Roadha Mihaaru
މިހާތަނަށް 64،000 ވަޒީފާ އުފެދިއްޖެ: ރައީސް

ތިން އަހަރުން 64،000 ވަޒީފާ އުފެދިއްޖެ: ރައީސް

06 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 64،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 64،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ޔާމީން ވިދާޅުވީ މި އަހަރު ހުޅުވާ ރިސޯޓުތަކާއި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު، ވަޒީފާގެ ބާޒާރު ތިޔާގި އަހަރަކަށް މި އަހަރު ވާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، މި ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން ރާއްޖޭގައި 94،000 ވަޒީފާ އުފެއްދުމަކީ ޕީޕީއެމްގެ މެނިފެސްޓޯގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ވައުދެވެ.

ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށާއި ވަޒީފާ ބޭނުންވާ ޒުވާނުންނަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައި ޒުވާނުންނަށް ވަޒީފާ ހޯދައިދީ، ވަޒީފާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި، ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް ޔާމީން ވަޑައިގަތުމުން ސިފައިން އެމަނިކުފާނަށް ގާޑް އޮފް އޮނާއެއް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި، ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް ޔާމީން ވަޑައިގަތުމުން ސިފައިން އެމަނިކުފާނަށް ގާޑް އޮފް އޮނާއެއް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ އަދާކުރެވޭ 277 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ކުދިންގެ އަދަދު އިތުުރުވެފައިވާތީ، އަމިއްލަ ފަރާތްތަކާ ގުޅިގެން އެ ކުދިންނަށް ފުރުސަތުތައް ހޯދައިދޭން މި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިތުރު މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ވަރަށް ގިނަ އަމިއްލަ ކުންފުނިތަކާއި ދަރުމަވެރި ފަރާތްތަކުން ޕާޓްނާޝިޕް އުސޫލުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރަކީ ކުޅިވަރުގެ ދާއިރާ އިން ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ފެށި ސްޕޯޓްސް އެރީނާ މަޝްރޫއުގެ 80 ޕަސެންޓް މި އަހަރު ނިމޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ނިންމި އެންމެ އުނދަގޫ ނިންމުވެ. އަދި ދޭދޭ ގައުމުތަކާ ގުޅުން ބަދަހިކޮށް، ރާއްޖޭން އދ.ގައި ކުރިއަށް ވުރެ ބޮޑަށް ހަރަކާތްތެރިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ހެޔޮ އެދޭ، ގައުމީ ސިޔާދަތަށް އިހްތިރާމް ކުރާ ގައުމުތަކާ ގުޅިގެން މަސައްކަތްކޮށް، ތަރައްގީ އަށް ބޭނުންވާ ފުރުސަތުތައް ފަހި ކުރުމަށް ހާރިޖީ ދާއިރާއިން މަސައްކަތް ކުރާނަން،" އެމްޑީޕީ މެމްބަރުން ބޮއިކޮޓް ކުރި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އަށް ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މި އަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ދަރިވަރުންނަށް ޑިޕްލޮމެޓިކް އުސޫލުން ދެވިދާނެ ހިދުމަތްތައް މި ގައުމުގެ ފުދުންތެރިކަން ހުރި މިންވަރަކުން ފޯރުކޮށްދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.