Roadha Mihaaru
މައްސަލައިގެ ފުޓޭޖު "ގެއްލިއްޖެ"، ކަންބޮޑުވުން ބޮޑު!

ޖޭޕީ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ޖެހި މައްސަލައިގެ ސީސީޓީވީ ފުޓޭޖެެއް "ގެއްލިއްޖެ"!

24 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީ އަށް ހާއްސަ ކޮށްފައި ހުންނަ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަަލައިގެ ސީސީޓީވީ ފޫޓޭޖު ގިނަ ދުވަސްވުމުން ލިބެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އަންގައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީ އަށް ހާއްސަ ކޮށްފައި ހުންނަ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަަލައިގެ ސީސީޓީވީ ފޫޓޭޖު ގިނަ ދުވަސްވުމުން ލިބެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އަންގައިފި އެވެ.

މީގެ ދެ އަހަރު ކުރިން ޖުލައި 7، 2021 ގައި ފެންމަތިވި އެ މައްސަލަ މަޖިލިހުގެ ސުލޫކީ ކޮމިޓީން ބަލަމުން އަންނައިރު، އެ ކޮމިޓީގެ ބައްދަލުވުމެއް ގިނަ ދުވަސްތަކެއް ފަހުން މިއަދު ވަނީ ބާއްވަފައިފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، އެ ކަން ހިނގި ގޮތުގެ ސީސީޓީވީ ފުޓޭޖު ގިނަ ދުވަސްވުމުގެ ސަބަބުން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން އެ ކޮމިޓީ އަށް އެ ސިޓީ ފޮނުވާފައިވަނީ އެކަން ހިނގިތާ އެއް މަސް ފަހުން އޮގަސްޓް 2021 ގަ އެވެ. މުގައްރިރު ވިދާޅުވި ގޮތުގައި ސިޓީ ފޮނުވި ފަހުން ކޮމިޓީގެ ބައްދަލުވުމެއް ވެސް ނުބާއްވަ އެވެ.

މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މައްސަލަ ހުށަހަޅާފައިވާ ތާރީހުތަކާއި ފުޓޭޖު ހޯދަން އެދުނު ތާރީހަށް ބަލާއިރު، ރެކޯޑެއް ނެތިވެގެން ދާނެހާ ދުވަސް އެ ދެމެދުގައި ހިނގާފައި ނުވާ ކަމަށެވެ.

މަޖިލިހުގެ އިދާރާގައި ސީސީޓީވީ ފުޓޫޖު ރައްކާކޮށްފައި ބަހައްޓާނެ މުއްދަތެއް މިހާރު އެނގެން ޖެހޭ ކަމަށް ސަނީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާ ވެސް ގުޅިފައިވާ ކަމެކެވެ.

"ގައުމީ ލެވެލްގައި ބަލަންޏާ މިއީ ތްރެޓް ލެވެލް މީގައި އިންނާނެ ކަމެއް. ބަލަން އެބަ ޖެހޭ ކިހިނެއްތޯ މި ސީސީޓީވީ ކެމެރާއަށް ވީ ގޮތެއް. އަޅުގަނޑު ގަބޫލެއް ނުކުރަން މި މައްސަލަ ފައިލް ކުރަން ޖެހޭނެ ކަމަކަށް [ސީސީޓީވީ ފޫޓޭޖު ނުލިބިގެން]،" ސަނީފް ވިދާޅުވި އެވެ.

މިއީ ނަން ބޯޑެއްގެ މައްސަލައެއް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް މެންބަރަކަށް ނުވަތަ މަޖިލިހުގެ އިދާރާގެ މުވައްޒަފަކަށް ކަމެއް ދިމާވެ، އެ ކަން ވީ ގޮތް ހޯދޭނީ މި ފަހަރުގެ ފުޓޭޖު ގެއްލުނު މައްސަލަ ހައްލު ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަންބޮޑުވުން ފާޅުކުރައްވައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ މި މައްސަލަ މިގޮތަށް ހިނގައި ދިޔުމުގައި ބައެއްގެ އިހުމާލު އޮތް ކަން އެނގޭއިރު، އެ ކަން ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ހުށަހެޅުއްވީ، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ޑިފެންސް ފޯސްގެ ބޭފުޅުން ހާޒިރުކޮށް، މިކަމުގައި ޖަވާބުދާރީވާން ޖެހޭ ހުރިހާ ފަރާތްތަކެއް ކޮމިޓީ އަށް ހާޒިރު ކޮށްގެން ސުވާލުކުރުމަށެވެ.

މި ހުށަހެޅުމާ މެދު ގޮތެއް ނުނިންމައި މިއަދުގެ ބައްދަލުވުން ވަނީ ނިންމާލައިފަ އެވެ. މުގައްރިރު ވިދާޅުވީ، މައްސަލައިގައި ގޮތެއް ނިންމާނީ ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށެވެ.