Roadha Mihaaru
14އަހަރުންދަށުގެ ތަށި ފ.އަތޮޅު ސްކޫލުން ދިފާއުކޮށްފި

ސްކޫލް ވޮލީގެ 14 އަހަރުންދަށުގެ ތަށި ފ. އަތޮޅު ސްކޫލުން ދިފާއު ކޮށްފި

01 ނޮވެމްބަރ 2023

ފ. އަތޮޅު ސްކޫލްގެ 14 އަހަރުން ދަށުގެ ފިރިހެން ވޮލީބޯޅަ ޓީމުން އިންޓަ ސްކޫލް މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފ. އަތޮޅު ސްކޫލްގެ 14 އަހަރުން ދަށުގެ ފިރިހެން ވޮލީބޯޅަ ޓީމުން އިންޓަ ސްކޫލް މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން މިއަހަރުގެ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް 14 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ ތަށި ހޯދީ ފ. އަތޮޅު ސްކޫލެވެ.

ފ. އަތޮޅު ސްކޫލުން 14 އަހަރުން ދަށު އުމުރުފުރާގެ ފިރިހެން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ކެޔޮދޫ ސްކޫލް ބަލިކޮށްފަ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ފައިނަލުގައި ވެސް ފ. އަތޮޅު ސްކޫލުން ޗެމްޕިއަންކަން ހޯދީ ކެޔޮދޫ ސްކޫލް ބަލިކޮށްފަ އެވެ.

ފ. އަތޮޅު ސްކޫލާއި ކެޔޮދޫ ސްކޫލް ރޭ ބައްދަލުކުރި 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗުގެ ކުރިން ދެ ޓީމުގެ ކެޕްޓަނުން މެޗު އޮފިޝަލުންނާ އެކު.-- ފޮޓޯ: ވީއޭއެމް

ފ. އަތޮޅު ސްކޫލާއި ކެޔޮދޫ ސްކޫލް ރޭ ބައްދަލުކުރި 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗުގެ ކުރިން ދެ ޓީމުގެ ކެޕްޓަނުން މެޗު އޮފިޝަލުންނާ އެކު.-- ފޮޓޯ: ވީއޭއެމް

އެކުވެނި ވޮލީ ޓާފްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ފ. އަތޮޅު ސްކޫލް ގެންދިޔައީ 25-7، 25-19، 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ އަލޫފް އަބްދުﷲ އެވެ.

ހަތަރު ޓީމު ވާދަކުރި 14 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ ތިންވަނަ ޓީމަކަށް ހޮވުނީ، ސެމީ ފައިނަލުގައި ކެޔޮދޫ ސްކޫލް އަތުން ބަލިވި މުހުޔިއްދީން ސްކޫލެވެ. ފ. އަތޮޅު ސްކޫލް ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ.

ސާދަ އަހަރުން ދަށުގެ ފިރިހެން ޑްރީމް ޓީމުގައި ހިމެނެނީ ފ. އަތޮޅު ސްކޫލުގެ އަލޫފް އަބްދުﷲ، ޔޫސުފް ހުސައިން، އަކުމަލް، އީކާން އަބްދުލް ގައްފާރުގެ އިތުރުން، ކެޔޮދޫ ސްކޫލުގެ އަންމާރު ބިން އަހުމަދު، މުހައްމަދު ރައިހާން ރަޝީދު އަދި އާދަމް އިދުރީސް އެވެ. އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު ސްކޫލް ޓީމުގެ އަލީ ޒާހިރެވެ.

ފ. އަތޮޅު ސްކޫލާއި ކެޔޮދޫ ސްކޫލް ރޭ ބައްދަލުކުރި 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް

ފ. އަތޮޅު ސްކޫލާއި ކެޔޮދޫ ސްކޫލް ރޭ ބައްދަލުކުރި 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް

ސާދަ އަހަރުން ދަށުގެ އަންހެން ކެޓެގަރީ އާއި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓެގަރީގެ ތިންވަނަ ހޮވާ މެޗު ވެސް އިއްޔެ ކުޅުނެވެ.

އިއްޔެ ހަވީރު އެންމެ ފުރަތަމަ ކުޅުނު 14 އަހަރުން ދަށުގެ އަންހެން ކެޓެގަރީގެ މެޗުގައި ތާޖުއްދީން ސްކޫލާ ވާދަކޮށް 25-7، 25-12، 25-15 އިން ސެޓްތައް ކާމިޔާބު ކޮށްގެން ތިންވަނަ ހޯދީ ކެޔޮދޫ ސްކޫލެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކެޔޮދޫ ސްކޫލުގެ އައިޝަތު އަޒްކާ މުހައްމަދު ނާޝިދެވެ.

ހަވީރު ކުޅުނު ދެވަނަ މެޗަކީ 16 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ކެޓެގަރީގެ ތިންވަނަ ހޮވި މެޗެވެ. އެ މެޗުގައި ކެޔޮދޫ ސްކޫލާ ވާދަކޮށް 3-1 ސެޓުން މޮޅުވީ ފ. އަތޮޅު ސްކޫލެވެ. ފ. އަތޮޅު ސްކޫލުން މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 22-25، 25-20، 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފ. އަތޮޅު ސްކޫލުގެ އަޒާން ފަތުހުﷲ އެވެ.

ސޯޅަ އަހަރުން ދަށުގެ އަންހެން ކެޓެގަރީގެ ތިންވަނަ ހޮވި މެޗުގައި ރޭ އިމާދުއްދީން ސްކޫލާ ވާދަކޮށް ކެޔޮދޫ ސްކޫލް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ކެޔޮދޫ ސްކޫލުން ސެޓްތައް ގެންދިޔައީ 25-7، 25-11، 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫ ސްކޫލުގެ އައިޝަތު އާނީ މުހައްމަދު ނާޝިދެވެ.

މިއަދު ކުޅޭ ފައިނަލް މެޗުތައް

• 16:15 - 14 އަހަރުން ދަށް (އަންހެން) : ފ. އަތޮޅު ސްކޫލް / މަޑިފުށި ސްކޫލް

• 19:45 - 16 އަހަރުން ދަށް (އަންހެން) : ފ. އަތޮޅު ސްކޫލް / އދ. ކުނބުރުދޫ ސްކޫލް

• 20:45 - 16 އަހަރުން ދަށް (ފިރިހެން) : އދ. ކުނބުރުދޫ ސްކޫލް / އދ. އަތޮޅު ސްކޫލް

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން މާދަމާ ފަށާނެ އެވެ. މި އުމުރުފުރާގެ ފިރިހެން ކެޓެގަރީގައި ބައިވެރިވެފައިވާ ހަ ސްކޫލަކީ ކެޔޮދޫ ސްކޫލް، މ. އަތޮޅު ތައުލީމީ މަރުކަޒު، ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

ނަވާރަ އަހަރުން ދަށުގެ އަންހެން ކެޓެގަރީގައި ވާދަކުރަނީ އަހުމަދިއްޔާ، މ. އަތޮޅު ތައުލީމީ މަރުކަޒު، ސީއެޗްއެސްއީ، ވިލާ އަދި ކެޔޮދޫ ސްކޫލެވެ.