Roadha Mihaaru
އިޒްރޭލުގެ އަމާޒަކީ ޣައްޒާގެ އާންމުން މަރައި ހުސްކުރުން

އިޒްރޭލުގެ އަމާޒަކީ ޣައްޒާގެ އާންމުން މަރައި ހުސްކުރުން

31 އޮކްޓޯބަރ 2023

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އުދުވާންތަކުގައި، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ވުރެ ބޮޑަށް، ޣައްޒާގެ އާންމު ރައްޔިތުން މަރައި ހުސްކުރުމަށް އަމާޒު ހިފައި، ހޮސްޕިޓަލުތަކަށް ދޭ ހަމަލާތައް އިތުރުކޮށްފި އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އުދުވާންތަކުގައި، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ވުރެ ބޮޑަށް، ޣައްޒާގެ އާންމު ރައްޔިތުން މަރައި ހުސްކުރުމަށް އަމާޒު ހިފައި، ހޮސްޕިޓަލުތަކަށް ދޭ ހަމަލާތައް އިތުރުކޮށްފި އެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން މިއަދު ބުނި ގޮތުގައި އިއްޔެ އާއި ރޭ އިސްތިއުމާރީ ސިފައިން ދިން ގިނަ ހަމަލާތައް އަމާޒުކުރީ، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލުތަކަށާއި ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށެވެ. އެ ގޮތުން އިއްޔެ އެންމެ ފުރަތަމަ ހަމަލާ ދޭން ފެށީ، ޣައްޒާގެ އުތުރުގައި ހުރި އިންޑޮނީޝިޔާ ހޮސްޕޓަލްގެ ކައިރީގައި ހުރި އިމާރާތްތަކަށާއި، އެ ހޮސްޕިޓަލާ އިންވެގެން ހުރި އިމާރާތްތަކަށެވެ.

އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ކައިރީގައި ހުރި އިމާރާތްތަކަށް އިޒްރޭލުން ބާރު ގަދަ މިސައިލާއި ބޮންތަކުން ހަމަލާ ދޭ ކޮންމެ ފަހަރަކު މުޅި ހޮސްޕިޓަލު ދަނީ ގުޑުން އަރައިގެންނެވެ. އަދި އެ ހަތިޔާރުތައް ގޮވުމުން އަރައިގެންދާ ވެއްޔާއި ހިރަފުސްތައް މުޅި ހޮސްޕިޓަލުގެ އެތެރެއަށް ފެތުރި، ފަރުވާ ހޯދަން ތިބި ބަލިމީހުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ޑޮކްޓަރުން ބުންޏެވެ.

އޭގެ ފަހުން އިސްތިއުމާރީ ސިފައިންގެ މަތިންދާބޯޓުތަކުން ހަމަލާތައް ދޭން ފެށީ، ޣައްޒާގެ ހުޅަނގު ފަރާތުގައި ރެޑް ކްރެސެންޓުން ހިންގާ ހޮސްޕިޓަލުގެ ވަށައިގެން ހުރި އިމާރާތްތަކަށެވެ. އަދި ރޭ ދިން ގިނަ ހަމަލާތައް އަމާޒުކުރީ ޣައްޒާގެ ދެކުނުގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލުގެ ވަށައިގެން ހުރި އިމާރާތްތަކަށާއި، ތުރުކީ-ފަލަސްތީނު ފްރެންޑްޝިޕް ހޮސްޕިޓަލުގެ ވަށައިގެން ހުރި އިމާރާތްތަކަށެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރޭ ދިން މިސައިލް ހަމަލާތަކެއް ތުރުކީ-ފަލަސްތީނު ފްރެންޑްޝިޕް ހޮސްޕިޓަލުގެ ތިން ވަނަ އަދި ހަތަރު ވަނަ ފަންގިފިލަޔަށް އަމާޒުވި އެވެ. އެ ދެ ފަންގިފިލަޔަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އެ ހޮސްޕިޓަލުގެ ވަރަށް ގިނަ ޚިދުމަތްތައް ވަނީ ހުއްޓިފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ތުރުކީ-ފަލަސްތީނު ފްރެންޑްޝިޕް ހޮސްޕިޓަލަކީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް، ތުރުކީ ވިލާތުގެ އެހީގައި ޣައްޒާގައި ހިންގަމުން އަންނަ، އަދި ޣައްޒާގައި ހުންނަ މިބާވަތުގެ ހަމައެކަނި ހޮސްޕިޓަލެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުގެ ސަބަބުން، ޣައްޒާގެ 34 އިންސައްތަ ހޮސްޕިޓަލް މިހާރު ހުރީ ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ސިއްހީ ފުރަތަމަ ޚިދުމަތްދޭ މަރުކަޒުތަކުގެ 65 އިންސައްތަ ތަންތަން ވެސް މިހާރު ހުރީ ބަންދުކޮށްފަ އެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންގެ 124 މީހަކު ޝަހީދުވެ އިތުރު 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުން ހޮސްޕިޓަލުތަކަށް ގެންދިއުމަށް މަސައްކަތް ކުރުމުގެ ތެރޭގައި، އިޒްރޭލު ސިފައިން ގަސްދުގައި ހަމަލާ ދިނުމުގެ ސަބަބުންނާއި، ހޮސްޕިޓަލުތަކަށް ބޮން އެޅުމުގެ ސަބަބުން، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އެމްބިއުލާންސްގެ އަދަދު މިހާރު ވަނީ 25 އަށް އަރައިފަ އެވެ. އޭގެ އިތުރުން، 50 އަށް ވުރެ ގިނަ އެމްބިއުލާންސަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ޣައްޒާގައި މިހާރު ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލުތަކުގެ ތެރެއިން 24 ހޮސްޕިޓަލެއް ވަގުތުން ހުސް ކުރުމަށް އިޒްރޭލުން ވަނީ އިންޒާރުކޮށްފަ އެވެ. އެ ހޮސްޕިޓަލުތަކުގެ އެނދުގެ ޖުމްލަ އަދަދަކީ 2000 ކަމަށް ވިޔަސް، އެއަށް ވުރެ އެތައް ގުނައެއް އިތުރަށް ބަލިމީހުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފަލަސްތީނު ސަރުކާރުން ބުނާ ގޮތުގައި ޣައްޒާގައި ހުރި ބޭސް ރައްކާކުރާ ގުދަންތަކާއި ސިއްހީ ސާމާނު ރައްކާކުރާ ގުދަންތަކަށް ވެސް އިޒްރޭލު ސިފައިން ބޮން އަޅައި ހަލާކުކޮށްލާފައިވާތީ، ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި އެކަށީގެންވާ ގޮތެއްގައި ޚިދުމަތެއް ނުދެވެ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 25 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 21040 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3450 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2130 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

އިޒްރޭލުން ދިން ހަމަލާއެއްގައި ޒަހަމްވެފައިވާ ގާޒާގެ މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ

އިޒްރޭލުން ދިން ހަމަލާއެއްގައި ޒަހަމްވެފައިވާ ގާޒާގެ މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ

އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2100 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.