08 އޮކްޓޯބަރ 2023
އިޒްރޭލުގެ އަސްކަރީ ހިސޯރުގައި އޮންނަތާ 17 އަހަރުވީ ގާޒާގެ ތެރެއިން، އިޒްރޭލުގެ އެތެރެއަށް ފަލަސްތީނުގެ މީހަކަށް ނުވަދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އިޒްރޭލަށް އޮވެ އެވެ. އެއީ ގާޒާގެ ވަށައިގެން އިޒްރޭލުން ގާއިމުކޮށްފައިވާ ކަށިނަރުގެ ވަރުގަދަ ފާރާއި، އިޒްރޭލާއި ގާޒާ ގުޅޭ ސަރަހައްދީ އިމުގައި ގާއިމުކޮށްފައިވާ ސީސީޓީވީ ކެމެރާތަކާއި، އެ ސަރަހައްދުގައި ދާއިމީ ގޮތެއްގައި ފޯރިމަރަމުންދާ އިޒްރޭލު ސިފައިންނާއި ފުލުހުންނަށް ނުފެނި އެކަން ނުކުރެވޭނެތީ އެވެ.
އިޒްރޭލުގެ އަސްކަރީ ހިސޯރުގައި އޮންނަތާ 17 އަހަރުވީ ގާޒާގެ ތެރެއިން، އިޒްރޭލުގެ އެތެރެއަށް ފަލަސްތީނުގެ މީހަކަށް ނުވަދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އިޒްރޭލަށް އޮވެ އެވެ. އެއީ ގާޒާގެ ވަށައިގެން އިޒްރޭލުން ގާއިމުކޮށްފައިވާ ކަށިނަރުގެ ވަރުގަދަ ފާރާއި، އިޒްރޭލާއި ގާޒާ ގުޅޭ ސަރަހައްދީ އިމުގައި ގާއިމުކޮށްފައިވާ ސީސީޓީވީ ކެމެރާތަކާއި، އެ ސަރަހައްދުގައި ދާއިމީ ގޮތެއްގައި ފޯރިމަރަމުންދާ އިޒްރޭލު ސިފައިންނާއި ފުލުހުންނަށް ނުފެނި އެކަން ނުކުރެވޭނެތީ އެވެ.
ނަމަވެސް، އިއްޔެ (އޮކްޓޫބަރު 7، 2023) ހަމާސްގެ އަސްކަރީ ގޮފި އަލް ޤައްސާމް ބްރިގޭޑުން، ކަށިނަރުގެ ފާރު ފޫއަޅުވާލައި އެއްގަމާއި ވަޔާއި ކަނޑުމަގުން ދޭން ފެށި ހަމަލާތަކަކީ، ކިތަންމެ ގަދަ އަސްކަރީ ބާރެއް ލިބިފައި އޮތަސް، އިޒްރޭލަށް އަމާންކަމެއް ނެތް ކަމުގެ ސާފު ހެއްކެކެވެ. ގާޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކަށް ގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން އަރައިގަތުމާއެކު، އެ އާބާދީތަކުގައި އުޅޭ ޔަހޫދީންނަށް ހީވީ ގިޔާމަތްވީ ހެންނެވެ.
އެ އާބާދީތަކުގައި ދިރިއުޅޭ ބައެއް ޔަހޫދީން ބުނި ގޮތުގައި، އެމީހުން އިޒްރޭލުގައި ވަޒަންވެރިވި ފަހުން މިހާތަނަށް އެފަދަ ބިރުވެރި ދުވަހެއް އަދި އެފަދަ ނުރައްކާތެރި ހިނދުކޮޅެއް ކުރިމައްޗެއް ނުވެ އެވެ. އާބާދީތަކުގައި ދިރިއުޅޭ ހުރިހާ ޔަހޫދީން ވެސް ބެލީ، އެމީހަކަށް ވެވުނު ގޮތަކުން އެމީހެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯ އެވެ.
