Roadha Mihaaru
ގާޒާ އަށް ތެޔޮ އެތެރެވިޔަކަ ނުދޭނަން: އިޒްރޭލު

ގާޒާ އަށް ތެޔޮ އެތެރެވިޔަކަ ނުދޭނަން: އިޒްރޭލު

25 އޮކްޓޯބަރ 2023

ގާޒާގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ހަކަތައިގެ އެއްވެސް ބާވަތެއް ގާޒާ އަށް އެތެރެވިޔަ ނުދޭނެ ކަމަށާއި، އެފަދަ އެއްޗެއް ހިފައިގެން ގާޒާ އަށް އެތެރެވާން އުޅޭ ކޮންމެ އުޅަނދަކަށް ހުރަސް އަޅާނެ ކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ.

ގާޒާގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ހަކަތައިގެ އެއްވެސް ބާވަތެއް ގާޒާ އަށް އެތެރެވިޔަ ނުދޭނެ ކަމަށާއި، އެފަދަ އެއްޗެއް ހިފައިގެން ގާޒާ އަށް އެތެރެވާން އުޅޭ ކޮންމެ އުޅަނދަކަށް ހުރަސް އަޅާނެ ކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ.

އިޒްރޭލުން މި މޭރުމުން އިންޒާރުކުރީ، ގާޒާގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގާޒާ އިން ތެލުގެ ބާވަތްތައް ހުސްވަމުން ދިއުންކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ގުޓަރޭސް ވިދާޅުވީ ގާޒާ އަށް ތެލުގެ ބާވަތްތައް ނުލިބޭ ނަމަ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ސާމާނު ނުފޮނުވޭނެ ކަމަށެވެ.

"ތަލުގެ ބާވަތްތައް ނެތި ހޮސްޕިޓަލުތަކުގައި ކަރަންޓެއް ނުހުންނާނެ، އަދި ބޯން ބޭނުންވާ ފެން ސާފެއް ނުކުރެވޭނެ، އަދި ބޯފެން ޕަމްޕެއް ވެސް ނުކުރެވޭނެ،" ގުޓަރޭސް ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލަސްތީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ އިދާރާ "އުންރުވާ" އިން އިއްޔެ ބުނެފައިވަނީ ހޮސްޕިޓަލުތައް ހިންގުމަށާއި އެމްބިއުލާންސްތައް ދުއްވުމަށް، އަދި އެހީގެ ސާމާނު ފޯރުކޮށްދޭ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ނުލިބޭ ނަމަ، މަސައްކަތް ހުއްޓާލަންޖެހޭނެ ކަމަށެވެ.

ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރެއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ އިންސާނީ އެހީތެރިކަމުގެ ނަމުގައި ގާޒާ އަށް ވައްދާ ތެލުގެ ބާވަތްތައް ބޭނުންކުރަނީ ހަމާސްގެ އަސްކަރީ ހަރަކާތްތައް ހިންގަން ކަމަށެވެ. އޭނާ ވިދާޅުވީ އުންރުވާގެ ނަމުގައި ގާޒާ އަށް އެތެރެކުރާ ތެލުގެ ބާވަތްތައް، ހަމާސް ޖަމާއަތުން ވަގަށް ނަގައިގެން އިޒްރޭލާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރާ ކަމަށެވެ.

"ހަމާސް އަށް ވަރަށް ބޮޑަށް ތެޔޮ ބޭނުންވޭ. ހަމާސް އިން އުންރުވާގެ ތެޔޮތައް ވަގަށް ނެގީމާ، އަހަރެމެން މިޖެހެނީ ތެލުގެ މައްސަލައިގައި ދުނިޔޭގެ ގައުމުތަކާ މަޝްވަރާ ކުރަން. ގާޒާގެ ހޮސްޕިޓަލުތަކުގައި ތެޔޮ ނެތިގެން ދަތިވަންޏާ ހޮސްޕިޓަލުތަކުން އެކަމާ ވާހަކަ ދައްކަންޖެހޭނީ ހަމާސް ޖަމާއަތާ. ރައްޔިތުންނަށް ބޭނުންވާ ތެލާއި ހޮސްޕިޓަލުތަކަށް ބޭނުންވާ ތެޔޮ ވެސް އެމީހުން ފޯރުކޮށްދޭން ޖެހޭނެ. އެކަން ކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ބާރުއަޅަންވީ ހަމާސް ޖަމާއަތަށް،" އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރެއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވި އިރު، އިޒްރޭލު ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނރެަލް ހެރްޒީ ހަލޭވީ އިއްޔެ ވިދާޅުވެފައިވަނީ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ގާޒާ އަށް އެތެރެކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އެހެން ނަމަވެސް، ގާޒާ އަށް އެތެރެކުރާ ހަކަތައިގެ ބާވަތްތައް ހަމާސް އަށް ލިބުނަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒާ އިން ޕެޓްރޯލާއި ޑީސަލް މުޅިންހެން ހުސްވެފައިވާތީ، ބޯފެން ސާފުކުރާ މެޝިންތައް ހިންގުން މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެހެންކަމުން ގާޒާގެ ގިނަ މީހުން މިހާރު ބޯން ޖެހެނީ ބިމު އަޑިން ނަގައި ސާފުނުކޮށް ހުންނަ ފެނެވެ.

ގާޒާގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިއާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން މިހާރު ބޯންޖެހިފައިވާ ބިމު އަޑިން ނަގާ ނުސާފު ލޮނުފެނެވެ. އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން ބުނާ ގޮތުގައި ގާޒާގެ ބިމު އަޑިން ލިބޭ ފެނުގެ 97 ޕަސެންޓް ފެނަކީ، ލޮނު ރަހަ ދޭ އަދި ނަރުދަމާ ނިޒާމުގެ ފެނާ އެކުވުމުގެ ސަބަބުން ތަޣައްޔަރުވެ ބޯން ކަމުނުދާ ފެނެވެ.

ގާޒާގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އިޒްރޭލުން ގާޒާ އަށް އަޅާފައި އޮންނަ ހޮޅިތަކުން ފޯރުކޮށްދޭ ބޯފެނެވެ. ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމާ ވިދިގެން، އިޒްރޭލުން ވަނީ ގާޒާ އަށް ފެން ފޮނުވައިދޭ، ވަރަށް މަދު ހޮޅިއެއް ނޫނީ ހުރިހާ ހޮޅިތަކެއް ބަންދުކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 6050 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

އިއްޔެގެ ހަމަލާތަކުގައި މަރުވި 700 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 19 ދުވަސް ވެގެން ދާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 16000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.