Roadha Mihaaru
މާނު ރާއްޖެއިން ފުރުން މަނާކޮށް މައްސަލަ ތަހުގީގުކުރަނީ

މާނު ރާއްޖެ ވަޑައިގަތުމާ އެކު ފުރުން މަނާކޮށް، މައްސަލަ ތަހުގީގު ކުރަނީ

05 އޯގަސްޓް 2024

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަތަކެއް ބަލަމުން ދަނިކޮށް ރާއްޖެ އިން ފުރާވަޑައިގަތް މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އެނބުރި ވަޑައިގަތުމާ އެކު ފުރުން މަނާކޮށް، ކަމާބެހޭ އިދާރާތަކުގައި އޮތް އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަތަކެއް ބަލަމުން ދަނިކޮށް ރާއްޖެ އިން ފުރާވަޑައިގަތް މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އެނބުރި ވަޑައިގަތުމާ އެކު ފުރުން މަނާކޮށް، ކަމާބެހޭ އިދާރާތަކުގައި އޮތް އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މީގެ ހަ އަހަރު ކުރިން، މާނު ރާއްޖެއިން ފުރާވަޑައިގަތީ މޯލްޑިވް ގޭސްއާ ގުޅޭ ބޮޑެތި މައްސަލަތަކެއްގައި، އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އޭސީސީން ކޯޓުގައި އެދިފައި އޮއްވަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޭސްގެ އެމްޑީއަކަށް ހުންނެވި މާނު 2018ގެ ފަހުން، ދިރިއުޅުއްވީ ރާއްޖެ އިން ބޭރުގަ އެވެ.

އެކަމަކު އޭސީސީން ތަހުގީގު ނިންމައި މާނުގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަތަކެއް ވަނީ ފޮނުވައިފަ އެވެ.

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އޮޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ މާނުއަށް ދައުވާކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މަނީ ލޯންޑެރިންގެ މައްސަލަ ފުލުހުންނަށް ކަމަށެވެ. މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގުކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ފުލުހުންނަށެވެ.

ޝިފާން ވިދާޅުވީ އެ މައްސަލައިގައި މާނު ތަހުގީގަށް ހާޒިރު ކުރަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނު ކަމަށެވެ. އެކަމަކު އެ އަމުރާ ގުޅިގެން އޭނާ ރާއްޖެވަޑައެއް ނުގަންނަވަ އެވެ.

ޝިފާން ވިދާޅުވީ މާނު މާލެ ވަޑައިގަތްކަން އެނގުމާ އެކު ފުރުން މަނާކުރީ އޭނާގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައި އޮތުމުން ކަމަށެވެ.

މާނުގެ މައްޗަށް އޭސީސީން ދައުވާކޮށްދޭން އެދުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަމަށް ތަހުގީގުކުރި މައްސަލައެއްގަ އެވެ. އެ ތުހުމަތުތައް އޭރު މާނު ވަނީ ދޮގުކުރައްވައިފަ އެވެ.

އެ މައްސަލައިގައި މާނުގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ؛

1. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

2. ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ

3. ކުށެއް ކުރަން އެދުމުގެ ދައުވާ

4. ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ

5. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ

6. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމުގެ ދައުވާ

7. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ

އޭސީސީން ބުނެފައިވާ ގޮތުގައި ދައުވާކުރަން ފޮނުވި މައްސަލައަކީ އެ ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަކަށް ބެލި މައްސަލައެކެވެ. އެ ތަހުގީގުން، ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ މާނުއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާގެ އާއިލީ ބައެއް މީހުންނާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.