Roadha Mihaaru
އިރާނުން މިފަހަރު 17 އަށް ވުރެ ގިނަ ލަނޑު ޖަހައިފި

އީރާނުން މިފަހަރު ރާއްޖެ ކޮޅަށް 17 އަށް ވުރެ ގިނަ ލަނޑު ޖަހައިފި

07 އޮކްޓޯބަރ 2023

ކިރިގިސްތާނުގެ ވެރިރަށް ބިޝެކްގައި މިހާރު ކުރިއަށްދާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އީރާނާ ވާދަކޮށް 18-2 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކިރިގިސްތާނުގެ ވެރިރަށް ބިޝެކްގައި މިހާރު ކުރިއަށްދާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އީރާނާ ވާދަކޮށް 18-2 އިން ބަލިވެއްޖެ އެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފު، ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އޮތް އީރާނުން ނިންމާލީ 6-1 އިން ކުރީގައި އޮވެ އެވެ.

ރާއްޖޭން މި ހާފުގައި ކާމިޔާބު ކުރި ހަމައެކަނި ގޯލު، ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އީރާނުގެ ކީޕަރު ކުރިއަށް އަރާ ހުރި ވަގުތު އޭގެ ފައިދާ ނަގައި ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އޭރު ވެސް އީރާނުން އޮތީ ހަ ގޯލު ޖަހައިފަ އެވެ.

ފަހު ހާފުގައި އީރާނުން ފެނުނީ މާ ނުރައްކާ ކޮށެވެ. ފެށި ގޮތަށް ފުލުފުލުގައި އެޓީމުން އުފެއްދި އެޓޭކްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި، އެޓީމުން މި ހާފުގައި 12 ގޯލު ކާމިޔާބު ކުރި އެވެ.

މެޗުގެ ކުރިން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ޓީމު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އަލީ ނަދީމް/ ފުޓްސަލް ޓީމް

މެޗުގެ ކުރިން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ޓީމު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އަލީ ނަދީމް/ ފުޓްސަލް ޓީމް

މި ހާފުގައި ރާއްޖޭގެ ދެވަނަ ލަނޑު، އަލީ ހާފިޒް އިރާނުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ދިން ޕާހަކުން ޖަހައިދިނީ އަލީ ޝިޔާހު (ޝިޔާ) އެވެ. މިއީ އޭނާ ފުޓްސަލް ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ޝިޔާހު ގޯލު ޖެހި އިރު ވެސް އިރާނުން ވަނީ 14 ގޯލު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރުވަރަކަށް މިނިޓު ވެފައި ވަނިކޮށް ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) އަށް އަނިޔާ ވެގެން، މިފަހަރު އަލަށް ގައުމީ ޓީމުން ޖާގަ ހޯދި ފައްޔާޒް ފަޔާޒް (ފައިއްޓެ) ވަނީ ކުޅެން އަރުވައިފަ އެވެ. ނަމަވެސް ފަހު ހާފުގައި ކޯޗު އަބްދުﷲ ނަސީރު (އަބޯ) ވަނީ އަލުން ޒައިދާން ކުޅެން ނެރެފަ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ބުދަ ދުވަހު ކިރިގިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.

މިދިޔަ އަހަރުގެ ކޮލިފައިންގައި ވެސް ރާއްޖޭން ވަނީ އިރާނާއި ކިރިގިސްތާނާ ދެކޮޅަށް ކުޅެފަ އެވެ. އެފަހަރު އިރާނު އަތުން ބަލިވީ 17-0 އިންނެވެ. ކިރިގިސްތާން އަތުން 7-1 އިން ބަލިވިއިރު، ދެން ކުޅުނު ތުރުކުމެނިސްތާން އަތުން ބަލިވީ 7-0 އިންނެވެ.

ޒަމާނުއްސުރެން ރާއްޖޭގައި ފުޓްސަލް ކުޅެމުން އަންނައިރު، ރާއްޖޭގައި އިންޑޯ ކޯޓެއް ނެތުމަކީ ފުޓްސަލްގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މީގެ އިތުރުން ގައުމީ ފުޓްސަލް ލީގެއް ނެތުމަކީ ވެސް ފުޓްސަލް ކޮމިއުނިޓީގެ ބޮޑު ކަންބޮޑުވުމެކެވެ.