Roadha Mihaaru
18 އަހަރަށް ފަހުން ވާދަކޮށް ފަޔާނީއަށް ޗެމްޕިއަންކަން

18 އަހަރަށް ފަހު ވާދަކުރި ފުރަތަމަ މުބާރާތުން ފަޔާނީ އަށް ޗެމްޕިއަންކަން

03 ނޮވެމްބަރ 2023

ރަންނަމާރި ޗެލެންޖް 1445 ގެ މާސްޓާސް ކެޓެގަރީގެ ފައިނަލްގައި މުހައްމަދު ފަޔާޒަ (ޕެލޭ) ފަހަތަށް ޖައްސާލައި، ހުސެއިން ފަޔާޒް (ފަޔާނީ) ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރަންނަމާރި ޗެލެންޖް 1445 ގެ މާސްޓާސް ކެޓެގަރީގެ ފައިނަލްގައި މުހައްމަދު ފަޔާޒަ (ޕެލޭ) ފަހަތަށް ޖައްސާލައި، ހުސެއިން ފަޔާޒް (ފަޔާނީ) ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި ފަޔާނީ ވަނީ ތިން ރާޅާ އަޅައިގެން ޖުމްލަ 10.75 ގެ ސްކޯއެއް ހަދައިފަ އެވެ. އޭނާގެ ދެވަނަ ރާޅަށް 5.50 ޕޮއިންޓް ހޯދިއިރު، ޖެހިގެން އެޅި ރާޅުގައި 5.25 ޕޮއިންޓް ހޯދި އެވެ.

ކުރީގެ ގައުމީ ޗެމްޕިއަން ޕެލޭ އަށް ފައިނަލް ހީޓުގައި ހޯދުނީ ޖުމްލަ 6.90 ޕޮއިންޓެވެ. މުޅި އެކު ހަތް ރާޅާ އެޅި އިރު، އެންމެ ރަނގަޅު ދެ ރާޅަށް ހޯދުނީ 3.50 އާއި 3.40 ޕޮއިންޓެވެ.

މާސްޓާސް ކެޓެގަރީގެ ތިންވަނަ ލިބުނީ، ސެމީ ފައިނަލް ހީޓުގައި ވާދަކުރި އިބްރާހިމް ލަތީފް އާއި ހުސެއިން ނިޒާމް އަށެވެ.

މިއީ 2005 ވަނަ އަހަރުގެ ފަހުން ފަޔާނީ މުބާރާތެއްގައި ރާޅާއެޅި ފުރަތަމަ ފަހަރެވެ. ސާފިން އެސޯސިއޭޝަންގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ފަޔާނީ، އެމްއެސްއޭގެ ދައުވަތު ގަބޫލުކޮށް މިއަހަރުގެ މުބާރާތުގެ މާސްޓާސް ކެޓެގަރީގައި ބައިވެރިވީ، މުބާރާތެއްގައި ވާދަކުރާތަން އޭނާގެ އަށް އަހަރުގެ ދަރިފުޅު، ލަޔަން ހުސެއިން އަހުމަދު މަނިކް އަށް ދައްކާލުމުގެ ގޮތުންނެވެ.

"ދަރިފުޅު ބަލަން ހުއްޓައި މުބާރާތެއްގައި ރާޅާއަޅާލަން ބޭނުންވާތީ އެމްއެސްއޭގެ ދައުވަތު ގަބޫލުކުރީ، ކޮމްޕެޓިޓިވް މައިންޑްސެޓެއްގަ އެއް ނޫން އަސްލު. ވަރަށް އުފާވި ޗެމްޕިއަންކަން ލިބުމުން، ދަރިފުޅަށް މިކަމުން ވެސް ކުރިއަށް ދާން ހިތްވަރެއް މި ހޯދައިދެވުނީ،" ފައިނަލް ހީޓަށް ފަހު "މިހާރު" އާ ވާހަކަ ދައްކަމުން ފަޔާނީ ބުންޏެވެ.

"ދަރިފުޅު ވަރަށް އުފަލުން ހުރީ ޗެމްޕިއަންކަން ހޯދައިގެން ހީޓް ނިންމާފަ އެރި ވަގުތު. އޭނާއަކީ ސްކޭޓަރެއް، އެކަމު މަދުމަދުން ރާޅަށް ގެންގޮސް އުޅެން."

ރާޅާއަޅަން ޝައުގުވެރިކަން ހުންނަ އަދި ރާޅާއަޅާ ޒުވާން ކުދިންނަށް ވެސް ފަޔާނީ މުހިއްމު މެސެޖެއް ދިނެވެ. އޭނާ ބުނީ އަބަދުވެސް ހާސިލް ކުރަން ބޭނުންވާ ކަމެއް ކާމިޔާބު ކުރަން ކުރިއަށް ދާންވީ އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކަމަށެވެ.

"ޒުވާން ޖީލަށް ބުނެލަން ބޭނުންވޭ، އަބަދުވެސް އޮޕޮނަންޓަށް ޗެލެންޖް ކުރުމުގެ ބަދަލުގައި ބަލަންވީ ރާޅަށް ޗެލެންޖް ކުރާށޭ. އޭރުން ކޮންފިޑެންސް ވެސް ލިބޭނެ، ރަނގަޅު ރާޅު ހޯދައިގެން އިތުބާރާ އެކު އެ ރާޅެއްގައި ރަނގަޅު ސްކޯއެއް ހޯދަން މަސައްކަތް ކުރަންވީ،" ފަޔާނީ ބުންޏެވެ.