Roadha Mihaaru
ކުނބުރުދޫ ސްކޫލަށް ފުރަތަމަ ފަހަރަށް ވޮލީގެ ތަށި

އަލަށް ބައިވެރިވެ ކުނބުރުދޫ ސްކޫލަށް ފުރަތަމަ ފަހަރަށް ވޮލީގެ ތަށި

03 ނޮވެމްބަރ 2023

ސޯޅަ އަހަރުންދަށުގެ ފިރިހެން ފައިނަލުގައި ސީދާ ތިން ސެޓުން އދ. އަތޮޅު ސްކޫލް ބަލިކޮށް، މިއަހަރު މުޅިން އަލަށް ވާދަކުރި ކުނބުރުދޫ ސްކޫލުން ފުރަތަމަ ފަހަރަށް އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ތައްޓެއް އުފުލާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސޯޅަ އަހަރުންދަށުގެ ފިރިހެން ފައިނަލުގައި ސީދާ ތިން ސެޓުން އދ. އަތޮޅު ސްކޫލް ބަލިކޮށް، މިއަހަރު މުޅިން އަލަށް ވާދަކުރި ކުނބުރުދޫ ސްކޫލުން ފުރަތަމަ ފަހަރަށް އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ތައްޓެއް އުފުލާލައިފި އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ކުނބުރުދޫ ސްކޫލުން ކާމިޔާބުކުރީ 25-17، 25-21 25-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ސްކޫލުގެ އަހުމަދު އައިހަމް މުހައްމަދެވެ.

މި ކެޓެގަރީގެ ޑްރީމް ޓީމުގައި ހިމެނެނީ ކުނބުރުދޫ ސްކޫލްގެ އައިހަމްގެ އިތުރުން މުހައްމަދު ރިއްފަތު، މުހައްމަދު އިކްރާމް އިސްމާއިލް ރަޝީދު، މުހައްމަދު އިޔާދު މުހައްމަދު އަޔާޒް، އދ. އަތޮޅު ސްކޫލުގެ ޝައިހާން ޝަހީން، އިބްރާހިމް ރާކިން ހަސަން އަދި ކެޔޮދޫ ސްކޫލްގެ އިބްރާހިމް ޔަނާލް މުހައްމަދެވެ. އެންމެ މޮޅު ކޯޗަކީ ކުނބުރުދޫ ސްކޫލްގެ އަހުމަދު ސުނާން އެވެ.

16 އަހަރާއި 14 އަހަރުން ދަށުގެ އަންހެން ތަށި ފ. އަތޮޅު ސްކޫލަށް

ސޯޅަ އަހަރުން ދަށުގެ ފިރިހެން ފައިނަލްގެ އިތުރު، މި އުމުރުފުރާގެ އަންހެން ފައިނަލާއި 14 އަހަރުން ދަށުގެ އަންހެން ފައިނަލް ވެސް ބުދަ ދުވަހު ކުޅުނެވެ. މި ދެ ފައިނަލް ވެސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ފ. އަތޮޅު ސްކޫލެވެ.

14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދި ފ. އަތޮޅު ސްކޫލް ޓީމުން ތަށި އުފުލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދި ފ. އަތޮޅު ސްކޫލް ޓީމުން ތަށި އުފުލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޯޅަ އަހަރުން ދަށުގެ އަންހެން ފައިނަލްގައި ކުނބުރުދޫ ސްކޫލް ވަނީ ފ. އަތޮޅު ސްކޫލް އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ޗެމްޕިއަންކަން ހޯދި ފ. އަތޮޅު ސްކޫލްގެ އީމާން އަލީގެ މޮޅު ކުޅުމާ އެކު ސެޓްތައް ގެންގޮސްފައި ވަނީ 25-9، 25-21، 25-14 އިންނެވެ.

ސޯޅަ އަހަރުން ދަށުގެ އަންހެން ކެޓެގަރީގެ ޑްރީމް ޓީމުގައި ހިމެނެނީ ފ. އަތޮޅު މަދަރުސާގެ އީމާންގެ އިތުރުން ލީމް އަހުމަދު ލަތީފް، އައިޝަތު ޝިޔާ އަހުމަދާއި ކުނބުރުދޫ ސްކޫލުގެ ފާތިމަތު ފައިހާ މުހައްމަދު، އާމިނަތު އާސިޔާ މުހައްމަދު އަދި ކެޔޮދޫ ސްކޫލުގެ އައިޝަތު ދީނާ ސަލީމް އާއި އާމިނަތު އާނީ މުހައްމަދު ނާޝިދެވެ. އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު މަދަރުސާގެ އަލީ ޒާހިރެވެ.

ސާދަ އަހަރުން ދަށުގެ އަންހެން ފައިނަލް މެޗު ފ. އަތޮޅު ސްކޫލް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު 3-1 ސެޓުން ތ. މަޑިފުށި ސްކޫލް ބަލިކޮށްގެންނެވެ.

