Roadha Mihaaru
ނޭނގި ޕާޓީ ބަދަލުކުރާ މައްސަލަ އަނެއްކާވެސް ބޮޑުވެއްޖެ

ނޭނގި ޕާޓީ ބަދަލުކުރާ މައްސަލަ ބޮޑުވުމުން ޕާޓީތަކުގެ ދަފްރަތު އަލުން އާންމުކޮށްފި

30 އޮކްޓޯބަރ 2023

މީހުންނަށް ނޭނގި އެ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ޝަކުވާ ބޮޑުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކުގެ ދަފްތަރު މިއަދު އަލުން އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީހުންނަށް ނޭނގި އެ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ޝަކުވާ ބޮޑުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކުގެ ދަފްތަރު މިއަދު އަލުން އާންމުކޮށްފި އެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާ އަދި ނޭނގި އެއް ޕާޓީން އަނެއް ޕާޓީ އަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާ ކަމުގެ ޝަކުވާ ކެނޑިނޭޅި އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އާންމުކުރަން ނިންމީ އެ ޝަކުވާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މައުލޫމާތު އަނެއްކާވެސް ކޮމިޝަނުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ރިވިއުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ލިސްޓު އެ ކޮމިޝަންގެ ވެބްސައިޓުން މިހާރު ފެންނާނެ އެވެ. އަދި އެސްއެމްއެސް އާއި ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެ މީހަކު ރަޖިސްޓްރީ ކޮށްފައިވާ ޕާޓީގެ މައުލޫމާތު ޗެކު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ހުށަހެޅުމަށް ވެސް ހަބީބް އެދިވަޑައިގަތެވެ.

މީގެކުރިން ވެސް މި ކަހަލަ މައްސަލަތައް ފެންމަތިވެގެން އީސީން އެކި ފިޔަވަޅުތައް އަޅާފައިވެ އެވެ. ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެގެން، މިދިޔަ އެޕްރީލް މަހުން ފެށިގެން ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ވެސް ހެދި އެވެ.