Roadha Mihaaru
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ

ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ

10 އޯގަސްޓް 2023

ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން މާލޭގައި ސްރީލަންކާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން މާލޭގައި ސްރީލަންކާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހިއްޖެ އެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރައިގައި ބާއްވަން ހަމަޖެހިފައިވާ އައިއޯއައިޖީ އަށް ތައްޔާރުވާން އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ދާދި ފަހުން ތައިލެންޑުގެ ބެންކޮކުގައި ޓްރޭނިން ކޭމްޕެއް ވެސް ފުރިހަމަ ކޮށްފަ އެވެ.

ފިރިހެން ގައުމީ ޓީމުގެ ކޯޗުކަމާ މިވަގުތު ހަވާލުވެ ހުރީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އަދި އަންހެން ޓީމުގެ ހެޑް ކޯޗަކީ ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލްގައި އަންހެން އަދި ފިރިހެން ޓީމު ވެސް ލަންކާއާ ދެކޮޅަށް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ޓީމަކަށް ވެސް އެންމެ ފުރަތަމަ މެޗު އޮތީ ހޮނިހިރު ދުވަހު އެވެ. ހަވީރު 4:15 ގައއި އަންހެން ޓީމުގެ މެޗު ކުޅުމަށް ފަހު ރޭގަނޑު 8:30 ގައި ފިރިހެން ޓީމުގެ މެޗު ކުޅޭނެ އެވެ.

◂ 12 އޮގަސްޓް - 16:15 / އަންހެން

◂ 12 އޮގަސްޓް - 20:30 / ފިރިހެން

◂ 13 އޮގަސްޓް - 20:30 / އަންހެން

◂ 14 އޮގަސްޓް - 20:30 / ފިރިހެން

◂ 15 އޮގަސްޓް - 20:30 / އަންހެން

◂ 16 އޮގަސްޓް - 20:30 / ފިރިހެން

އަންހެން އަދި ފިރިހެން ގައުމީ ވޮލީބޯޅަ ޓީމަށް މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ރާއްޖޭގައި ފޯ ނޭޝަންސް މުބާރާތެއް ވެސް ބާއްވައިފަ އެވެ. އަންހެން ޓީމުން އެ މުބާރާތުގެ ފައިނަލް ކުޅުނެވެ. ނަމަވެސް މެއި މަހު އޮތް ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ރާއްޖެއަށް ހޯދުނީ އެންމެ މޮޅެކެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ލަންކާ އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން އޮތް ސައުތު އޭޝިއަން ގޭމްސްގައި އަންހެން ޓީމު ލަންކާ އަތުން ބަލިވީ ތިންވަނަ ހޮވި މެޗުގަ އެވެ.

ފިރިހެން ޓީމު ވަނީ 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެފައި ވެއެވެ. އޭގެ ކުރިން 2019 ވަނަ އަހަރު އައިއޯއައިޖީގެ ކުރިން ވެސް ރާއްޖޭގައި ލަންކާއާ ދެކޮޅަށް ކުޅުނެވެ.