Roadha Mihaaru

މަކުނުދޫގައި މަރުވި މީހުންގެ ހަށިތައް އާއިލާއާ ހަވާލުކުރަން އިންޑިއާއަށް ފޮނުވައިފި

ހދ. މަކުނުދޫގައި، ވެލްޑިންކުރަން ގެންގުޅޭ ގޭސްފުޅިއެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަކުނުދޫގައި މަރުވި މީހުންގެ ހަށިތައް އިންޑިއާއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 އޮކްޓޯބަރ 2023

ހދ. މަކުނުދޫގައި، ވެލްޑިންކުރަން ގެންގުޅޭ ގޭސްފުޅިއެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާގައި މަރުވީ އިންޑިއާގެ، މުހައްމަދު ރާޖާ އަންސާރީ، 27، އާއި ސުދީރާ ސެތީ، 25, އެވެ. އެ ދެ މީހުންގެ ވެސް ހަށިގަނޑު އެއްކޮށް ކުދިކުދި ވެފަ އެވެ. ގޮވުމުގެ ބާރު ގަދަކަމުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަރަށް ދުރަށް ބުރައިގެން ގޮސް ހުއްޓެވެ.

ފުލުހުން ބުނީ ބަލަން ޖެހޭ ކަންކަން ހުރުމުން ހަށިގަނޑުގެ ބައިތައް އާދީއްތަ ދުވަހު މާލެ ގެނައުމަށް ފަހު އާއިލާއާ ހަވާލުކުރަން އިންޑިއާ އަށް ފޮނުވާލީ އިއްޔެ ކަމަށެވެ.

މަކުނުދޫގައި އެއްޗެއް ގޮވި ސަރަހައްދު-- ފޮޓޯ: ސޯޝަލް މީޑިއާ

މަކުނުދޫގައި އެއްޗެއް ގޮވި ސަރަހައްދު-- ފޮޓޯ: ސޯޝަލް މީޑިއާ

މަރުވި ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްކުރާ ކުންފުނީގެ ދެ މީހުންނެވެ.

ގޭސްފުޅި ގޮވުމުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ސިފައިންނާއި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.