Roadha Mihaaru
ހިންމަފުށްޓަށް ވަޒަން، އެކަމަކު ވެސް ބިރެއް ނެތް!

ކޮލަމް ފަސް މިނެޓް: ހިންމަފުށީ ގޭގެ އަށް ވަޒަން، އެކަމަކު ވެސް ބިރެއް ނެތް!

07 ފެބުރުއަރީ 2017

ސިފައިންގެ އަސްކަރީ މަރުކަޒުތައް އާންމު ގޮތެއްގައި ހަދާފައި ހުންނަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގަ އެވެ. އަދި އެއީ ހަތިޔާރުގެ ތަމްރީންތައް ހަދާ ތަނެއް ނަމަ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ވަރަށް ދުރުވާނެ އެވެ. އެއީ އެ ތަނުގައި ބޭނުންކުރާ ހަތިޔާރެއްގެ ސަބަބުން، ނުވަތަ ހިނގާ އެކްސިޑެންޓެއްގެ ސަބަބުން އާންމުންގެ މީހަކަށް ގެއްލުމެއް ލިބިދާނެތީ އެވެ. އަދި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމުންނެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސިފައިންގެ އަސްކަރީ މަރުކަޒުތައް އާންމު ގޮތެއްގައި ހަދާފައި ހުންނަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގަ އެވެ. އަދި އެއީ ހަތިޔާރުގެ ތަމްރީންތައް ހަދާ ތަނެއް ނަމަ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ވަރަށް ދުރުވާނެ އެވެ. އެއީ އެ ތަނުގައި ބޭނުންކުރާ ހަތިޔާރެއްގެ ސަބަބުން، ނުވަތަ ހިނގާ އެކްސިޑެންޓެއްގެ ސަބަބުން އާންމުންގެ މީހަކަށް ގެއްލުމެއް ލިބިދާނެތީ އެވެ. އަދި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމުންނެވެ.

މާލެއާ ކައިރީގައި ސިފައިންގެ އަސްކަރީ ތަމްރީނުތައް ހަދާ މައި މަރުކަޒަކީ ކ. ގިރިފުއްޓެވެ. އެ ރަށުގެ އިރުން 1.2 ކިލޯމީޓަރުގައި އޮތީ ޓޫރިސްޓު ރިސޯޓެއް ކަމަށްވާ ސިނަމަން ދޮންވެލި ރިސޯޓް (ކަނުހުރާ) އެވެ. އަދި އެއަށް ވުރެ ކައިރިން ގިރިފުށީގެ ދެކުނުން 1،000 މީޓަރު ދުރުގައި އޮތީ މީހުން ދިރިއުޅޭ ހިންމަފުށްޓެވެ.

މި ދެންނެވި ދުރުމިންތަކަށް ބަލާއިރު، ހިންމަފުއްޓާއި ކަނުހުރާ ވެސް އެ އޮތީ ގިރިފުއްޓާ ވަރަށް ކައިރީގަ އެވެ. އެހެންކަމުން، އަސްލު ވަޒަން ބޭނުންކޮށްގެން ގިރިފުށީގައި ތަމްރީނުތަކެއް ހަދާ ނަމަ، ރައްކާތެރިކަމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތައް އަޅަ އެވެ. ބަޑި ޖަހާ ސަރަހައްދުގައި (ރޭންޖުގައި) ވަނީ ރަށުގެ ބޭރަށް ވަޒަން ނުދާނޭހެން ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ މަތިން މަތިންދާބޯޓެއް ދަތުރު ކުރާ ނަމަ، ބަޑިޖެހުން މެދުކަނޑައިލަ އެވެ. އަދި ބަޑީގެ ވަޒަން ދަތުރުކުރާ މިސްރާބާ ސީދާވާ ސަރަހައްދުގެ ކަނޑުމަތީގައި އުޅަނދެއް ހަރަކާތްތެރިވާ ނަމަވެސް ބަޑިޖެހުން ހުއްޓައިލަ އެވެ. އޭގެ އިތުރުން އަސްލު ވަޒަން ބޭނުންކޮށްގެން ތަމްރީން ހަދާ ވަގުތެއްގައި ނަމަ، އެކަން އެންގުމަށްޓަކައި ގިރިފުށީގެ މައްޗަށް ރަތް ކުލައިގެ ދިދައެއް ނަގާފައި ހުންނާނެ އެވެ. ބޭނުމަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުތަކަށް ވެސް އެކަން އަންގައި ސަމާލު ކުރުވުމެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، ހިންމަފުށީގެ އުތުރު ފަރާތުގައި ހުރި ގެއެއްގެ ދޮރަކަށް ވަޒަނެއް އަރާފައި ހުއްޓައި މިދިޔަ ބުދަ ދުވަހު ވަނީ ފެނިފަ އެވެ. އެ ވަޒަން އެރީ ކޮން ދުވަހަކު ކަމެއް ނޭނގުނަސް، މި ދިޔަ ހަފުތާގެ ތެރޭގައި ގިރިފުށީގައި ސިފައިން ބަޑިޖަހާ އަޑު އިވިފައިވާ ކަމަށާއި ބަޑިޖަހާއިރު އާންމުކޮށް ނަގާ ރަތް ދިދަ ވެސް ނަގާފައި ހުރި ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ. އެހެންކަމުން 2015 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރު ވެސް މި އެރީ ގިރިފުށިން ޖެހި ވަޒަނެއް ކަމަށް އެ ރަށުގެ މީހުން ގަބޫލުކުރެ އެވެ.

