Roadha Mihaaru
ފުކޫ، އެސްޔޫޕީ ޗެމްޕިއަންކަން ދިފާއު ކޮށްފި

ސާފިންގެ އެސްޔޫޕީ ޗެމްޕިއަންކަން ފުކޫ ދިފާއު ކޮށްފި

04 ނޮވެމްބަރ 2023

ރަންނަމާރި ޗެލެންޖް 1445 ގައި ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ސާފިން ޗެމްޕިއަންކަން އަބްދުﷲ އަރީފް (ފުކޫ) ދިފާއު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރަންނަމާރި ޗެލެންޖް 1445 ގައި ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ސާފިން ޗެމްޕިއަންކަން އަބްދުﷲ އަރީފް (ފުކޫ) ދިފާއު ކޮށްފި އެވެ.

މިއަހަރުގެ އެސްޔޫޕީ ކެޓެގަރީގައި ހަތަރު އެތުލީޓުން ބައިވެރިވި އެވެ. އެއީ ފުކޫގެ އިތުރުން މުހައްމަދު މުއާޒް، މުހައްމަދު ތޮއްލަމް އަދި މޫސާ ރަޝީދެވެ.

ސެމީ ފައިނަލާ ހަމައިން ފަށާގޮތަށް ތާވަލް ކުރެވުނު ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ހަތަރު އެތުލީޓުން ފައިނަލް ހީޓެއްގައި ވާދަކުރާ ގޮތަށް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނިންމީ އެވެ.

ގަދަ ވަޔާ ވިއްސާރައިގެ ތެރޭގައި އިއްޔެ ކުރިއަށް ގެންދިޔަ ހީޓުގައި ފުކޫ އާއި މުއާޒް އަދި ތޮއްލަމް ބައިވެރިވި އެވެ. މުއާޒް އަކީ ތޮއްލަމް ބަލިކޮށް 2021 ވަނަ އަހަރު، ދިވެހިރާއްޖޭގެ ފުރަތަމަ އެސްޔޫޕީ ޗެމްޕިއަނެވެ. އެފަހަރު ފުކޫ ވަނީ ތިންވަނަ ހޯދައިފަ އެވެ. މިދިޔަ އަހަރު އެސްޔޫޕީ ޗެމްޕިއަންކަން ފުކޫ ހޯދީ ފައިނަލް ހީޓުގައި މުއާޒް ފަހަތަށް ޖައްސާލައިފަ އެވެ. އަދި ތިންވަނަ ލިބުނީ ތޮއްލަމް އަށެވެ.

އިއްޔެގެ ފައިނަލް ހީޓުގައި ތިން އެތުލީޓުން ބައިވެރިވި ނަމަވެސް، 30 މިނިޓަށް ދެމިގެން ދިޔަ ހީޓުގައި ރާޅެއް ދުއްވާލީ ފުކޫ އެކަންޏެވެ. އޭނާ ވަނީ ޖުމްލަ ހަ ރާޅާ އަޅައި، 9.33 ގެ ސްކޯއެއް ހަދައިފަ އެވެ. އެއީ ފުރަތަމަ ރާޅަށް 3.50 އަކާއި ދެވަނަ ރާޅަށް 5.83 ޕޮއިންޓް ހޯދައިގެންނެވެ.

ވަނައެއް ހޯދަން މަދުވެގެން އެއް ރާޅާ އެޅުން މަޖުބޫރު ނަމަވެސް ފުކޫ ފިޔަވައި ދެން ތިބި ބައިވެރިން ރާޅަކާ ނާޅާތީ މި ކެޓެގަރީން ހަމައެކަނި އެވޯޑް ހާސިލް ކުރީ ބޮޑީބޯޑީން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ފުކޫ އެވެ.