Roadha Mihaaru
ވޯޓުލާ ލިސްޓް އާއްމުކޮށް، ޝަކުވާ އަށް ހުޅުވާލައިފި

ވޯޓު ލާ ލިސްޓް އާއްމުކޮށް، ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާ ހުށަހަޅަން ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާ ހުށަހަޅަން ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

މި މަހު 14 ގައި ކުރިން ބާއްވަން ނިންމި އިންތިހާބު ސިވިލް ކޯޓުން ދެ މަހަށް ފަސްކުރުމާ ގުޅިގެން އެޕްރީލް 8 ގައި އިންތިހާބު ބާއްވަން އިލެކްޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް މިއަދުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުންނާއި ކައުންސިލް އިދާރާތަކުން ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގައި ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ ބާޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒަށެވެ. ރަށްރަށުން ހުށަހަޅަން ޖެހެނީ އެ ރަށެއްގެ ކައުންސިލް އިދާރާ އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި 1414 އަށް އެސްއެމްއެސްކޮށްގެން ވެސް ލިސްޓު ޗެކްކުރެވޭނެ އެވެ. އެސްއެމްއެސް ކުރާނީ ފޯނުން VR ޖަހައި ހުސްތަންކޮޅެއް ދޫކޮށް، އައިޑީކާޑު ނަމްބަރު ޖަހައިގެން ކަމަށް އިލެކްޝަނުން ބުންޏެވެ.

އިންތިހާބަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. މި ފުރުސަތުގައި، މިހާރު ރަޖިސްޓްރީވެފައި ތިބި މީހުންގެ ތެރެއިން ވޯޓު ލާ ތަން ބަދަލު ނުވާ މީހުން އަލުން ރަޖިސްޓްރީވާކަށް ނުޖެހޭނެ އެވެ. އަލުން ރަޖިސްޓްރީ ވާން ޖެހޭނީ ވޯޓު ލާ ތަން ބަދަލުވާ މީހުންނާއި އަލުން ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުން ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

އިންތިޚާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.

ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާ އިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.