Roadha Mihaaru
ނަތީޖާ ނުނެރެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަނީ!

ނަތީޖާ ނުނެރެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަނީ!

12 އޯގަސްޓް 2020

ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަން އުވާލަން ނިންމައިފި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަން އުވާލަން ނިންމައިފި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018، ގަ އެވެ.

އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަންކުރައްވައި ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ [އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމާ] ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް ދިނެވެ.

ރިޔާސީ ކޮމިޝަނެއް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނަށް ކުރެވުނު ތުހުމަތުތަކާ އެކު ސުވާލު އުފެދިފައިވާތީ މިނިވަންކޮށް މައްސަލަތައް ތަހުގީގު ކުރުމަށެވެ. އެ މެމްބަރުންގެ ދައުރު ހަމަވުމުން، މި ސަރުކާރުން ވަނީ އޭސީސީ އަށް އާ މެމްބަރުން އައްޔަންކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، ކޮމިޝަން މާދަމާ އުވާލައި، އެތަނުން ތަހުގީގު ކުރިއަށް ގެންގޮސް ނުނިމި ހުރި މައްސަލަތައް އޭސީސީއާ ހަވާލުކުރާނެ އެވެ.

ދެ އަަހަރެއްހާ ދުވަސް ފަހުން ކޮމިޝަން އުވާލާ ސަބަބާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު އިޝާރާތް ކުރެއްވީ އެސެޓް ރިކަވަރީ ކޮމިޝަނާ ގުޅޭ ގޮތުން ރައީސް އެންމެ ފަހުން ކުރެއްވި ޓުވީޓަށެވެ.

ރައީސްގެ ޓުވީޓް

އެ ޓުވީޓްގައި އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ގާއިމްކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެމަނިކުފާނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ސަރުކާރުން ފަހުން ތަފްސީލް ހާމައެއް ނުކުރެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ހުށަހެޅީ އެތަނުން ބެލި ހުރިހާ މައްސަލަތަކެއްގެ ތަހުގީގު ރިޕޯޓް ކަމެއް ނުވަތަ ހަމައެކަނި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ތަހުގީގު ކަމެއް ވެސް ސާފެއް ނޫނެވެ. ކޮމިޝަން އުފައްދައި، ކުރީގެ ސަރުކާރުގައި ހިންގި ހިޔާނާތުގެ މައްސަލަތައް ހުށަހަޅަން ހުޅުވާލުމާ އެކު ގިނަ މައްސަލަތަކެއް ރިޕޯޓްކުރި އެވެ. އެއާ އެކު ކޮމިޝަނުން އިސްނަގައިގެން ވެސް މައްސަލަތައް ބަލަމުން އައި ކަން ހާމަކުރި އެވެ.

ރައީސަށް ރިޕޯޓް ހުށަހެޅުމަށް ފަހު، އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމުކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހޯދުނު ކަންކަމެވެ. ބޮޑު އެހެން މައްސަލައެއްގެ ތަފްސީލަކަށް އެ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ދެއްވި ޕްރެސް ކޮންފަރެސްގައި ވަޑައެއް ނުގަންނަވަ އެވެ.

އޭނާ ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ރަށްތައް ވިއްކައިގެން ދައުލަތަށް ހަތަރު ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށެވެ. އެކަމަކު ދައުލަތަށް އެ ފައިސާ ވަދެފައި ނުވާއިރު އެއީ މާޒީން ތަޖުރިބާ ހޯދައިގެން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ހިޔާނާތް ހިންގިއިރު ދައުލަތުގެ މުޅި ސިސްޓަމް ވަނީ ފެއިލްވެފައި ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތަކުން ގަސްތުގައި، ހިޔާނާތާ ގުޅޭ ލިޔެކިޔުންތައް ގެއްލުވާލާފައިވާ ކަމުގެ ތުހުމަތު ވެސް އޭނާ ކުރެއްވި އެވެ.

ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ކޮމިޝަނެއް ރައީސް އުފެއްދެވުމަކީ ރަނގަޅު ފެށުމެކެވެ. އޭގެ ފަހުން، މި ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ވެސް އެއްވެސް ވަޒީރަކު ކޮރަޕްޝަނާ ގާތް ނުވާން ރައީސް ނަސޭހަތް ދެއްވުމަކީ ވެސް ކޮރަޕްޝަނަށް ދެއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވެވަޑައިގެންނެވި ވައުދަށް ބާރު ލިބޭ ކަމެކެވެ. ނަމަވެސް ފަހުން އެ ވައުދަށް ފާޑުކިޔޭނެ މައްސަލަތަކެއް މި ސަރުކާރުގައި ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި، ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދައުލަތުން އެކި ކުންފުނިތަކަށް މާލީ ބޮޑެތި ބަދަލު ދިން ގޮތް ހިމެނެ އެވެ.

ދަތުރުފަތުރުގެ ޚިދުމަތް ހަވާލުކުރި ދީބާޖާ އަށް ބަދަލު ދޭން އެ ކޮމިޓީން ނިންމައި ފަހުން އެ ނިންމުން ބަދަލުކޮށްފައި އޮއްވައި އޮޑިޓާ ޖެނެރަލްގެ އޮޑިޓުން ހާމަވީ އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާ ހަމައަށް ވެސް މިދިޔައީ، ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުންތަކާ އެކު އެތައް ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ރިޔާސީ ކޮމިޝަންތަކަކީ "ބޭކާރު، ބޮޑު އިސްރާފެއް" ކަމަށް ވެސް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ސިފަކުރެ އެވެ.