14 އަހަރުން ދަށުގެ ފައިނަލް މެޗު ތެރޭން، ފ. އަތޮޅު ސްކޫލް ކުދިން އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

14 އަހަރުން ދަށުގެ ފައިނަލް މެޗު ތެރޭން، ފ. އަތޮޅު ސްކޫލް ކުދިން އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފ. އަތޮޅު ސްކޫލުން މެޗުގެ ސެޓްތައް ގެންދިޔައީ 25-17، 25-15، 23-25 އަދި 25-23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފ. އަތޮޅު ސްކޫލުގެ ތުގާ ތޮލްހަތެވެ.

މި ބައިގެ ޑްރީމް ޓީމުގައި ހިމެނެނޫ ފ. އަތޮޅު ސްކޫލުގެ ތުގާ، އައިޝަތު އީވާ އަބްދުﷲ، އީޝާ އަލީ އާއި މަޑިފުށީ ސްކޫލުގެ މަރިޔަމް ޔާނީ ޚަލީލްގެ އިތުރުން ކެޔޮދޫ ސްކޫލުގެ އައިޝަތު އަޒްކާ މުހައްމަދު ނާޝިދު އަދު ތާޖުއްދީން ސްކޫލުގެ އައިރިޝް މޮންޓާޖެސް އެވެ. އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު ސްކޫލުގެ އަލީ ޒާހިރެވެ.

ފ. އަތޮޅު ސްކޫލުގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ އަންގާރާ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ކެޔޮދޫ ސްކޫލް ބަލިކޮށް ތަށި ދިފާއު ކޮށްފަ އެވެ.

19 އަހަރުން ދަށުގެ ކުޅުން ފެށިގެން ކުރިއަށް

ސާދަ އަހަރާއި 16 އަހަރުން ދަށުގެ ކުޅުމަށް ފަހު، 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން މުބާރާތް ވެސް އިއްޔެ ވަނީ ފަށައިފަ އެވެ.

މި އުމުރުފުރާގެ ފިރިހެން ކެޓެގަރީގައި ބައިވެރިވެފައިވާ ހަ ސްކޫލަކީ ކެޔޮދޫ ސްކޫލް، މ. އަތޮޅު ތައުލީމީ މަރުކަޒު، ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

ފިރިހެން ބައިގައި އިއްޔެ ފުރަތަމަ ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ސީއެޗްއެސްއީ އާއި ކެޔޮދޫ ސްކޫލެވެ. ސީއެޗްއެސްއީން ވަނީ 25-18، 25-23 އިން މެޗު ކާމިޔާބު ކޮށްގެން އެޓީމުގެ ފެށުން ރަނގަޅު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ އަހުމަދު ނާވީ އާދަމް އެވެ.

ދެވަނަ މެޗުގައި 25-13، 25-7 އިން ސެޓްތައް ގެންގޮސްގެން ބިލަބޮންގްގެ މައްޗަށް ކުރިހޯދީ މ. އަތޮޅު ތައުލީމީ މަރުކަޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އިމްތިޔާޒް އަފީފް އެވެ.

އެންމެ ފަހުގެ ރަނަރަޕް އަހުމަދިއްޔާ ވަނީ 2-1 ސެޓުން ވިލާ އަތުން ބަލިވެފަ އެވެ. ފުރަތަމަ ސެޓު 25-23 އިން އަހުމަދިއްޔާ ސްކޫލުން ގެންގޮސްފައި ވަނިކޮށް ފަހު ދެ ސެޓު ވިލާ ކާމިޔާބުކުރީ 25-19، 15-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވިލާގެ މުހައްމަދު ބާސިލް ބަޝީރެވެ.

މި އުމުރުފުރާގެ އަންހެން ކެޓެގަރީގައި ވާދަކުރަނީ އަހުމަދިއްޔާ، މ. އަތޮޅު ތައުލީމީ މަރުކަޒު، ސީއެޗްއެސްއީ، ވިލާ އަދި ކެޔޮދޫ ސްކޫލެވެ.

އަންހެން ބައިގެ އެންމެ ފަހުގެ ޗެމްޕިއަން އަހުމަދިއްޔާ ވަނީ ފުރަތަމަ މެޗުގައި މ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް 25-16، 25-22 އިން ބަލިވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު އިބާ ތޯހިރެވެ.

ރަނަރަޕް ސީއެޗްއެސްއީ ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި 25-22، 25-23 އިން ވިލާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީގެ މަނާލް އިސްމާއިލް ރަޝީދެވެ.

ދެ ކެޓެގަރީ ވެސް ކުރިއަށް ގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، އެއްވަނަ ޓީމަކަށް ސީދާ ފައިނަލްގެ ޖާގައެއް ލިބޭގޮތަށެވެ. އަދި ދެވަނަ އާއި ތިންވަނައިގައި ނިންމާ ޓީމު ސެމީ ފައިނަލް މެޗެއް ކުޅޭނެ އެވެ.