ހަމާސްގެ ހަމަލާތައް ފެށުނު އިރު، ޔަހޫދީންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި، ގާޒާގެ ރަށްބޭރު ސަރަހައްދުގައި ޔަހޫދީ ސިފައިން ގާއިމުވެ ތިބޭ އަސްކަރީ ކޭމްޕެއް ވެސް ހުރެ އެވެ. ނަމަވެސް ގާޒާގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިން އަރައިގަތް އިރު، އެ ކޭމްޕުގައި ތިބި މީހުންނަށް ވެސް ރެއަކާ ނުލި އެވެ.
އެއާ އެކު އިޒްރޭލުގެ ނޫސްތަކުން ވެސް އަދި އާންމުން ވެސް ކުރަމުން ދަނީ އެއް ސުވާލެކެވެ. އަސްކަރީ މާ ބޮޑު ގާބިލުކަމެއް ލިބިފައި ނެތް، ހަނގުރާމަވެރި ޖަމާއަތެއް އެހާ ގަދަފަދަ ގޮތެއްގައި ޔަހޫދީ ދައުލަތުގެ މައްޗަށް ޖެހިގަތީ ކިހިނެއް ހެއްޔެވެ؟
ޤައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން އެއްގަމު މަގުން އިޒްރޭލުގެ ތެރެއަށް ވަދެގަތުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫނެވެ. އެހެންކަމުން އިއްޔެގެ އެ ހަމަލާއަކީ ހުރިހާ ގޮތަކުން ވެސް އިޒްރޭލަށް ލިބުނު ކުއްލި ސިހުމެކެވެ. އެ ހަމަލާތަކުގެ ބާރު ގަދަވެފައި ނުރައްކާތެރިކަން ބޮޑުވުމުގެ އިތުރުން، އެއީ ތާރީޚީ ވެސް ކަމެކެވެ.
އަގްސާ ތޫފާންގެ ނަމުގައި ހަމާސް ޖަމާއަތުން ފެށި ހަނގުރާމައިގައި، އިޒްރޭލުގެ ތެރެއަށް ވަދެގަތުމުގެ ކުރިން، އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، ގާޒާގެ ތެރެއިން އިޒްރޭލުގެ ތެރެއަށް އެތައް ސަތޭކަ ރޮކެޓެއް ކުއްލި ގޮތެއްގައި ފޮނުވައިލުމެވެ. އެ ރޮކެޓްތައް ފޮނުވައިލުމުގެ ކުރިން ހަމާސްގެ ފަންނީ ޓީމުތަކުން ވަނީ، އިޒްރޭލުގެ ރާޑަރު ނިޒާމާއި ވައިގެ ދިފާއީ ނިޒާމަށް ދިން އިލެކްޓްރޯނިކް ހަމަލާތަކެއްގައި އެ ދެ ނިޒާމަށް ގެއްލުންތަކެއް ދީފަ އެވެ.
ނަތީޖާއަކަށްވީ، ހަމާސް އިން ފޮނުވައިލި ރޮކެޓްތަކުގެ ތެރެއިން ގިނަ ރޮކެޓްތަކެއް އޭގެ އަމާޒަށް ވާސިލުވެ، މިއިން ދުވަހަކު ވެސް ހަމާސްގެ ރޮކެޓް ހަމަލާއެއްގައި ނުލިބޭހާ ބޮޑެތި ގެއްލުންތަކެއް އިޒްރޭލަށް ލިބުމެވެ. ހަމާސްގެ ރޮކެޓްތައް ވައިގެ ތެރެއަށް ގޮއްވައިލުމަށް އިޒްރޭލު ސިފައިން އަވަދިނެތި އުޅެމުން ދަނިކޮށް، ހަމާސްގެ ހަނގުރާމަވެރިންގެ ކުދި ގުރޫޕްތަކެއް ސައިކަލާއި ޕިކަޕް އަދި ޖިޕް ފަދަ އުޅަނދުތަކުގައި، ކަށިނަރުގެ ފާރާ ދިމާލަށް މިސްރާބު ޖެހި އެވެ.
