Roadha Mihaaru
ނަތީޖާ ބަދަލުވާ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް: އީސީ

ނަތީޖާ ބަދަލުވާ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް: އިލެކްޝަންސް

08 މެއި 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ޖުމްލަ 70 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެ ޝަކުވާތައް ބަލައި، ހުށަހެޅި ފަރާތްތަކަށް ޖަވާބު ދެމުން އަންނަ އިރު ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ސީރިއަސް ޝަކުވާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ހުށަހެޅި ޝަކުވާތަކަށް ވަރަށް އަވަހަށް ޖަވާބު ދީ ނިންމާލެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ގިނަ އިން ހުށަހަޅާފައި ވަނީ ކޮންމެވެސް ސަބަބަކާ ހުރެ ވޯޓު ނުލެވުމުގެ ޝަކުވާތަކާއި އޮބްޒާވަރުންނާއި މޮނިޓަރުންނާ ގުޅޭ ޝަކުވާތަކެވެ. ވޯޓުލީ ވަގުތު ކިޔޫ ދިގުވެ، ތޮއްޖެހުމުގެ އުދަނގޫ ކުރިމަތިވެގެން ވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓު ލާން ފެށި އިރު ބައެއް ފޮށިތަކުގައި ކުދިކުދި މައްސަލަތައް ދިމާވި ނަމަވެސް އެ ހުރިހާ ކަމެއް ހައްލުކުރެވި އިންތިހާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ އޮމާންކޮށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާ ގޮތަށް ވަނީ ހަމަޖައްސައިފި އެވެ. މިހާތަނަށް އާއްމު ކޮށްފައިވާ ނަތީޖާ އިން ދައްކާ ގޮތުގައި ކައުންސިލްތަކުގެ މެޖޯރިޓީ ލިބުނީ އިދިކޮޅު އެމްޑީޕީ އަށެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން މި ވާހަކަ ދޮގުކުރެ އެވެ. އެ ޕާޓީން ބުނެފައި ވަނީ ގިނަ ގޮނޑިތައް ކާމިޔާބުވީ އެ ޕާޓީ އަށް ކަމަށެވެ.