Roadha Mihaaru
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ސްޕޯޓްސް ކާރު ދުއްވި ވިސާމް ޝަރީއަތް ނިމެންދެން ބަންދަށް

06 ސެޕްޓެމްބަރ 2024

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ރޭ މެންދަމު ސްޕޯޓްސް ކާރަކާއި ސައިކަލެއްގެ ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ރޭ މެންދަމު ސްޕޯޓްސް ކާރަކާއި ސައިކަލެއްގެ ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަންގައިފި އެވެ.

ރޭގެ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ.

ފުލުހުން މިރޭ ބުނީ، ވިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ސެންޓްރަލް ޕާކް ކައިރިން ދިރާގުގެ މައި އޮފީހާ ދިމާލުން ހިނގި އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ ރޭގެ މެންދަމު 2:48 ގަ އެވެ.

"ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ރޭ 2:48 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ،" މިއަދު ހެނދުނު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

ސަމާހު: އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް ހުޅުމާލެ ހޮސްޕިޓަލްގައި.

ސަމާހު: އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް ހުޅުމާލެ ހޮސްޕިޓަލްގައި.

އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހަށެވެ. އެކަމަކު، އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ލ. އިސްދޫ، ބީޗްހައުސް ސަމާހު ވަނީ ނިޔާވެފަ އެވެ. އެއީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ބޮޑުކަމުންނެވެ. އެނގިފައިވާ ގޮތުގައި ސަމާހު މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުންނެވެ.

މޯލްޑިވްސް ކަރެކްޝަނަސް ސާވިސްގެ ޕްރިޒަން ލާންސް ކޯޕްރަލްގެ މަގާމުގައި ހުރި ސަމާހު ނިޔާވިއިރު އޭނާއަކީ ރޭ ދަންވަރު ހުޅުމާލޭގައި ބޭއްވި ޓީއެފްޖީ މެރަތަންގައި ބައިވެރިވާން މާލެ އައިސް އުޅުނު ޒުވާނެކެވެ. އެކްސިޑެންޓް ހިނގީ ވެސް މެރަތަން އޮންނަ ސަރަަހައްދަށް ސައިކަލުގައި ބައެއް ރައްޓެހިން ގެންގޮސްދިން ފަހުންނެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލުން ޖެހި އެކްސިޑެންޓު ހިނގި ސަރަހައްދު.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލުން ޖެހި އެކްސިޑެންޓު ހިނގި ސަރަހައްދު.

ސަމާހު ނިޔާވި އިރު އޭނާ ދިޔައީ އަންނަ މަހު ކައިވެންޏަށް ވެސް ތައްޔާރުވަމުން ކަމަށް އޭނާގެ ގާތް މީހުން މިއަދު ބުނެފައި ވެ އެވެ.

ސަމާހު ކަރެކްޝަނަލް ސާވިސްއާ ގުޅުނީ ޖެނުއަރީ 2021 ގަ އެވެ. އޭނާ މަސައްކަތް ކުރަމުން އައީ މާފުށީ ޖަލުގަ އެވެ.

ރޭގެ އެކްސިޑެންޓާ ގުޅިގެން، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް މިއަދު ވަނީ އަންގަވައިފި އެވެ.

ހަފްތާ ބަންދުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް އާންމުންނަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި، ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ. އަދި ހުޅުމާލެ 2 ގައި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.