޅި ނިޒާމް ކުއްލި ގޮތަކަށް ގަޑުބަޑުކޮށް ހަމަޖެހުން ނަގާނުލައި، ނިޒާމުގެ މަސައްކަތް ކުރުން ހުއްޓާލަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،000 ވޯޓާ އެކު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތް ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ބޭއްވި ރިޔާސީ އިންތިހާބަކުން އިންތިހާބުވި ރައީސަކު ހުވާކުރުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަނީ ގާނޫނު އަސާސީއާއި ބައިނަލްއަގްވާމީ މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އެ ކޮމިޝަނުން އަންނަނީ 29 ވަނަ ދުވަހު ވޯޓު ނެގުމަށް ތައްޔާރުވަމުންނެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ދައުރަށް ރައްޔިތުން ރައީސަކު އިންތިހާބުކޮށް އެ ނަތީޖާ ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ބަލައިގެންފައިވަނިކޮށް، ވަކި ބަޔަކު ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރަނީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފަށް ކަމަށެވެ.

ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި ނިޒާމު ގަޑުބަޑުކުރުމަކީ ގައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ އަދި ކޮށްގެން ވާނޭ ކަމެއް ވެސް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

މި ނިންމުމުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ހަމަޖެހުން ގެއްލި، ފަސާދައަށް މަގުފަހިވެގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީއަކުން ތިމާމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫންކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން،" ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމް ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބުކުރި ރައީސާ ހަވާލުކޮށް އަމާންކަމާއި އޮމާންކަމާ އެކު ގައުމާއިގެން ކުރިއަށް ދިއުމަކީ ދިވެހި ގައުމުގެ ހައްގުގައި އެންމެ އިސް ވާޖިބުކަމަށެވެ.

"ގައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކޮށް، ތަފާތު ރޮނގޮރޮނގުގައި ގައުމު ކުރިއަށް ގެންދެވޭނީ ގައުމުގައި ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް،" ގާސިމް ވިދާޅުވި އެވެ.

ނިޒާމު ބަދަލުކުރި ނަމަވެސް، އެކަމުން ރައްޔިތަކަށް ވާނޭ ފައިދާއެއް ނޯންނާނެ ކަމަށާއި ފައިދާ ވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް އައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވަނީ ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ސިޔާސީ ވެރިން އެކަން ހުއްޓާލައި، ގައުމުގެ ހަމަޖެހުން އިސްކޮށްގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.