Roadha Mihaaru
ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކުރަން ފަށައިފި

ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުކުރަން ފަށައިފި

08 ޖޫން 2021

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުން ހިންގާ އިންކުއަރީއަށް މައުލޫމާތު އެއްކުރުމަށް ވަކިވަކި ސިފައިން، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުން ހިންގާ އިންކުއަރީއަށް މައުލޫމާތު އެއްކުރުމަށް ވަކިވަކި ސިފައިން، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ފަށައިފި އެވެ.

ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ކޮމިޓީގެ އިންކުއައިރީއަށް މައުލޫމާތު އެއްކުރުމަށް ސިފައިން ހާޒިރުކުރަން ފެށިކަން ހާމަކޮށް މަޖިލީހުން ކުރި ޓްވީޓެއްގައި ވަނީ ސިފައިންގެ ބޭފުޅަކު މައުލޫމާތު ހިއްސާކުރައްވައި ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ.

މަޖިލީހުން ވަކިވަކި ސިފައިންް ކޮމިޓީއަށް ހާޒިރުކުރަން ނިންމި ނިންމުމާ އެކު ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވައި ނަޝީދަށް އެޑްރެސް ކުރެއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ނިންމުމަށް އިންކާރު ކުރައްވައިފަ އެވެ. އެ ސިޓީގައި ވަނީ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާގޮތުގެ މަތިން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ.

އެ ނިންމުމާ އެކު މަޖިލީހުން ޒަމީލްްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު މައްސަލަ އަނބުރާ އިއްޔެ ފޮނުވާލީ، އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި މަޖިލީހުގެ އިދާރާ އިން ފޮނުވީ ތަހުގީގު ނުކޮށް ކަމަށް ބުނެ އެވެ. އެހެންވެ، ޖިނާއީ ތަހުގީގެއް އެ މައްސަލައިގައި ހިންގުމަށް އެފަދަ އިދާރާ އަަކަށް ހުށަހަޅަން ޕީޖީން ލަފާދިނެވެ.

އެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީއަށް އަމާޒުވި ފާޑުކިޔުމަށް ރައްދު ދެއްވައި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި އޮންނަ ގޮތުން ސިފައިނަށް ލިބޭ މައުލޫމާތު ހާމަކުރެވޭނީ ހަމައެކަނި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލު، އަދި ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.

އެހެންވެ ފަރުދީ ގޮތުން ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ ގާނޫނީ ކުށެއް ކަމަށް ސިފައިން ދެކޭތީ އެކަމުގައި ގައުމީ ދިފާއީ ބާރުގެ ލަފައެއް ހޯދުމުން ނިންމީ މުޅި މުއައްސަސާ އިން ޖަވާބުދާރީވުމަށެވެ.

އެގޮތަށް ވިދާޅުވި ނަމަވެސް ވަކި ވަކި ސިފައިން މަޖިލީހަށް މިއަދު ހާޒިރުކުރަން ފެށިއިރު އިއްޔެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ކުރިން މައްސަލަތަކެއް އުޅުނަސް މިހާރު ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ސިފައިންގެ އިސް ފަރާތްތަކުން ދެއްވަ އެވެ.

ކޮމިޓީގެ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ހޯދަން ސިފައިންގެ 29 ބޭފުޅަކާ ސުވާލުކުރާނެ އެވެ. އަދި ފުލުހުންގެ ހަތް އޮފިސަރަކާ ވެސް ސުވާލުކުރާނެ އެވެ. އެކަމަކު މަތީ ރޭންކުތަކުގެ އޮފިސަރުންގެ ފަރާތުން ބޭނުންވާ ޖަވާބުތައް ލިބެމުންދާ ވަރަކަށް އިތުރު ފަރާތްތަކާ ސުވާލު ނުކުރަން ނިންމުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާ ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާން ނިންމާފައިވާ މައްސަލާގައި އެމްއެންޑީއެފަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އެކަމާ ދެކޮޅަށް ނަޝީދު ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.