Roadha Mihaaru
ފައިސާގެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން އެފްއޭއެމަށް

ފައިސާގެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން އެފްއޭއެމަށް ވަދެފި

22 އޮކްޓޯބަރ 2023

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުހުން އެފްއޭއެމް އަށް ވަދެ ފާސްކުރަން ފަށައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުހުން އެފްއޭއެމް އަށް ވަދެ ފާސްކުރަން ފަށައިފި އެވެ.

ފުލުހުން މި ތަހުގީގު ފަށާފައިވަނީ ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމްފަށް ފޮނުވާ ފައިސާ އަމިއްލަ މީސްމީހުންގެ އެކައުންޓްތައް ފޮނުވައި މަނީ ލޯންޑަރިން އާއި ހިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށެވެ.

ފުލުހުން މިހާރު ގެންދަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމް ހައުސް އަށް ވަދެ ތަހުގީގަށް އެތަން ފާސްކުރަމުންނެވެ.

ތަހުގީގާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބައެއް އަދި ނުލިބެ އެވެ.

ޕީޖީ އޮފީހުގެ ބަޔާނެއްގައި ބުނީ މައްސަލަ ތަހުގީގުކުރަން އަމުރުކުރީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ. އެހެންވެ އެކަމުގެ ތެރެއިން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން އާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށެވެ.

ފުލުހުން އެފްއޭއެމް ހައުސް އަށް ވަދެ ފާސްކުރާއިރު އެތަނުގެ ބޭރުގައި ތިބި ފުލުހުންގެ ބަޔަކާ މުވައްޒަފަކު ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ފުލުހުން އެފްއޭއެމް ހައުސް އަށް ވަދެ ފާސްކުރާއިރު އެތަނުގެ ބޭރުގައި ތިބި ފުލުހުންގެ ބަޔަކާ މުވައްޒަފަކު ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖެއަކީ، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދައުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި އެ ކަންކަން އެ މަގަށް ހިނގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

"ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާ ގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ." އެ އޮފީހުން ބުންޏެވެ.

އެފްއޭއެމް ދަރަނިވެރިވެ ކްލަބްތަކަށް ފައިސާ ނުދެވި ދިވެހި ފުޓްބޯޅަ ހުއްޓުމަކާ ހިސާބަށް ގޮސްފައި ވާއިރު މި ކަންކަމުގެ ޒިންމާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަންގަވަންޖެހޭ ކަމަށް ބުނެ އޭނާ އަށް ބޮޑެތި ތުހުމަތުތައް އެކި ފަރާތްތަކުން ގެންދަނީ އަމާޒުކުރަމުންނެވެ. ނަމަވެސް ތުހުމަތުތަކަށް އިންކާރު ކުރައްވައި އޭނާ ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.