Roadha Mihaaru
"މޫސުމީ ބަދަލުތައް މުއިއްޒު ނަންގަވަނީ ސީރިއަސްކޮށް"

މޫސުމީ ބަދަލުތައް މުއިއްޒު ނަންގަވަނީ ސީރިއަސްކޮށް: ތަރުޖަމާން

16 އޮކްޓޯބަރ 2023

އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑަައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު މޫސުމީ ބަދަލުތަކުގެ ކަންކަން ނަންގަވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑަައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު މޫސުމީ ބަދަލުތަކުގެ ކަންކަން ނަންގަވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އިންތިހާބީ ރައީސް މުއިއްޒު ދާދި ފަހުން އަލް ޖަޒީރާ އަށް ދެއްވި ހާއްސަ އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުން އަމާޒުވެފައިވާތީ "މިހާރު" އިން ސުވާލު ކުރުމުންނެވެ.

އަލް ޖަޒީރާ އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ، އެއީ ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާ ވަރުގެ ސީރިއަސް ކަމެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި، ރާއްޖެ އަށް އަޑިއަށް އެ ބުނާ ވަރަށް ނުދާ ކަމަށް ބެލުމަށް ރާއްޖެ ޒިޔާރަތް ކުރުމަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މުއިއްޒަށް ފާޑުކިޔުން އަމާޒުވި އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ އާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމާއި މޫސުމީ ބަދަލާ ގުޅޭ ގޮތުން ރާއްޖެ އަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަކީ ސާފުކޮށް ފެންނަން އޮތް ސީރިއަސް ހަގީގަތެކެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ ތަރުޖަމާން ވިދާޅުވީ ފާޑުކިޔުންތައް އަމާޒުކުރަނީ އިންތިހާބީ ރައީސް ދެއްކެވި ވާހަކަފުޅުގެ މުރާދު އޮޅުވާލައިގެން ކަމަށެވެ. އެ އިންޓަވިއުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ވެސް އިންތިހާބީ ރައީސް ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އެކަމަށް ތައްޔާރުވުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަނަށް ތައްޔާރުވާން ޖެހޭ ވާހަކަ ދެއްކެވި. އަދި ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ވިކްޓިމައިޒް ވެފައިވާ ގައުމެއްކަން ވެސް ފާހަގަ ކުރެއްވި. ކާބަން ނިއުޓްރަލް ވާހަކަ އާއި އެ މަގަށް ގެންދަން ކުރައްވާނެ ސިޔާސަތުގެ ވާހަކަ ވެސް ދެއްކެވި،" ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް މިއަދު ވިދާޅުވި އެވެ.

"އިންތިހާބީ ރައީސް މޫސުމީ ބަދަލުތައް ހަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި އެ ވަނީ. އޭގެ ސަބަބުން ހުރި ގޮންޖެހުންތައް ވެސް ފާހަގަ ކުރައްވާފައި އެ ވަނީ."

އިންތިހާބީ ރައީސް ގަބޫލުފުޅު ރައްވަނީ ފިރުޒުލް ވިދާޅުވިގޮތުގައި، އެ ގޮންޖެހުންތަކާ އެކު ވެސް ގައުމެއްގެ ގޮތުގައި ރާއްޖެ އަށް ކުރިއަށް ގެންދެވޭނެ ކަމެވެ. އިންވެސްޓްމެންޓްތައް ވެސް ރާއްޖެ އަށް ގެނެވޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވެފައިވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދުނިޔެ އަށް ކުރަމުންދާ އަސަރުތަކަކީ ބޮޑެތި ގައުމުތަކުގެ އަމަލުތަކުން ކުރިމަތިވާ ކަންކަން ކަމަށެވެ. އެއީ ރާއްޖެ ފަދަ ގައުމުތަކުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށާއި ނަމަވެސް އޭގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ގައުމުތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.