ސިފައިން ބުނި ގޮތުގައި ގިރިފުށީ ރޭންޖުގައި ޖަހާ ވަޒަނެއް ހިންމަފުށްޓަށް އެރުމަކީ މުސްތަހީލު ކަމެކެވެ. ސަބަބަކީ ރޭންޖުގައި ބަޑި ޖަހަނީ ހިންމަފުށްޓާ ދިމާލަށް ނޫން ކަމަށް ވާތީ އެވެ. އެއީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. ހިންމަފުއްޓާ ދިމާ ދުރަށް ވާ ގޮތަށް ޖަހާ ބަޑިއެއްގެ ވަޒަނެއް އަނބުރާލާފައި އައިސް ހިންމަފުއްޓަކަށް ނުވެއްޓޭނެ އެވެ.

ޖޫން 30، 2015 ގައި ހިންމަފުށީ އަޅިވިލާގޭ ދޮރަށް އެރި ވަޒަނަކީ ގިރިފުށިން އައި އެއްޗެއް ކަމަށާއި ގިރިފުށިން ޖަހާ ވަޒަނެއް މާ ރީއްޗަށް ވެސް ހިންމަފުށްޓަށް އަރައިފާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި އޭރު ލިޔެފައިވެ އެވެ. ނަމަވެސް މިފަހަރު އެ ރަށު ލިލީ ނައިޓް ކިޔާ ގޭގެ ދޮރަށް އެރި ވަޒަނާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވީ ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން ކަމަށެވެ.

ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައި. މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގުކުރަމުން.

ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައި. މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގުކުރަމުން.

މިނިސްޓަރު ވިދާޅުވީ ގިރިފުށީ ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރުން ހިންމަފުއްޓަށް ވަޒަނެއް އެރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު އެހެން އެ ވިދާޅުވީ އާންމު ގޮތެއްގައި އެ ޒާތުގެ ވަޒަން ބޭނުންކުރަނީ 9އެމްއެމްގެ ފިސްތޯލައިގައި ކަމަށް ވެފައި، އެ ޒާތުގެ ފިސްތޯލައަކީ ޝޯޓް ރޭންޖް (ކުރު ރާސްތާ)ގެ އަމާޒުތަކަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެއްޗަކަށް ވާތީ ކަމަށް ވެދާނެ އެވެ. ހިންމަފުށިން ވަޒަން އެރި ގެ އާއި ގިރިފުށީ އަތިރިމައްޗާ ދެމެދު ގާތްގަނޑަކަށް 1،000 މީޓަރު ހުރެ އެވެ.

ސުވާލަކީ 9އެމްއެމްގެ ފިސްތޯލައަކުން ޖަހާ ވަޒަނެއް އެ ދުރުމިނަށް ދަތުރުކޮށްފާނެ ހެއްޔެވެ؟ އިންޓަނެޓްގައި ލިބެން ހުރި އަސްކަރީ މައުލޫމާތުތަކަށް ބަލާއިރު، ބިމުގެ ސަތަހަ އިން 45 ދަރަޖައިގެ އުސްމިނުގެ މިސްރާބަކަށް އަމާޒުކޮށް، އާދައިގެ ސައިޒެއްގެ ފިސްތޯލައަކުން 9އެމްއެމްގެ ވަޒަނެއް ފޮނުވާލައިފިއްޔާ އޭގެ ބާރު ކެނޑި ބިންމައްޗަށް ވެއްޓުމުގެ ކުރިން 2300 މީޓަރަށް ދަތުރުކުރާނެ އެވެ. ގިރިފުއްޓާއި ހިންމަފުށްޓާ ދެމެދު ހުރީ މީގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ ދުރުމިނެކެވެ.

އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތަނަކަށް ނުވަތަ އެއްޗަކަށް އަރާފައި ހުރި ވަޒަނެއް އައީ ކޮން މިސްރާބަކުން އަދި ކިހާ ދުރުމިނަކުން ކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެއީ އެ ވަޒަން އެ ތަނަކަށް އަރާފައި ހުރި ގޮތަށް ބަލައިގެންނެވެ. ވަޒަން ހުރީ ތަނެއްގައި ހަރުލާފައި ކަމަށްވާ ނަމަ، އޭގައި ވަޒަން ހަރުލާފައި ހުރި ގޮތަށާއި، ވަޒަން އަރާފައި ހުރި އެތީގެ ހަރުކަމާއި ބޯމިނާއި މި ކަންކަމަށް ބެލުމުން އެ ވަޒަން އައީ ކޮން މިސްރާބަކުން ކިހާ ދުރުމިނަކުން ކަން ދެނެގަނެވިދާނެ އެވެ. އަދި ތަނެއް ފޫއަޅުވާލާފައި ހުއްޓަސް އެ ތަނުގައި ލޯވަޅު ހެދިފައި ހުރި ގޮތް ބަލައިގެން ވެސް އެކަން ދެނެގަނެވިދާނެ އެވެ.

މި ކަންކަމަށް ރިއާޔަތްކުރާ އިރު، 2015 ވަނަ އަހަރު ހިންމަފުށީ ގެއަކަށް އެރި ވަޒަނާ ބެހޭ ގޮތުން، ސިފައިންގެ އޮފިސަރަކާ ހަވާލާދީ މީޑިއާތަކުގައި އޭރު ލިޔެފައިވަނީ، އެއީ ގިރިފުށިން ޖެހި ވަޒަނެއް ކަމަށް ބެލެވޭ ކަމަށެވެ. ވަޒަން އެރި ދޮރުގެ ފިލާގަނޑު ފޫއަޅުވާލާފައި ނުގޮސް ދޮރުގައި ވަޒަން ހަރުލާފައި ހުރުމުން، ސިފައިންގެ އެ އޮފިސަރު ލަފާ ކުރެއްވީ އެއީ ދުރުން ޖަހާފައިވާ ވަޒަނެއް ކަމަށެވެ. އަދި ވަޒަނުގެ ކުރީކޮޅު ކުޑަކޮށް ތިރިއަށް ކަތިކޮށް ހުރުމުން، އެއީ ދުރުން އައި ވަޒަނެއް، އޮއްސިގެން އައިސް ދޮރަށް އެރީ ކަމަށް ބެލެވެ އެވެ.

މިފަހަރު ހިންމަފުށީ ގޭގެ ދޮރަށް އަރާފައި ހުރި ވަޒަން ވެސް ހުރީ ކުރީ ފަހަރު ހުރި ކަހަލަ ގޮތަކަށެވެ. އެހެންކަމުން އެއީ އެހާ ކައިރިން ޖަހާފައި ހުރި ވަޒަނެއް ނޫން ކަން އެނގެ އެވެ. އަދި ވަޒަން އިނީ މަތިން ތިރިއަށް ކައްޗަށް ކަމަށްވާތީ، އެއީ ވެސް އޮހިގެން އަންނަ ގޮތަށް އައިސް އަރާފައި ހުރި ވަޒަނެއް ކަން އެނގެ އެވެ.

މި ފަހަރު ހިންމަފުށީ ގެއެއްގެ ދޮރަށް އެރި ވަޒަނަކީ، ގިރިފުށީ ރޭންޖުގައި ޖެހި ފިސްތޯލައަކުން ނުކުތް ވަޒަނެކޭ ބުނަނީކީ ނޫނެވެ. ނަމަވެސް އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ކޮންމެ ކަމެއްގައި ވެސް އޮންނަ ފަދައިން، ގިރިފުށީގައި ސިފައިން ހަތިޔާރު ހިފައިގެން އުޅޭއިރު ވެސް އެކްސިޑެންޓެއް ހިނގުމަކީ މުސްތަހީލު ކަމެއް ނޫނެވެ.

ޖޫން 30، 2015 ގައި ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި.

