Roadha Mihaaru
ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަނަކީ އަންމަޑޭ

ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަނަކީ އަންމަޑޭ

03 ނޮވެމްބަރ 2023

މިއަހަރުގެ ދިވެހި ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް 1445 ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރުގެ ދިވެހި ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް 1445 ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަންމަޑޭ، ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިއަދު ހެނދުނު ގަދަ ވިއްސާރައިގައި ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި އަންމަޑޭ ޗެމްޕިއަންކަން ހޯދީ، 2021 ވަނަ އަހަރުގެ ފައިނަލްގައި އޭނާ ބަލިކުރި ހޫދު އަހުމަދު (ހޫބްޒް) ބަލިކޮށްފަ އެވެ.

ފައިނަލް ހީޓުގައި އަންމަޑޭ ވަނީ ޖުމްލަ 9.75 ޕޮއިންޓް ހޯދައިފަ އެވެ. ހޫބްޒް އަށް ހޯދުނީ ޖުމްލަ 8.50 ޕޮއިންޓެވެ. ދެ އެތުލީޓުން ވެސް މުޅިއެކު އަށް ރާޅާ އެޅިއިރު، އަންމަޑޭ އެންމެ ގިނައިން ސްކޯކުރީ ދެވަނަ ރާޅާއި ފަހު ރާޅުގަ އެވެ. ދެވަނަ ރާޅަށް ހަ ޕޮއިންޓް ހޯދިއިރު ފަހު ރާޅަށް 3.75 ޕޮއިންޓް ހޯދި އެވެ. ހޫބްޒްގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއަކީ 4.75 އާއި 3.75 ޕޮއިންޓެވެ.

އަންމަޑޭ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ހީޓުގައި 10.73 ޕޮއިންޓް ސްކޯ ކޮށްގެން، 10.06 ޕޮއިންޓް ހޯދި ނަޖާހު މުހައްމަދު (ކަބޯ) ގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަންމަޑޭ ވަނީ ކުއާޓާގެ ހީޓުގައި 8.07 ޕޮއިންޓް ހޯދައިގެން، 6.10 ޕޮއިންޓް ހޯދި ޖައިލަމް ނިޒާރު ފަހަތަށް ޖައްސާލައިފަ އެވެ.

ނަޖާހު ވަނީ ކުއާޓާ ފައިނަލްގެ ހީޓުގައި 9.06 ޕޮއިންޓް ހޯދައި 0.39 ޕޮއިންޓްގެ ތަފާތަކުން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ)ގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ހޫބްޒް ފައިނަލަށް ދަތުރުކުރީ އިއްޔެ އޮތް ސެމީ ފައިނަލްގައި، މިއަހަރުގެ ލީގު ޗެމްޕިއަން ހުސެއިން އަރީފް (އިބޫ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސެމީގެ ހީޓުގައި ހޫބްޒް ވަނީ ޖުމްލަ 13.34 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އިބޫ އަށް ހޯދުނީ 11 ޕޮއިންޓެވެ.

ކުއާޓާގެ ހީޓުގައި ހޫބްޒް ވަނީ 10.57 ޕޮއިންޓް ހޯދައިގެން، 7.56 ޕޮއިންޓް ހޯދި އަބްދުﷲ އަރީފް (ފުކޫ) ބަލިކޮށްފަ އެވެ. އަދި އިބޫ ވަނީ 12.50 ޕޮއިންޓް ހޯދައިގެން، 0.66 ޕޮއިންޓްގެ ތަފާތަކުން އިސްމާއިލް ރަޝީދު (ސްމައިލީ) ފަހަތަށް ޖައްސާލައިފަ އެވެ.

ރަންނަމާރި ޗެލެންޖްގެ ފިރިހެން އޯޕަން ކެޓެގަރީގެ ސެމީ ފައިނަލުން ބަލިވި އިބޫ އާއި ކަބޯ އަށް ވަނީ ތިންވަނަ ލިބިފަ އެވެ.

މިދިޔަ އަހަރުގެ ގައުމީ ލީގު ޗެމްޕިއަން އަންމަޑޭ، މިފަހަރު ނިންމާލީ ލީގު ރޭންކިންގެ ދެވަނައިގަ އެވެ. އޭނާ ވަނީ ރަންނަމާރި ޗެލެންޖްގެ އިތުރުން މ. މުލީގައި މުލީކޮޅު ރާޅުގަނޑު މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

ލީގު ޗެމްޕިއަންކަން ހޯދި އިބޫ އަށް ޖުމްލަ 3590 ޕޮއިންޓް ލިބިފައި ވާއިރު އަންމަޑޭ އަށް ލިބުނީ 3340 ޕޮއިންޓެވެ. އަދި ތިންވަނައިގައި ނިންމީ ކަބޯ އަށް ވަނީ 3070 ޕޮއިންޓް ލިބިފަ އެވެ. ހަތަރުވަނައިގައި ނިންމީ 2940 ޕޮއިންޓް ލިބުނު ހޫބްޒް އެވެ.