ބުލްޑޯޒަރުތައް ބޭނުންކޮށްގެން ކަށިނަރުގެ ފާރުން ތަންތަންގަނޑު ހަލާކުކޮށްލުމަށް ފަހު، ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތެވެ. ގާޒާ އާ އިޒްރޭލު ގުޅޭ ސަރަހައްދީ އިމުން ފެށިގެން އިޒްރޭލުގެ އެތެރެއަށްވާ 40 ކިލޯމީޓަރުގެ ސަރަހައްދުގައި ޔަހޫދީންގެ 50 އާބާދީ (50 އަވަށް) އޮންނަ އިރު، ހަނގުރާމަވެރިން އަރައިގަތީ އޭގެ ތެރެއިން، ގާޒާއާ އެންމެ ކައިރީގައި އޮންނަ 11 އާބާދީއަށެވެ.
ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތް އިރު، އެމީހުންނަށް މާ ބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ. ޔަހޫދީ އާބާދީގެ ތެރޭގައި ތިބޭ އިޒްރޭލު ސިފައިންނާއި ފުލުހުންގެ ފަރާތުން ވެސް އެއްވެސް ރައްދު ހަމަލާއެއް ވެސް ކުރިމައްޗެއް ނުވެ އެވެ.
އެކަން އެގޮތަށް މެދުވެރިވީ، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް އަރައިގަތުމުގެ ކުރިން، ހަމާސްގެ ފަންނީ ޓީމުތަކުން އިޒްރޭލުގެ ދިފާއީ ނިޒާމުގެ ބާރު ކަނޑުވައިލުމުންނެވެ. އެހެންކަމުން، ޔަހޫދީ އާބާދީތަކުގެ ތެރެއިން ދަތުރުކުރަމުން ގޮސް، ހަމާސްގެ ހަނގުރާމަވެރިން މިސްރާބު ޖެހީ ގާޒާގެ އުތުރުން، އިޒްރޭލު ތެރޭގައި ހުންނަ އަސްކަރީ ކޭމްޕު ރީޢީމް އަށެވެ.
ހަމާސްގެ ހަނގުރާމަވެރިން އެ ކޭމްޕު ވަށައިލި އިރު ވެސް، އެ ކޭމްޕުގެ ހިމާޔަތުގައި ތިބި އިޒްރޭލު ސިފައިންނަށް އެކަން މޭރުންވާ ގޮތެއް ނުވި އެވެ. ކޭމްޕުގެ ވަށައިގެން އެއްފަހަރާ ކުއްލި ހަމަލާތަކެއް ދޭން ފަށައި، ކޭމްޕުގެ ތެރެއަށް ވަދެ އެ ތަން ހިފުމަށް ވެސް މާ ގިނަ ވަގުތެއް ނުނަގަ އެވެ.
ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތުމަށް ފަހު، އިޒްރޭލުގެ ބައެއް ސިފައިންނާއި ފުލުހުން އަދި އާންމުންގެ ބައެއް މީހުން ހައްޔަރުކޮށް، އަސީރުންގެ ގޮތުގައި ގާޒާގެ ތެރެއަށް ގެންދިޔަ އެވެ. އެމީހުން ވީ ތަނެއް ނޭނގޭ ކަމަށާއި އެއީ ކިތައް މީހުން ކަން ވެސް ނޭނގޭ ކަމަށް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުން ބުނި ގޮތުގައި ރީޢީމް އަސްކަރީ ކޭމްޕާއި އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު ގާއިމުކޮށްފައިވާ އެންމެހައި މުވާސަލާތީ ގުޅުންތައް އޮތީ، ހަމާސްގެ ހަމަލާ ފެށުމުގެ ކުރިން ކޮންމެވެސް ބަޔަކު ކަނޑާލައިފަ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ދިފާއީ ނިޒާމުގެ ރާޑާރުތަކާއި ސަވައިލަންސް ނިޒާމުތައް ވެސް، އިލެކްޓްރޯނިކް ހަމަލާތަކެއްގައި ފެއިލްކޮށްލާފައި އޮތުމުން، ގާޒާގެ ތެރެއިން އިޒްރޭލަށް ބަޔަކު އަރައިގަތް ކަން އިޒްރޭލުގެ ކަމާ ބެހޭ އިދާރާތަކަށް ނޭނގެ އެވެ.