ޖޫން 30، 2015 ގައި ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި އުޅުނު ސިފައިންގެ މީހެއްގެ އަތުން އެހެން މީހެއްގެ ބޮލަށް ފިސްތޯލަ ޖެހިގެން އެ މީހާ މަރުވި އެވެ. އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ސިފައިންގެ ހަށިފާރަވެރިންނަށް ލ. އަތޮޅުގައި ބޭއްވި ތަމްރީނުތަކެއްގެ ތެރޭގައި ވެސް ސިފައިންގެ މީހެއްގެ އަތުން އެހެން ސިފައިންގެ މީހެއްގެ ބޮލަށް ފިސްތޯލަ ޖެހިގެން މަރުވި އެވެ. މިހިރީ ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރި އިރު ވެސް ހިނގާފައި ހުރި އެކްސިޑެންޓްތަކެވެ. ވީއިރު ގިރިފުށީގައި އެކްސިޑެންޓެއް ނުހިނގާނެއެކޭ ނުބުނެވޭނެ އެވެ.

ދެން އޮތް އަނެއް ކަންބޮޑުވުމަކީ، ހިންމަފުށީ ގެއެއްގެ ދޮރަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން ކަމަށާއި އެހެންކަމުން ހިންމަފުށީ ރައްޔިތުންނަށް ބިރެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވުމެވެ.

ނޫނެކެވެ! ތިޔަ ވިދާޅުވެވުނީ ރަނގަޅަކަށް ނޫނެވެ. އެއީ ގިރިފުށިން ޖެހި ވަޒަނެއް ނޫނިއްޔާ ހިންމަފުށީ ރައްޔިތުންނަށް އޮތް ބިރުވެރިކަމާއި ނުރައްކާތެރިކަން އަދި މާ ބޮޑެވެ. ސިފައިންގެ ބައެއް މީހުން "މަތި އޮމާންކުރަން" ބުނަނީ، އެއީ މަރުތޭލައަކުން ޖަހައި އެ ދޮރަށް ވައްދާލާފައި އިން އެއްޗެއް ކަމަށް ވެސް ވެދާނެ ކަމަށެވެ.

ކަންކަމުގައި ވާހަކަ ދައްކަން ވާނީ ވެސް ހަމަ ބުއްދި ގަބޫލުކުރާ ޒާތަށެވެ. ހިންމަފުށީ ގޭގެ ދޮރަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން ކަމުގައިވާ ނަމަ، އެކަމާ ހިތްހަމަޖައްސާލައިގެން ތިބެންވީކީ ނޫނެވެ. އެއީ މާ ސީރިއަސް މައްސަލައެކެވެ. އެކަން މާ ފުޅާ ގޮތެއްގައި ތަހުގީގު ކުރަންވީ އެވެ. އެ ރަށުގައި އެފަދަ ހަތިޔާރެއް ގެންގުޅެނީ ކާކުތޯ ބަލަންވީ އެވެ. ފިސްތޯލަ ނުވަތަ ފިސްތޯލަ އާއި ވަޒަން ފަދަ ތަކެތި އާންމުން ގެންގުޅެނީ ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި ސިފައިން ވެސް ހަތިޔާރު ހިފައިގެން އުޅެނީ، ތަމްރީންތަކުގަ އާއި އެ މީހުންގެ ރަސްމީ ޑިއުޓީތަކުގަ އެވެ. ޑިއުޓީ ނޫން ވަގުތުތަކުގައި ނުވަތަ ސިފައިންގެ އާންމު ދިރިއުޅުމުގެ ވަގުތުތަކުގައި ގެންގުޅެން ހަތިޔާރު ދޫކޮށްފައި ނުހުންނާނެ ކަމަށް ސިފައިންގެ އޮފިސަރުން ބުނެ އެވެ. އެހެން ކަމަށްވާ ނަމަ، ހިންމަފުށީ ގޭގެ ދޮރަށް އެރި ވަޒަނުގެ ހަގީގަތް ހޯދައި ބަލަން ޖެހެ އެވެ. ނަމަވެސް ހިންމަފުށީ ކައުންސިލުން ބުނި ގޮތުގައި އެ ވަޒަނުގެ ހަގީގަތް ހޯދުމުގެ ގޮތުން ފުލުހުން ވެސް ނުވަތަ ސިފައިން ވެސް މިހާތަނަށް އެ ރަށުގެ ގޭގެ ބަލައި ފާސްކޮށް އެފަދަ ކަމެއް ކޮށްފައެއް ނުވެ އެވެ.