Roadha Mihaaru
ގޯތި/ފްލެޓްގެ ފޯމެއް ބާތިލެއް ނުކުރާނަން: މުއިއްޒު

ގޯއްޗާއި ފްލެޓަށް ހުށަހެޅި އެއްވެސް ފޯމެއް ބާތިލެއް ނުކުރާނަން: މުއިއްޒު

28 އޮކްޓޯބަރ 2023

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 17 ގައި ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ މުއިއްޒު ހުޅުމާލެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ގެދޮރުވެރިކަމަކީ އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެ މުހިންމު އެއް ސިޔާސަތުކަމަށާއި މިހާރު ފަށާފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއުއެއް ނުހުއްޓުވާނެ ކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވެފައި މި ވަނީ އަތުނުލާނެ ކަމަށް މުއިއްޒު ވައުދުވެ ވަޑައިގަތީ އިންތިހާބުގެ ކުރިން ސަރުކާރުން އިއުލާނުކުރި މަޝްރޫއުތަކުގެ ފްލެޓާއި ގޯތި ކަމަށާއި އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އިއުލާނުކުރި ސްކީމްތަކާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައި ވަނިކޮށެވެ.

ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތުންނަށް އުންމީދެއް ލިބިފައިވާ އެއްވެސް ކަމެއް ބާތިލް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިހާރަށް ވުރެ ރަނގަޅަށް ގިނަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ޖެހޭ ކަހަލަ ގޮތެއް މެދުވެރިޔަކަ ނުދޭނަން. ނަމަވެސް މިހާރަށް ވުރެ ރަނގަޅަށް މިހާރަށް ވުރެ އިންސާފުވެރިކޮށް ގިނަ ރައްޔިތުންނަށް އޭގެން އެންމެ ފައިދާ ވާނެ ގޮތަށް، ޑްރެޖަރު ގެނެސް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފުރަތަމަ ދެތިން މަސް ތެރޭ އަމަލީގޮތުން ފަށާނަން،" މުއިއްޒު ވިދާޅުވި އެވެ.

"މިސާލަކަށް މިދައުރު ނިމުމުގެ ކުރިން އެއްކޮށް ޕްރޮސެސްކޮށް ނިންމައި ފައިނަލް ލިސްޓް ނެރެ އެކަމުގައި ޔަގީންކަމެއް ދެވޭ ހިސާބަށް ގެންގޮސްފިއްޔާ އެ ގެންދިޔަ ހިސާބުގައި ހިފަހައްޓާނަމޭ."

މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، ދެ ވަނަ ބުރުގައި ކުރިމަތިލި 40،000 މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ނުބުނެ އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓާއި ގޯއްޗަށް 20،000 އަށް ވުރެ ގިނަަ މީހުން ކުރިމަތިލާފައިވެ އެވެ. ނަމަވެސް، އޭގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ.

ފްލެޓަށް ހުށަހެޅި 20،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި ނުބުނެ އެވެ.