Roadha Mihaaru
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން މަޖިލީހަށް ބިލެއް

19 ނޮވެމްބަރ 2023

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރުމަށް މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރުމަށް މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

މި ބިލް މަޖިލީހަށް ހުށަހަޅުއްވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ ބިލުގައި ވަނީ ރާއްޖެ އެތެރެވުން މަނާ މީހުންގެ ގޮތުގައި އިމިގްރޭޝަން ގާނޫނުގައި ބަޔާން ކުރާ މާއްދާގެ ފަހަތަށް އިތުރު އަކުރެއް އިތުރުކޮށްފަ އެވެ.

ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރައްވާފައި ވަނީ، އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުގައި އެތައް ކުޑަކުދިންނާއި އަންްހެނުން މަރަމުން ދާތީ، އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.

ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ވެސް އެ ޖަމާއަތުގެ ގައުމުތަކަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކޮށްފައިވާއިރު، ރާއްޖެއިން ވެސް ފިޔަވަޅު އަޅައި ނަމޫނާ ދެއްކުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މިދިޔަ ހަފްތާގައި ވަނީ މަޖިލިސް އިދާރާ ދޮރުމަތީގައި އިހުތިޖާޖުކޮށްފަ އެވެ. ފެހި ހެދުމުގައި ކުރި އެ އިހުތިޖާޖުގައި އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމެވެ.

އެ ފިއްތުންތަކާ އެކު، މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ލަފާ ދިނުމަށް ނިންމައިފަ އެވެ.

މި މައްސަލައިގައި މާދަމާ ހެނދުނު 9:45 ގައި މަޖިލިސް އިދާރާގެ ދޮރުމަތީގައި އަދި މެންދުރު 12:00 ގައި ފޮރިން މިނިސްޓްރީ ދޮރުމަތީގައި މުޒާހަރާކުރުމަށް ވަނީ ނިންމައިފަ އެވެ.