Roadha Mihaaru
ކުށްވެރިންނަށް ވާދަކުރުމުގެ ފުރުސަތާއެކު ކަންބޮޑުވުން!

ލާމަރުކަޒީ އިންތިހާބުގައި ބޮޑެތި ކުށްވެރިންނަށް ވާދަކުރެވޭ ގޮތް ހަދާތީ ކަންބޮޑުވެއްޖެ!

07 ފެބުރުއަރީ 2017

ލޯކަލް އިންތިހާބުގައި ވާދަކުރާ މީހުންނަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ލުއިކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް އިންތިހާބުގައި ވާދަކުރާ މީހުންނަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ލުއިކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޕްރީލް 15 ގައި ބާއްވާ ލޯކަލް އިންތިހާބުގައި ވެސް އަމަލުކުރަން ޖެހޭ ގޮތަށް، ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ޝަރުތުތައް ލުއިކޮށް، އެ އިސްލާހު ހުށަހެޅީ، ގިނަ ބަޔަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭށެވެ.

ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ ބޮޑެެތި ޖިނާއީ ކުށްތައް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ 28 ވަނަ މާއްދާ އާއި 44 ވަނަ މާއްދާ، މިއަދު ހުށަހެޅި އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ. އެހެންކަމުން މި އިސްލާހުތަކަށް އަމަލުކުރަން ފެށުމުން، އެކަމަކު މިފަދަ ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް ލޯކަލް އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

ގާނޫނަށް މި ގެނެވޭ ކޮންމެ ބަދަލަކީ ވެސް ރައްޔިތުން ފިތްކަނޑައިގެންދާ ވަރުގެ ބަދަލުތަކެއް. މިއީ އަޅުގަނޑުމެން މިކަމާ ސީރިއަސްކޮށް ވިސްނަން ޖެހިއްޖެ މައްސަލައެއް. ރައްޔިތުންގެ މަޖިލީހަށް މިފަދަ ބިލްތައް ގެނެސްގެން ގާނޫނުގައި ހުރި ރަނގަޅު ކަންތައް ނުރަނގަޅު ކަންތައްތަކަށް ބަދަލުކޮށްގެން އިންތިހާބު ކާމިޔާބުކުރުން މިއީ ކޮން ކަހަލަ ވިސްނުންތަކެއްތޯ؟. -- މެމްބަރު ނިޒާރު

މީގެ އިތުރުން، އިސްލާމް ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށާއި މަސްތުވާތަކެތީގެ ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވާދަ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ މާއްދާ ވެސް ވަނީ މިއަދު ހުށަހެޅި އިސްލާހުގައި އުނިކޮށްފަ އެވެ. އަދި ފުލްޓައިމް ދަރިވަރަކަށް ކައުންސިލަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް ޝަރުތު ވެސް ވަނީ އުނިކޮށްފަ އެވެ. އަދި ބިދޭސީއަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ކައުންސިލަށް ކުރިމަތިލެވޭނީ އެމީހަކު ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރު ފަހުން ކަމަށް ވެސް މި އިސްލާހުގައި ބުނެފައިވެ އެވެ. ކުރިން އޮތް ގޮތުން އެ ފަދަ މީހަކަށް ވާދަ ކުރެވޭނީ ފަސް އަހަރު ވުމަށް ފަހުގައި ވެސް ރާއްޖޭގައި ދިރިއުޅޭ ނަމަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންނަށް ފުރުސަތު ލިބޭ އިސްލާހަކީ ވެރިކަން ކުރާ ޕީޕީއެމުން އިންތިހާބުގައި ކުރިމަތިލާން ތިބި މީހުންނަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ އިސްލާހެކެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދޭން އިންތިހާބު ކުރާ ކައުންސިލްތަކުގައި، މުޖުތަމައު ގަބޫލުނުކުރާ މީހުން ހިމެނުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ވައްކަމާއި ހިޔާނާތާއި ކުޑަކުދިންނާ ބެހުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައި ތިބި މީހުން ކައުންސިލްތަކުގައި ހިމެނުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ބޮޑު ގޯހެކެވެ.

"އަނެއްކާ އިންތިހާބު ބޯމަތިވެ ޕާޓީތަކުން ކެންޑިޑޭޓުން ނެރެފައި ވަނިކޮށް މި އިންތިހާބުގައި ވާދަކުރާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ބުނެ ޝަރުތުތައް ބަދަލުކުރުން ގަބޫލެއް ނުކުރެވޭ. މިއީ، އާ އިންތިހާބެއް ނޫން، ކުއްލިއަކަށް ވަކި ބަޔަކު ބޭނުންވާ ގޮތަށް ޝަރުތުތައް މި ބަދަލުކޮށްލަނީ،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ބިލް ހުށަހަޅައި، މަޖިލީހުގައި އާއްމުކޮށް އަމަލު ކުރާ އުސޫލްތަކާ ވެސް ހިލާފަށް، ކުއްލިއަކަށް ބަހުސް ފެށުމުން ވެސް މި އިސްލާހު، އަވަސް އަރުވާލައިގެން ފާސްކުރަން ބޭނުންވެފައި ތިބި މިންވަރު ވަރަށް ސާފެވެ.

އިސްލާހަށް ފާޑުވިދާޅުވަމުން، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވެސް ވިދާޅުވީ އެއީ، ޕީޕީއެމުން ވާދަކުރާނެ ބަޔަކު ނުވެގެން، ކޮންމެވެސް ބަޔަކު އިންތިހާބަށް ނެރެންވެގެން ހުށަހެޅި އިސްލާހެއް ކަމަށެވެ. އެ ޕާޓީން އިންތިހާބުގައި ވާދަކުރަން ތިބި ބައެއް މީހުންނަކީ އެކި ކުށްތަކުގައި ހިމެނޭ މީހުން ކަން މި އިސްލާހު ހުށަހެޅުމުން ސާފުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނަށް މި ގެނެވޭ ކޮންމެ ބަދަލަކީ ރައްޔިތުން ފިތްކަނޑައިގެންދާ ވަރުގެ ބަދަލުތަކެއް. މިއީ އަޅުގަނޑުމެން މިކަމާ ސީރިއަސްކޮށް ވިސްނަން ޖެހިއްޖެ މައްސަލައެއް. ރައްޔިތުންގެ މަޖިލީހަށް މިފަދަ ބިލްތައް ގެނެސްގެން ގާނޫނުގައި ހުރި ރަނގަޅު ކަންތައް ނުރަނގަޅު ކަންތައްތަކަށް ބަދަލުކޮށްގެން އިންތިހާބު ކާމިޔާބުކުރުން މިއީ ކޮން ކަހަލަ ވިސްނުންތަކެއްތޯ؟ އަޅުގަނޑުމެންގެ ރާއްޖެ މި ގެންދަނީ ކިހާ ހިސާބަކަށްތޯ؟" އަލީ ނިޒާރު ސުވާލު އުފެއްދެވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން މި ނިންމީ، ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައަކަށް ފަހު ތިން ފަހަރެއްގެ މަތިން އިންތިހާބު ފަސްކޮށްފައި ވަނިކޮށެވެ.