Roadha Mihaaru
މަގުމަތީ "މަހާނަ" ހަދައިގެން ހަ މީހަކު ހައްޔަރުކޮށްފި

އުކުޅަހު މަގުމަތީ "މަހާނަ" ހަދައިގެން އެމްޑީޕީގެ ހަ މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017

އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއި ކުރުމުން އއ. އުކުޅަހު މަގުމަތީގައި "މަހާނަ"އެއް ހެދި މައްސަލައިގައި އަތޮޅު ކައުންސިލްގެ މެމްބަރަކު ހިމެނޭ ގޮތަށް ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއި ކުރުމުން އއ. އުކުޅަހު މަގުމަތީގައި "މަހާނަ"އެއް ހެދި މައްސަލައިގައި އަތޮޅު ކައުންސިލްގެ މެމްބަރަކު ހިމެނޭ ގޮތަށް ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

އެ އަތޮޅު ރަސްދޫންނާއި މާލެއިން ފުލުހުންގެ ޓީމެއް ގޮސް، މި އެންމެން ރޭ ހައްޔަރުކުރީ ސިހުރު ފަންޑިތަ ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި ކަމަށް ބުނެ އެވެ.

އުކުޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވި ގޮތުގައި ކުރިން އެ ރަށުގައި އެމްޑީޕީގެ އެންމެ އިސް އެކްޓިވިސްޓުގެ ގޮތުގައި ހަރަކާތްތެރިވި މީހަކު މިދިޔަ ހަފުތާގައި ޕީޕީއެމަށް ސޮއި ކުރުމުން، އެ ރަށުގެ އެމްޑީޕީގެ ސަޕޯޓަރުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ. އަދި މަހާނައެއް ސިފަވާ ގޮތަށް، މަގުމައްޗަށް ވެލި އަޅައި އޭގެ މައްޗަށް މާ އަޅައި "މޮނިއުމަންޓް"އެއް ހެދި ކަމަށާއި އެއީ އޭނާގެ ނަން އެ ޕާޓީން ފޮހެލީ ކަމަށް ނިންމައި އެ މީހުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

"މަހާނަ" ހެދި މައްސަލައިގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ޓްވިޓާ

"މަހާނަ" ހެދި މައްސަލައިގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ޓްވިޓާ

އެކަމަކު ސިހުރާއި ފަންޑިތައިގެ އެއްވެސް ކަމެއް އޭގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުން އެ މަހާނަ ހެދީ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކޮންމެ ހަފުތާ ބަންދެއްގައި އެ ރަށުގައި ބާއްވާ ބޮނޑިބަތް ކެއުމުގެ ހަރަކާތެއްގެ ތެރެއިން ކަމަށެވެ.

"އެއީ ރަށުގެ ބޮޑު މަގުގައި ކުރި ކަމެއް. އަޅުގަނޑުމެން ބޮނޑިބަތް ކެއުމުގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް ފުލުހުން އައިސް ސުވާލު ކުރަނީ ސިޔާސީ ލަވަ ޖަހައި، އެ ހަރަކާތް ކުރިއަށް ގެންދަނީ ކީއްކުރަންހޭ. ދެން އެ މޮނިއުމަންޓާ ގުޅޭ ގޮތުން ސުވާލުކުރުމުން އަޅުގަނޑުމެން ބުނިން އެއީ ހާޑްކޯ އެކްޓިވިސްޓަކު ޕާޓީން ވަކިވީމާ ކުދިންތަކެއް (ސަމާސާއަކަށް) ކުރި ކަމެކޭ،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ "މަހާނަ ރޫޅާލަން" ފުލުހުން ބުނުމުން އެކަމަށް އެއްވެސް މީހަކު ދެކޮޅު ނުހަދާ ކަމަށެވެ.

"ފުލުހުން ދިޔައީ އެތަނުގެ ފޮޓޯ ނަގައި، އެތަން ރޫޅާލާފައި. އަޅުގަނޑުމެން ހީކުރީ ދެން މިކަންތައް އެ ނިމުނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"މަހާނަ" ހެދި މައްސަލައިގައި އުކުޅަހުން ބަޔަކު ހައްޔަރުކޮށް ގެންދާތީ އެ ރަށު ބައެއް މީހުން އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: ޓްވިޓާ

"މަހާނަ" ހެދި މައްސަލައިގައި އުކުޅަހުން ބަޔަކު ހައްޔަރުކޮށް ގެންދާތީ އެ ރަށު ބައެއް މީހުން އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: ޓްވިޓާ

ފުލުހުންގެ ޓީމެއް ރޭ އުކުޅަހަށް ގޮސް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި މައްސަލަ އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެއީ އިންތިހާބާ ގުޅޭ ގޮތުން އާއްމުންގެ ކަންބޮޑުން ފާޅުކުރުމަށް ބޭއްވި އެއްވުމެއް ކަމަށާއި އެކަމަކު ސިހުރު ހެދި ކަމުގެ ތުހުމަތުގައި އޭގެ ތެރޭން ބަޔަކު ހައްޔަރު ކުރުމަކީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށް ބިރު ދެއްކުމަށް ސަރުކާރުން ކުރި ކަމެއް ކަމަށެވެ.