Roadha Mihaaru
އެއްގަމާ ކަނޑާ ވައިގެ މަގުން ގާޒާ ސުންނާފަތި ކުރަނީ

އެއްގަމާއި ކަނޑާއި ވައިގެ މަގުން ގާޒާ ސުންނާފަތި ކުރަނީ

29 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ދެ ވަނަ ފިޔަވަހި ފެށިފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވި އިރު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ގާޒާ ސުންނާފަތި ކުރަން ފަށައިފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ދެ ވަނަ ފިޔަވަހި ފެށިފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވި އިރު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ގާޒާ ސުންނާފަތި ކުރަން ފަށައިފި އެވެ.

ގާޒާގެ އިރު އިތުރު ސަރަހައްދަށް ޖަމާކޮށްފައި އޮތް އިޒްރޭލުގެ އެއްގަމު ލަޝްކަރު، މިދިޔަ ހުކުރު ދުވަހު ގާޒާގެ ތެރެއަށް ވަދެ، ބޮޑުބަޑިންނާއި ޓޭންކުތަކުން، ހަމާސްގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ދަނީ ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެއްގަމު ލަޝްކަރު ގާޒާގެ އެތެރެއަށް ވަނުމަށް މަގު ފަހިކުރުމުގެ ގޮތުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ގެންދަނީ، ހަމާސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް ބޮމާއި މިސައިލުން ހަމަލާތައް ދެމުންނެވެ.

ގާޒާގެ ހުޅަނގުން މެޑިޓެރޭނިއަން ކަނޑުގައި އޮތް އިޒްރޭލުގެ މަނަވަރުތަކުން ވެސް، ކެނޑިނޭޅި ގާޒާގެ ތެރެއަށް މިސައިލްތަކުން ހަމަލާތައް ދެމުން އަންނަތާ މިހާރު ތިން ދުވަސްވީ އެވެ. އިޒްރޭލުން ބުނާ ގޮތުގައި ހަނގުރާމައިގެ ދެ ވަނަ ފިޔަވަހީގެ މައިގަނޑު އަމާޒަކީ ގާޒާގެ އަޑީގައި ހުރި ހަމާސްގެ ބިންގަރާސްތަކާއި ބިންގަރާސް މަގުތައް ހަލާކުކޮށްލުމެވެ.

އިޒްރޭލުގެ ވެރިރަށް ތަލް އަބީބްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވި ގޮތުގައި އެއްގަމު ލަޝްކަރާ އެކު އިޒްރޭލުގެ ޚާއްސަ ސިފައިންގެ ފައުޖު ވެސް މިހާރު ވަނީ ގާޒާގެ ތެރެއަށް ވަދެފަ އެވެ. ޚާއްސަ ފައުޖުގެ ސިފައިން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ، ހަމާސް އިން ރަހީނުކޮށްފައިވާ އެންމެން ހޯދައި ސަލާމަތް ކުރުމަށް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

"މިހާރު މި ކުރިއަށް ދަނީ ހަނގުރާމައިގެ ދެ ވަނަ ފިޔަވަހި. މި ފިޔަވަހީގެ އަމާޒުތައް ވަރަށް ސާފު. އެއީ ހަމާސް ޖަމާއަތުގެ އަސްކަރީ އަދި ހިންގުމުގެ ގާބިލުކަން ފުނޑުފުނޑު ކޮށްލުން. ހަމައެއާ އެކު ހުރިހާ ރަހީނުން މިނިވަންކޮށްގެން އަނބުރާ ގެއަށް ގެނައުން،" ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ފެށިފައި މިވަނީ އުނދަގޫ އަދި ދިގުދެމިގެން ހިނގައިދާނެ ފިޔަވައްސެކެވެ. މިއީ މާ ފަސޭހަ އަދި އާދައިގެ ހަނގުރާމައެއް ނޫން ކަމަށާއި، މި ހަނގުރާމަ މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ހަމާސް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް ހުޅަނގުގެ ހުރިހާ ގައުމުތަކެއް ދަނީ ތާއީދުކުރަމުންނެވެ. އެ ގައުމުތަކުން އިޒްރޭލަށް ތާއީދު ކުރަމުން ދަނީ، އަމިއްލަ ނަފްސު ދިފާއުކުރުމަކީ އިޒްރޭލަށް ލިބިގެންވާ ހައްގެއް ކަމަށް ބުނަމުންނެވެ.

ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލަށް ތާއީދުކުރި ނަމަވެސް، އެ ގައުމުތަކުގެ އާންމު ރައްޔިތުން އަންނަނީ މަގުތަކަށް ނުކުމެ އިޒްރޭލުގެ އުދުވާނީ އަމަލުތައް ކުށްވެރިކޮށް ބޮޑެތި މުޒާހަރާތައް ބާއްވަމުންނެވެ. އެ ގޮތުން އެމެރިކާ، ފްރާންސް އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ، ފަލަސްތީނު ރައްޔިތުންނާ ބައިވެރިވާކަން ހާމަކޮށް އިޒްރޭލު ކުށްވެރިކޮށް މުޒާހާރާތައް ބާއްވާތާ 10 ވަރަކަށް ދުވަސް ވެއްޖެ އެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތި ވެފައިވާ ގެއެއް

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތި ވެފައިވާ ގެއެއް

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 23 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 7700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 19400 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3190 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1860 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1800 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 1000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 111 އަށް އަރައިފި އެވެ. އަދި އިތުރު 1950 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

ރޭ ދަންވަރުން ފެށިގެން ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށް އިޒްރޭލު ސިފައިން ވަދެ، ފަލަސްތީނު މީހުންގެ ގެދޮރުގެ ހުރުމަތް ކަނޑައި، ފަލަސްތީނުގެ ޒުވާނުންތައް ދަނީ ހައްޔަރުކުރަމުންނެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.