01 ނޮވެމްބަރ 2023
ފަލަސްތީނުގެ މީހުންގެ ތެރެއިން 1،000 މީހަކަށް ގދ. ވާދޫން ބިން ދޫކުރަން ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.
ފަލަސްތީނުގެ މީހުންގެ ތެރެއިން 1،000 މީހަކަށް ގދ. ވާދޫން ބިން ދޫކުރަން ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.
މާދަމާ ބާއްވާ އެ ރަށު ކައުންސިލްގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމަން ހުށަހެޅުއްވީ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.
ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ވާދޫގެ އާބާދީއަކީ 1،500 އެވެ. އާންމު ގޮތެއްގައި އެ ރަށަށް ޓޫރިސްޓުން ދަނީ ރާޅާ އެޅުމަށެވެ.
ހަސަން ހުށަހެޅުއްވީ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންގެ ތެރެއިން 1،000 މުސްލިމުންނަށް، ކުޑަކުދިންނާ އެކު، ވާދޫގައި ވަޒަންވެރިވުމަށް ބިން ދިނުމަށާއި އިޒްރޭލުގެ މީހުން އެ ރަށުގެ ބްލޫބޯލްސް (ސާފިން ޕޮއިންޓު) ބޭނުން ކުރުން ހުއްޓުވުމަށާއި ވާދު އަށް ޒިޔާރަތް ނުކުރެވޭނެ ގޮތް ހެދުމަށެވެ.
ހަސަން ވިދާޅުވީ، ކައުންސިލާއި ވާދޫގެ އާންމުން މަޝަވަރާކުރީ އެ ރަށަށް ރާޅާ އެޅުމަށް ދާ އިޒްރޭލުގެ ޓޫރިސްޓުންނަށް އެ ރަށަށް ނޭރޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ފަލަސްތީނުގެ އާއިލާތަކަށް އެ ރަށުން ބިން ދޫކުރުމަށް ހިޔާލު ކުރީ ވެސް ރަށު ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ 1،000 މީހުންނަށް ބިން ދިނުމަށް. އެއީ އެ އާއިލާތަކުން އަންނަ ކުޑަކުދިންނާ އެކު. އަންނަ މީހުން [ފަލަސްތީނަށް] ދާން ބޭނުން ވެއްޖެ ނަމަ ދެވޭނެ. އަޅުގަނޑުމެންނަށް ވެސް އެނގޭ އަންނަ މީހުން އަބަދު އުޅެން ނައިސްދާނެކަން،" ހަސަން ވިދާޅުވި އެވެ.
"މި ވަގުތުގެ ހާލަތަށް ބަލާފައި އަޅުގަނޑުމެން އެ ގޮތަށް ބިން ދިނުމަށް މަޝްވަރާ ކުރީ. އެ މީހުން ދަނޑު ހައްދަން ނުވަތަ ކާންބޯން މަސައްކަތެއް ކުރަން ބޭނުން ނަމަ ދަނޑު ބިން ދޭން ވެސް އަޅުގަނޑުމެން ވާނީ މަޝްވަރާ ކޮށްފައި."
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި، ފަލަސްތީނާއިއެކު ދިވެހިން ތިބިކަން އަންގައިދިނުމުގެ ގޮތުން ވާދޫގައި ބޭއްވި ހިނގާލުން.-- ފޮޓޯ: ވާދޫ ކައުންސިލް
ހަސަން ވިދާޅުވީ، އެ ހުށަހެޅުން ހުށަހެޅުއްވީ ރަށުގެ އާބާދީ އިތުރު ކުރުމަށާއި މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ފަލަސްތީނުގެ މީހުންނަށް އެހީވުން ކަމަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެން ރަށަކީ 197 ހެކްޓަރުގެ ބިމެއް. ކުރިއަށް އޮތް 50 އަހަރަށް ގޯތި ދޫކުރުމަށް ފަހު ވެސް ގޯތި ދޭނެ ޖާގަ މި ރަށުގައި އެބައޮތް. އެހެންވެ އަޅުގަނޑުމެން އެކަމާ މަޝްވަރާ ކުރީ،" އޭނާ ވިދާޅުވި އެވެ.
ވާދު އަށް ރާޅާ އެޅުމަށްދާ އިޒްރޭލު މީހުންގެ އުނދަގޫ އާންމުނަށް މިހާރު ވެސް ވަމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ ރަށުން ބިން ދިނުމާއި ރަށަށް އިޒްރޭލުގެ ޓޫރިސްޓުން އެރުވުން ހުއްޓާލަން މަޝްވަރާ ކުރި ނަމަވެސް އެކަން ވާނީ ސަރުކާރުން ކޮށްދީގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އިޒްރޭލުގެ ޓޫރިސްޓުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ބައެއް ކައުންސިލްތަކުން އަންނަނީ ސަރުކާރުގައި އެދެމުންނެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައި ވެ އެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތް ހަދައިދިނުމަށް ޕެޓިޝަނެއްގައި ހުށަހެޅުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އެކަމަކު، ސަރުކާރުން އެކަމާ އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އިޒްރޭލްގެ މީހުން ރާއްޖެ އައުން ހުއްޓުވައިދޭން އެދިއްޖެ
އިޒްރޭލު މީހުން ރާއްޖެ ނައުމަށް އެ ގައުމުން އިންޒާރެއް
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
ފަލަސްތީނުގެ ހައްގުގައި ގިނަ ބަޔަކު މާލޭގެ މަގުތަކަށް
އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރުނުކުރަން އަންގައިފި
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
އަގްސާގައި ފައްޅި އަޅަން ގޮވާލުން ކުށްވެރިކޮށްފި
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތާށިވެއްޖެ: އެމްޑީޕީ
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު 241 ކޮމިޓީއަށް