Roadha Mihaaru
އިރާން ކޮޅަށް ރާއްޖޭން ޖެހި ދެ ގޯލަށް ތައުރީފުހައްގު!

އިރާން ކޮޅަށް ރާއްޖޭން ޖެހި ދެ ގޯލަށް ތައުރީފު ހައްގު!

08 އޮކްޓޯބަރ 2023

މިއަހަރުގެ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ވަރުގަދަ އިރާނާ ދެކޮޅަށް ކުޅެ 18-2 އިން ބަލިވެފަ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރުގެ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ވަރުގަދަ އިރާނާ ދެކޮޅަށް ކުޅެ 18-2 އިން ބަލިވެފަ އެވެ.

ތަފާތު ބޮޑު ނަތީޖާއެއް ނަމަވެސް، ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އޮތް ޓީމާ ދެކޮޅަށް، ބައިނަލްއަގުވާމީ މެޗަކަށް ތަމްރީނު ކުރާނެ އެއްވެސް ވަސީލަތެއް ނެތް ރާއްޖޭގެ ކުޅުންތެރިން ކުރި ހިތްވަރާއި، ޖެހި ދެ ގޯލަށް ތައުރީފް ހައްގެވެ.

މީގެ ކުރިން 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ކުޅުނު އަޝްހަދު އަލީ (އަޑޭ) ވަނީ އެ މުބާރާތުން ލޯ މެޑަލް ހޯދި އިރާންގެ ޒުވާން ޓީމު ކޮޅަށް ގޯލު ޖަހައިފަ އެވެ. ފުޓްސަލް ޓީމުން އިއްޔެގެ މެޗުގައި ގޯލު ޖަހައިފައި ވާއިރު މިއީ ސީނިއާ ލެވެލްގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް އިރާން ކޮޅަށް ރާއްޖޭން ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ. ހަމަ އެއާ އެކު ފުޓްސަލްގައި އިރާން ކޮޅަށް ގޯލެއް ޖެހުމަކީ ވެސް ހާއްސަ ކަމެކެވެ.

އިއްޔެގެ ގެ މެޗާ ހަމައަށް ވެސް ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ ރޭންކް ނުކުރެވި އެވެ. އެކަމަކު އިއްޔެގެ މެޗުތަކަށް ފަހު ރާއްޖެ ވަނީ 135 ވަނައިގައި ރޭންކް ކޮށްފަ އެވެ.

އިރާނަކީ އޭޝިއާ ސަރަހައްދުގެ ފުޓްސަލްގައި އެއްވަނަ އެވެ. ރެކޯޑް 12 ފަހަރު އޭޝިއާގެ ޗެމްޕިއަންކަން ހޯދައި، އެޓީމު އަންނަނީ ގަވާއިދުން ފުޓްސަލް ވޯލްޑް ކަޕްގައި ވެސް ކުޅެމުންނެވެ.

އިއްޔެ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ރާއްޖޭގެ ފުރަތަމަ ގޯލު ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އޭނާ ވަނީ ހުޒެއިފަތު ރަޝީދު (ހުޒޭ) ކުރިއަށް ޖައްސާލި ބޯޅަ ހޯދަން އިދިކޮޅު ގޯލްކީޕަރު ކުރިއަށް އެރި ވަގުތު އެއްފަހަރުން ޖައްސައި ކީޕަރުގެ ދެފައި ދޭތެރޭން ގޯލަށް ފޮނުވާލައިފަ އެވެ.

މިއީ ގައުމީ ޓީމަށް ޖަހައިދިން ތިންވަނަ ގޯލު ނަމަވެސް، ކޮލިފައިން މެޗެއްގައި ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. މީގެ ކުރިން އޭނާ ދެ ގޯލު ޖެހީ މިދިޔަ އަހަރު ތައިލެންޑުގައި ބޭއްވި އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕްގައި އޮމާނާ ދެކޮޅަށެވެ.

"އެއީ ވަރަށް ހާއްސަ ގޯލެއް، ބޭނުންވޭ އާއިލާއަށް މި ގޯލު ހާއްސަ ކޮށްލަން، ވަކިން ހާއްސަކޮށް މުޅި ދިވެހި ފުޓްސަލް ކޮމިއުނިޓީއަށް،" މެޗަށް ފަހު "މިހާރު" އާ ވާހަކަ ދައްކަމުން އަލީ ހާފިޒް ބުންޏެވެ.