އަގްސާ ތޫފާން ފެށިތާ ދެތިން ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ވަނީ އެ ގައުމުގެ ޖާސޫސީ ނިޒާމު ފެއިލްވެއްޖެ ކަމަށް އެއްބަސްވެ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. އެއާއެކު، ރިޒާވް ސިފައިން ޚިދުމަތަށް ނެރެ، ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެއްގަމު ހަނގުރާމައެއް ފެށި އެވެ.
ހަނގުރާމަ އިއުލާންކުރިތާ 24 ގަޑިއިރު ވެގެން ދިޔައިރު ވެސް، ޔަހޫދީ އާބާދީތަކުން ހަމާސްގެ ހަނގުރާމަވެރިން ފައްސައިލުމުގައި އިޒްރޭލަށް ކުރިއެރުމެއް ނުލިބެ އެވެ. އިޒްރޭލުގެ ބައެއް މީޑިއާތައް ބުނާ ގޮތުގައި ގާޒާގެ އިރުން އޮންނަ ޔަހޫދީ އާބާދީތަކުގެ ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ހަމާސްގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.
ޔަހޫދީ އާބާދީތަކުގެ ތެރޭގައި ހަނގުރާމަކުރަމުން ދާ ހަމާސްގެ ހަނގުރާމަވެރިންނަށް ހުރަސް އެޅުމުގެ ގޮތުން، އިޒްރޭލުގެ ޑްރޯން މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް ދެނީ އެ ސަރަހައްދުގެ ވައިގެ ސަރަހައްދުގައި ބުރުޖަހަމުންނެވެ. ނަމަވެސް، ހަނގުރާމައިގެ ކުރީ ސަފުގައި ތިބި މުޖާހިދުންނަށް ހަތިޔާރާއި މަދަދު ފޯރުވުމަށް، އިތުރު ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ރެއާއި މިއަދު ފަތިހު ވެސް ކާމިޔާބު ކަމާއެކު ވަދެފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެ އެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމާސް އިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަރުވި ޔަހޫދީންގެ އަދަދު 350 އިން މައްޗަށް ގޮސްފި އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ފުލުހުންގެ 30 މީހަކާއި، ސިފައިންގެ ދެ ކޮމާންޑަރަކާއެކު އިޒްރޭލު ސިފައިންގެ 26 މީހަކު ވެސް ހިމެނޭ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ.
މީގެ އިތުރުން މި ހަމަލާތަކުގައި ޒަޚަމްވި ޔަހޫދީންގެ އަދަދު 1860 މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރޭގައި ނުރައްކާތެރި ހާލަތުގައި އޮތް 326 މީހަކު ހިމެނޭ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި ހަމާސްގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ 313 މީހަކު ޝަހީދުވެއްޖެ އެވެ. އަދި އިތުރު 1990 މީހަކު ވަނީ ޒަޚަމްވެފަ އެވެ.
ހިޒްބުﷲއާ މަޝްވަރާކުރަން ތައްޔާރު: އިޒްރޭލު
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ
ގާޒާގެ ހޮސްޕިޓަލަށް ހަމަލާ ދިނީ ރާވައިގެން ގަސްތުގައި
ހަނގުރާމަ ހުއްޓާނީ ހަމާސްގެ އެންމެން މަރާފައި:އިޒްރޭލް
އަގްސާ ތޫފާން: ފަލަސްތީނުން ބޭރަށް ހަނގުރާމަ ފުޅާވަނީ
އަގްސާ ތޫފާން: ގާޒާ އަށް ބޮމާއި މިސައިލްގެ ވާރޭ
އަގްސާ ތޫފާން: ސަލާމަތީ މަޖިލީހަށް އެއްބަހެއް ނުވެވުނު
އަގްސާ ތޫފާން: އިޒްރޭލުގެ 1000 މީހުން މަރާލައިފި