Roadha Mihaaru
ފަލަސްތީނަށް އެހީވުމަށް ދިވެހި ފިލްމު ފެސްޓިވަލްތަކެއް

ފަލަސްތީނަށް އެހީ ހޯދުމަށް ދިވެހި ފިލްމު ފެސްޓިވަލްތަކެއް

28 އޮކްޓޯބަރ 2023

އިޒުރޭލުގެ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް ފަންޑު ހޯދުމުގެ ގޮތުން ދިވެހި ފަންނުވެރިން ހިންގާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އޮލިމްޕަހާއި ޝުވެކް ސިނަމާގައި ދިވެހި ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އިޒުރޭލުގެ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް ފަންޑު ހޯދުމުގެ ގޮތުން ދިވެހި ފަންނުވެރިން ހިންގާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އޮލިމްޕަހާއި ޝުވެކް ސިނަމާގައި ދިވެހި ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އޮލިމްޕަހުގައި ބާއްވާ ފިލްމު ފެސްޓިވަލަކީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދާ "އިންސާނިއްޔަތަށްޓަކާ" ހަރަކާތުގެ ދަށުން ބާއްވާ ހަތަރު ދުވަހުގެ އިވެންޓެކެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. އަދި މި ފެސްޓިވަލުގައި ކުރީގެ މަޝްހޫރު ދިވެހި ފިލްމުތައް ދައްކަން ވަނީ ނިންމައިފަ އެވެ.

އޮލިމްޕަހުގައި ބާއްވާ ފިލްމު ފެސްޓިވަލުގައި ދައްކާ ފިލްމުތަކުގެ ތެރޭގައި "ފަތިސްހަނދުވަރު"، "ޔޫސުފް"، "ދިލަކަނި"، "ހެހެސް"، "އަމާނާތް"، "އިނގިލި"، "އުދަބާނީ"، "ބަވަތި" އަދި "ވާށޭ މަށާ އެކީ" ހިމެނެ އެވެ. ކޮންމެ ފިލްމަކަށް ވެސް ޓިކެޓް ވިއްކަނީ 100ރ. އަށެވެ.

މި ފެސްޓިވަލުގައި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ، ފަލަސްތީނަށް އެހީ ފޮނުވުމަށް ރާއްޖެއިން ހުޅުވާލާފައިވާ ފަންޑަށް ޖަމާކުރަން އެމްއެފްއޭ އިން ވަނީ ނިންމައިފަ އެވެ.

ޝުވެކް ސިނަމާގައި ބާއްވާ ފިލްމު ފެސްޓިވަލަކީ ބައިސްކޯފުން އިސްނަގައިގެން ބާއްވާ އިވެންޓެކެވެ. ބައިސްކޯފުގެ "ފަލަސްތީނާއެކު ފަންނާނުން" ހަރަކާތުގެ ދަށުން މިއަދު ޝުވެކް ސިނަމާގައި ހަތަރު ފިލްމެއް ދައްކަން ވަނީ ނިންމައިފަ އެވެ. އެ ފިލްމުތައް ދައްކައިގެން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީން ފަންޑަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.

ބައިސްކޯފުގެ ފިލްމު ފެސްޓިވަލުގައި އަޅުވާ ފިލްމުތަކަކީ "ބޮސް" އާއި "ވިޝްކާ" އާއި މާމުއި" އަދި "ނިވައިރޯޅި" އެވެ.

އެހީ ހޯދުމަށް ފަންނާނުގެ ގިނަ ހަރަކާތްތަކެއް

އެމްއެފްއޭ އިން އިސްނަގައިގެން ފަލަސްތީނަށް އެހީ ހޯދުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. "އިންސާނިއްޔަތަށްޓަކާ"ގެ ނަމުގައި އެ ހަރަކާތްތައް އިއްޔެ ފެށީ އޮލިމްޕަސް ކުރިމަތީގައި ބޭއްވި އިވެންޓަކުންނެވެ. އެ އިވެންޓުގައި ވަރަށް ގިނަ ދިވެހި ފަންނާނުން ބައިވެރިވި އެވެ.

ކުޑަކުދިންގެ ހަވީރަކާއި ޖަމްބަލް ސޭލަކާ އެކު މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ވެސް ފަންޑްރެއިޒިން އިވެންޓެއް ބާއްވާނެ އެވެ.

ފަންޑްރެއިޒް ކުރުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ސާފުކުރުމުގެ ހަރަކާތަކާއި މަސްރޭހެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެ އެސޯސިއޭޝަނުން ވަނީ މިދިޔަ ދުވަސްތަކުގައި މާލެ އަތޮޅު ބައެއް ރަށްރަށުގައި ވެސް ފަންޑްރެއިޒިން އިވެންޓުތައް ބާއްވައިފަ އެވެ.