"މިއީ ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތް، ޓާފް ދަނޑުތަކުގައި މުބާރާތް ކުޅެފަ ބައިނަލްއަގުވާމީ މެޗެއް ކުޅުން ވަރަށް ތަފާތު. އައުމުގެ ކުރިން ޓްރޭނިން ކޭމްޕެއް ލިބުނު ނަމަ މިއަށްވުރެ ވެސް ފަރަގު ކުޑަކުރެވޭނެ ކަމަށް ދެކެން. ދެން ރާއްޖޭގައި ފުޓްސަލްގެ ފޯރި ވަރަށް ބޮޑަށް އޮވޭ، އެކަމު އިންޑޯއެއް ނެތި، ގައުމީ ފުޓްސަލް ލީގެއް ނެތުމަކީ ވަރަށް ދެރަ ކަމެއް. ގައުމީ ޓީމުގެ ނަތީޖާ ރަނގަޅުކުރެވޭނީ ޓްރޭނިންތަކާއި ފެސިލިޓީސް ރަނގަޅު ވެގެން."

ދެވަނަ ގޯލުގައި ވެސް ހާއްޕެގެ ހުނަރު ފެނުނެވެ. ހުސެއިން ޝަރީފް (އޮންލީ) ދިން ބޯޅަ ހިފައިގެން ހާއްޕެ އިރާނުގެ ތިން ކުޅުންތެރިން ކައިރިން ދެމިލާފައި ހުސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެވަނަ ގޯލު ޖަހައިދިނީ އަލީ ޝިޔާހު (ޝިޔާ) އެވެ. މިއީ އަލަށް ގައުމީ ޓީމުގައި ހިމެނިގެން ޝިޔާހު ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

އިރާން ކޮޅަށް ގޯލު ޖެހި އަލީ ހާފިޒު (ކ)، އަދި އަލީ ޝީޔާހު (ވ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިރާން ކޮޅަށް ގޯލު ޖެހި އަލީ ހާފިޒު (ކ)، އަދި އަލީ ޝީޔާހު (ވ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ގޯލު ޖެހުމުން އުފާވޭ، ހާއްސަކޮށް ފުރަތަމަ މެޗުގައި އިރާން ފަދަ ގައުމަކާ ދެކޮޅަށް ކުޅެން މި ޖެހުނީ،" ގައުމީ ޓީމުގެ ޑެބިއު މެޗުގައި ގޯލު ޖެހުމަށް ފަހު ޝިޔާހު "މިހާރު" އަށް ކިޔައިދިނެވެ.

"ފުޓްސަލްގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވެސް ރަނގަޅު ވާދައެއް ކޮށްލެވޭ ފެންވަރު ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހަގީގަތުގައި އެބަ ހުރި. އެކަމު ގައުމީ ލެވެލްގައި ފުޓްސަލް މި އޮންނަނީ ވަރަށް ބޮޑަށް ބާކީ ވެފަ. އަޅުގަނޑުމެން ވެސް ބޭނުންވޭ ރަނގަޅު އިންޑޯއަކާއި ގައުމީ ލީގެއް. ގައުމީ ޓީމު މެޗަކަށް ތައްޔާރުވާއިރު ޓްރޭނިން ކޭމްޕެއް ނޫނީ ރަނގަޅު ފްރެންޑްލީސް ވެސް ހަމަ ވަރަށް މުހިއްމު."

އިރާނުން ވަނީ ކޮލިފައިން އަށް ތައްޔާރުވާން ފުޓްސަލްގައި ދުނިޔޭގެ އެއްވަނަ ބްރެޒިލްގައި މިދިޔަ މަހު އޮތް މުބާރާތެއްގައި ކުޅެފަ އެވެ. ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް ނެތް އިރު، މިދިޔަ އަހަރުގެ ކޮލިފައިން އަށް ގައުމީ ޓީމު ދިޔައީ ތައިލެންޑުގައި ބޭއްވި މުބާރާތެއްގެ ތަޖުރިބާއާ އެކު އެވެ. މިއަހަރުގެ މުބާރާތަށް ފުރުމުގެ ކުރިން ރާއްޖެއަށް ޓްރޭނިން ކޭމްޕެއްގެ ފުރުސަތު ހަމަ ނުޖެހުނު ނަމަވެސް، ހަފްތާއެއް ވަންދެން ސޯޝަލް ސެންޓަރުގެ އިންޑޯގައި ތަމްރީނުތައް ކުރިއަށް ގެންދިޔަ އެވެ.