Roadha Mihaaru
ރާއްޖޭން ދެއްކީ އުންމީދީ ކުޅުމެއް: ކޯޗު އަބޯ

ރާއްޖޭން ދެއްކީ އުންމީދީ ކުޅުމެއް: ކޯޗު އަބޯ

11 އޮކްޓޯބަރ 2023

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގެ ފަހު މެޗުގައި މިރޭ ކިރިގިސްތާނާ ވާދަކޮށް 8-3 އިން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އުންމީދީ ކުޅުމެއް ފެނުނު ކަމަށް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގެ ފަހު މެޗުގައި މިރޭ ކިރިގިސްތާނާ ވާދަކޮށް 8-3 އިން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އުންމީދީ ކުޅުމެއް ފެނުނު ކަމަށް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.

"ގުރޫޕްގެ އެންމެ ބަލި ޓީމުގެ ގޮތުގައި އޮތަސް ރާއްޖޭން ވަރަށް ރަނގަޅު އުމީދީ ކުޅުމެއް މިއަދު ކުޅުނު. ކިރިގިސްތާނު ކުޅުންތެރިންގެ ހަލުވިކަން މެޗުގައި އެންމެ ބޮޑު ތަފާތަކަށް ވީ،" މެޗަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުން އަބޯ ބުންޏެވެ.

"ކުރިއެރުން ހޯދަން އަހަރެމެން ބޭނުންވޭ، އެކަމު ފެޑެރޭޝަނުން އަހަރެމެންނަށް ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ހަމަޖައްސައި ނުދޭ. ކޮލިފައިން ނިންމައިފައި ގައުމީ ޓީމުގެ މެޗުތައް މި ނިމުނީ، ދެން އެނބުރި ގައުމަށް ގޮސް އައުޓްޑޯ ޓާފް ދަނޑުތަކުގަ ކުޅުންތެރިން ކުޅޭނީ. އެއީ މައްސަލައަކީ. ރަނގަޅު އިންޑޯއެއް އަހަރެމެންނަށް ލިބިއްޖެއްޔާ މި ޓީމު ވަރަށް ބޮޑަށް ކުރިއަރާނެ."

މިރޭގެ މެޗަށް ރާއްޖެ ނުކުތީ ބަދަލުތަކަކާ އެކު އެވެ. އިޝާން އިބްރާހިމް (ސައްޓު) އާއި ހުސެއިން ޝަރީފް (އޮންލީ) އާއެކު ސާމިން މުހައްމަދު ނަސީރު ސްޓާޓް ކުރިއިރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އަދި ގޯލު ބެލެހެއްޓީ ފައްޔާޒް ފަޔާޒް (ފައިއްޓެ) އެވެ.

މެޗުގެ ހަތަރު ވަނަ މިނިޓުގައި ކިރިގިސްތާނުން ގޯލެއް ޖަހައި ލީޑު ހޯދި ނަމަވެސް، ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އަލީ ޝާފިއު (ޝާއްޕެ) ވަނީ ގޯލެއް ޖަހައި ރާއްޖެއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އޭނާ މި ގޯލު ޖެހީ ހާފިޒު ނަގައިދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

ކިރިގިސްތާނާ އެއްވަރުކުރަން ޝާފިއު ޖެހި ގޯލު.--

އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ކިރިގިސްތާނުން އިތުރު ދެ ގޯލު ޖަހައި މި ހާފު ނިންމާލީ އަލުން ލީޑު ހޯދައިގެންނެވެ.

ދެވަނަ ހާފު ފެށިގެން އަށްވަނަ މިނިޓުގައި ކިރިގިސްތާނުން ދެ ގޯލު ޖަހާފައި ވަނިކޮށް ޖެހިގެން އައި މިނިޓުގައި ރާއްޖޭގެ ދެވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ގޯލްކީޕަރު ކައިރިން ނައްޓާފައި ސާމިން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ކިރިގިސްތާނު ކުޅުންތެރިއެއް އަތުން ޖައްސައި ބޯޅަ މަތަކުރުމުން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަލީ ހާފިޒެވެ.

މާ ގިނައިރެއް ނުވެ ކިރިގިސްތާނުން އެޓީމުގެ ހަވަނަ ގޯލު ޖަހައިފައި ވަނިކޮށް މި ހާފުގެ 11 ވަނަ މިނިޓުގައި އަލީ ހާފިޒް ވަނީ ރާއްޖޭގެ ތިންވަނަ ގޯލު ޖަހައިދީފަ އެވެ.

ކިރިގިސްތާނު ކޮޅަށް އަލީ ހާފިޒް ޖެހި ދެ ގޯލު.--

ކޮލިފައިންގެ ތިން މެޗުގައި ރާއްޖޭން މުޅި އެކު ހަ ގޯލު ޖެހިއިރު، އޭގެ ތެރެއިން ހަތަރު ގޯލު ޖަހައިދިނީ އަލީ ހާފިޒެވެ. އޭނާ ވަނީ ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.

މެޗުގައި ރާއްޖޭން ތިންވަނަ ގޯލު ޖެހިތާ ދެ މިނިޓު ފަހުން ކިރިގިސްތާނުން އެޓީމުގެ ހަތްވަނަ ގޯލު ޖެހި އެވެ. އަށްވަނަ ގޯލު ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށެވެ.

ކިރިގިސްތާނުން މެޗުގައި ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ރާއްޖޭން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެން މަސައްކަތް ކޮށް، ލިބުނު މަދު ފުރުސަތުތަކުގައި ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ކޮލިފައިންގައި ވެސް ކިރިގިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނެވެ. އެ މެޗުން ރާއްޖެ ބަލިވީ 7-1 އިންނެވެ.

ކިރިގިސްތާނުގައި ހޯސްޓު ކުރި ކޮލިފައިން ގުރޫޕްގެ ފުރަތަމަ މެޗުގައި ވަރުގަދަ އިރާނާ ވާދަކޮށް ރާއްޖެ ބަލިވީ 18-2 އިންނެވެ. ދުނިޔޭގެ ހަވަނައިގައި އޮތް ޓީމާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗަކީ މިދިޔަ އަހަރުގެ ކޮލިފައިން މެޗުތަކަށް ފަހު ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ދެވަނަ މެޗުގައި ލެބަނަން ކުރި ހޯދީ ފަހަތުން އަރައި 6-1 އިންނެވެ.

މިއަދުގެ މޮޅާ އެކު ކިރިގިސްތާނުން ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރު ތައިލެންޑްގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައި ވެފަ އެވެ. ހޯމަ ދުވަހު 10-2 އިން އިރާން އަތްދަށުވިއަސް ފުރަތަމަ މެޗުގައި ލެބަނަންގެ މައްޗަށް ކިރިގިސްތާނުން ވަނީ 5-4 އިން ކުރި ހޯދައިފަ އެވެ.

ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދީ އިރާނެވެ. އިރާނުން ވަނީ މިއަދު 6-0 އިން ލެބަނަން ބަލިކޮށްފަ އެވެ.