Roadha Mihaaru
ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަންނަ އަހަރު އޮޑިޓް ކުރަނީ

ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަންނަ އަހަރު އޮޑިޓް ކުރަނީ

17 އޮކްޓޯބަރ 2023

ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަންނަ އަހަރު އޮޑިޓް ކުރާނެ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަންނަ އަހަރު އޮޑިޓް ކުރާނެ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން ވަނީ އަންނަ އަހަރު ކުރާނެ އޮޑިޓްތަކުގެ ތަފްސީލުތައް ހާމަކޮށްފަ އެވެ. އެ އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ސްޕެޝަން އޮޑިޓްތައް ހަދަނީ، މަޖިލީހާއި އެނޫން އިދާރާތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައިގެން ކަމަށް އެ އޮފީހުން ބުނެ އެވެ.

އެގޮތުން އަންނަ އަހަރު ސްޕެޝަން އޮޑިޓްގެ ގޮތުގައި، ފްލޯޓިން ސިޓީގެ އިތުރުން، ތެލުގެ ސްޓޮކް ބެލެހެއްޓުމާ ގުޅޭ ގޮތުން އެސްޓީއޯ އާއި އެފްއެސްއެމްގެ އޮޑިޓަކާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުގެ އޮޑިޓަކާއި ޕްރޮކިއުމެންޓް މަސައްކަތްތަކާ ގުޅޭ ގޮތުން ރީޖަނަލް އެއާޕޯޓްސް އޮޑިޓެއް ހިމެނެ އެވެ.

ޝާން ވިދާޅުވީ، އަންނަ އަހަރު ފައިނޭންސް ކޮމްޕްލަޔަންސް 294 އޮޑިޓާއި އޮޑިޓް ރިވިއުގެ ގޮތުގައި 39 އޮޑިޓަކާއި ސްޕެޝަން ފަސް އޮޑިޓަކާއި ފާޕޯމަންސް އޮޑިޓްގެ ގޮތުގައި ހަތަރު އޮޑިޓެއް އަދި އިންޕޮމޭޝަން ސިސްޓަމްސްގެ ހަތަރު އޮޑިޓެއް ހިމެނެ އެވެ.

އަންނަ އަހަރު ޖުމްލަ 346 އޮޑިޓެއް ކުރުމަށް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެން އޮޑިޓް ފޯކަސް ކޮށްފައި އޮންނާނީ މުޅި ދައުލަތުގެ މާލިއްޔަތު ޑެލިވާ ކުރުމާއި ބޮޑެތި އެންޓިޓީތަކުގެ އޮޑިޓްތައް އަހަރުގެ ތެރޭގައި ނިންމުމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރުގެ އޮޑިޓްތަކުގެ ތެރޭގައި އެސްއޯއީތަކުގެ ރިވިއުތަކުގެ އިތުރުން ސަރުކާރުގެ 30 ޕްރޮޖެކްޓަކާ ގުޅޭ އޮޑިޓެއް ވެސް ހިމަނާފައިވާނެ ކަމަށެވެ. އަދި ތިން ޕަބްލިކް ފަންޑެއް ވެސް އޮޑިޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މާލީ ނިޒާމާއި ދަރަންޏާ ގުޅޭ ރިޕޯޓުތައް ވެސް އޮޑިޓް ކުރަން ވަނީ ކަނޑައަޅައިފަ އެވެ.

އަންނަ އަހަރުގެ މަސައްކަތްތަކަށް އެ އިދާރާ އިން ވަނީ 123 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދިފަ އެވެ. އޮޑިޓް އޮފީހުގެ ބަޖެޓު ފާސް ކުރާނީ ރައްޔިތުންގެ މަޖިލީހުން ވަކިންނެވެ.