Roadha Mihaaru
10000 ޑޮލަރުގެ މައްސަލާގައި ބައްސާމަށް ދައުވާކުރަނީ

އެފްއޭއެމްގެ 10،000 ޑޮލަރަށް ހިޔާނަތްތެރިވި މައްސަލައެއްގައި ބައްސާމަށް ދައުވާކުރަން ފޮނުވައިފި

31 ޖެނުއަރީ 2024

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ޖަމާކޮށްފައިވާ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް ތަހުގީގު ނިމުނު 10،000 ޑޮލަރު ހިމެނޭ މައްސަލައެއްގައި އެ އެސޯސިއޭޝަންގެ ދެ ވެރިޔަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ޖަމާކޮށްފައިވާ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް ތަހުގީގު ނިމުނު 10،000 ޑޮލަރު ހިމެނޭ މައްސަލައެއްގައި އެ އެސޯސިއޭޝަންގެ ދެ ވެރިޔަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ މި ދެ މީހުންގެ ތެރެއިން އެކަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މިއީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް 10،000 ޑޮލަރު ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކުރި މައްސަލައެއް ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ ފީފާއިން އެފްއޭއެމަށް ޖަމާކޮށްފައިވާ 10،000 ޑޮލަރު، އެ އެސޯސިއޭޝަންގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށް، އަމިއްލަ އަށް ބޭނުންކޮށް، އެއިން މަންފާ ހޯދި ކަމުގެ އެކަށީގެންވާ ހެކި ލިބިފައި ވާތީ، ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ދައުވާކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ބޮޑު ހިޔާނާތާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

"އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާ، އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން ޔޫއެސް ޑޮލަރުގެ ގޮތުގައި ޖަމާކުރާ ފައިސާ އެމީހުންނާއި އެމީހުންނާ ގުޅުން އޮންނަ ފަރާތްތަކަށް ޖަމާކޮށް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ،" ލޫތު ވިދާޅުވި އެވެ.

"ކޮވިޑްއާ ގުޅިގެން އެފްއޭއެމްއަށް ޖަމާކުރި 1.9 މިލިއަން ޑޮލަރާ ގުޅޭ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުން. އެ ޓްރާންސެކްޝަންއާ ގުޅޭ ބޮޑުބައެއްގެ ތަހުގީގު ވަނީ ނިމިފައި."

އެމްޕީއެލްގެ ތެލުގެ ހިޔާނާތުގެ މައްސަލާގައި ވެސް ދައުވާކުރަނީ

ލޫތު މިއަދު ވިދާޅުވީ އެމްޕީއެލް އިން ތެޔޮ ވިއްކުމުގައި 2020 ވަނަ އަހަރު ހިންގާފައިވާ ހިޔާނާތާ ގުޅޭ މައްސަލާގައި ވެސް ދައުވާކުރަން މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"އެމްޕީއެލް އަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ބަޔާންކޮށް، 119 ޑެލިވަރީ އޯޑާއަކަށް އެމްޕީއެލް އިން އެފްއެސްއެމް އަށް ފައިސާ ދޫކޮށް މި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ހެކި ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖުމްލަ 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެފްއެސްއެމްގައި މަސައްކަތްކުރާ މުވައްޒަފުން ގުޅިގެން ހިޔާނާތްތެރިވި ކަމަށް ތަހުގީގަށް ވަނީ ހޯދިފަ އެވެ.

އެ މައްސަލާގައި ޝާމިލުވަނީ އެއް ބިދޭސީއަކާއި ހަތަރު ދިވެއްސެކެވެ. އެއީ އެފްއެސްއެމްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި އެމްޕީއެލްގައި މަސައްކަތްކުރާ ދެ މުވައްޒަފެކެވެ.

އެ އެންމެންގެ މައްޗަށް ދައުވާކުރަން މިހާރު ފޮނުވާފައިވާ ކަމަށް ލޫތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިދޭސީ މީހާގެ އެކައުންޓަށް 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރުގެ މަހުގެ ނިޔަލަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށް ތަހުގީގަށް އެނގޭ ކަމަށެވެ.