Roadha Mihaaru
ބިދޭސީ ޓީޗަރުން މަދުވެ، ދިވެހި ޓީޗަރުން އިތުރު ވެއްޖެ

ފަސް އަހަރުގެ ތެރޭގައި ދިވެހި ޓީޗަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

05 އޮކްޓޯބަރ 2023

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެނައި ބިދޭސީ ޓީޗަރުންގެ އަދަދު މަދުވެ، ދިވެހި ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެނައި ބިދޭސީ ޓީޗަރުންގެ އަދަދު މަދުވެ، ދިވެހި ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު މައުލޫމާތުގެ ޖަވާބުގައި މިނިސްޓްރީން ބުނީ 2014 އިން 2018 އަށް ރާއްޖޭގައި ތިބީ 1،356 ބިދޭސީ ޓީޗަރުން ކަމަށެވެ. އޭރު ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 4،078 އެވެ.

އެކަމަކު 2018އިން ފެށިގެން މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،188 އެވެ. އެ މުއްދަތުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 6،596 އެވެ. އެއީ 2،518 ދިވެހި ޓީޗަރުންގެ އިތުރު ވުމެކެވެ.

މިދިޔަ ފަސް އަހަރު ގުރުއާނާއި އަރަބި ކިޔަވައިދޭން އެކި ގައުމުތަކުން 26 ޓީޗަރުން ވަނީ ގެނެސްފަ އެވެ.

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ދެ މާއްދާ ކިޔަވައިގެން ތިބި ޓީޗަރުން ރާއްޖޭގައި އުޅޭއިރު ވެސް ބޭރުން ޓީޗަރުން ގެންނަ މައްސަލަ މިދިޔަ އަހަރު ވެސް ވަރަށް ބޮޑުވި އެވެ. މިނިސްޓްރީން އޭރު ބުނީ ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން ބޭރުން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބިގެން ކަމަށެވެ.

މިހާރު ދިވެހި ޓީޗަރުންގެ އަދަދު އިތުރުވެފައި ވަނީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުން ކަމަށް ވެސް ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ. ކުރިއަށް އޮތް ތަނުގައި ޓީޗިން ކިޔަވައި ދިވެހި ކުދިންގެ އަދަދު އިތުރު ވާނެ ކަމަށް ވެސް އެ ބޭފުޅުން ލަފާ ކުރައްވަ އެވެ.