Roadha Mihaaru
ރިލްވާނާއި ޔާމީންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލަ: މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް

25 ޖެނުއަރީ 2023

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް، އެކަމާ ގުޅިގެން ދައުވާކޮށްފައި ވަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އަދި ދަފްތަރު އާރްއެސް 8499، އަހްމަދު މުއާޒު (ގަޓު މުއާ) އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އެ މައްސަލައިގައި މިއަދު 8:30 އަށް ތާވަލުކުރި އަޑުއެހުން ކޯޓުން ކެންސަލްކުރީ، އަލަށް އަމަލުކުރަން ފަށާފައިވާ ހެއްކާ ބެހޭ ގާނޫނާ އެއްގޮތަށް، މާއްދީ ހެކި ވަކިން ކެޓަގަރައިޒްކޮށްފައި ކޯޓަށް ހުށަހެޅުމެއް ދައުލަތަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. ދައުލަތާއި ދިފާއުން ވެސް އެދިގެން އަޑުއެހުންތައް ސިއްރު ކުރީ، މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އާއި ޝަރީއަތުގައި ދައްކާ ވާހަކަތައް ހާމަވާއިރު މައްސަލައިގައި ހިމެނޭ އެކި މީހުންނަށް ގެއްލުންވެދާނެތީ އެވެ.

ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އިސްމާއިލް އަބްދުލްރަހީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އުފުލާފައިވާއިރު، މުއާޒުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެކެވެ. އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ދައުލަތުން ބުނާ ގޮތުގައި އަހުމަދު އިސްމާއިލް އަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. އަދި ޔާމީން އާއި ރިލްވާންއަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އިސްމާއިލް އަބްދުއްރަހީމް އެހީތެރިވެދީފައިވާ ކަމަށް ބުނެ އެވެ. އޭގެ އިތުރުން، ދައުލަތުން ބުނެފައިވާ ގޮތުގައި މުއާޒަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރި މީހެއް ކަމަށް ބުނެ އެވެ.

އެ ތިން މީހުންގެ މައްސަލައަކީ ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވި ފުރަތަމަ މައްސަލަ އެވެ.