Roadha Mihaaru
ދަރަނީގެ ލިޔުންތައް އާންމުކުރި ކަމަށްބުނެ ވަކިކޮށްފި

ފެނަކައިގެ ދަރަނީގެ ލިޔެކިޔުންތައް ލީކުކުރިކަމުގެ ތުހުމަތުގައި މުވައްޒަފަކު ވަކިކޮށްފި

04 ނޮވެމްބަރ 2023

ފެނަކަ ކޯޕަރޭޝަންގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް ލީކުކުރާ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފެނަކަ ކޯޕަރޭޝަންގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް ލީކުކުރާ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ހެޑް އޮފީހުގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ސީނިއާ އޮފިސަރުގެ މަގާމުގައި ހުންނެވި ޔޫސުފް ރަމީޒު ވަކިކޮށް، މިދިޔަ ބުދަ ދުވަހު ދިން ޗިޓުގައި ބުނީ ކުންފުނީގެ ސިއްރު މައުލޫމާތު އާއްމު ކުރުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ.

ޖޫން 1، 2016 ގައި ފެނަކައާ ގުޅިވަޑައިގެންނެވި ރަމީޒު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުންފުނިން އޭނާއަށް ކުރަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފެނަކައިގެ ދަރަންޏާ ގުޅޭ ލިޔެކިޔުންތަކެއް އާންމުކުރި ކަމުގެ ތުހުމަތުތައް ކަމަށެވެ.

އެ މައްސަލާގައި މިދިޔަ ހަފުތާގައި ޑިސިޕްލިނަރީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން އެ ހުރިހާ ސުވާލަކަށް ޖަވާބުދީފައިވާނެ ކަމަށް ރަމީޒު ވިދާޅުވި އެވެ. ނަމަވެސް، ވަޒީފާއިން ވަކިކުރީ އެއްވެސް ހެއްކެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީއަށް ހާޒިރުކޮށް ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދިނިން. ބަޔާނުގައި ސޮއިކުރަން ދިނީމަ އަޅުގަނޑު ބުނިން ސޮއެއް ނުކުރާނަމޭ، އެއީ އަޅުގަނޑު ނުކުރާ ކަމެއް ކަމަށް." ރަމީޒު ވިދާޅުވި އެވެ.

އޭނާ ވަނީ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ނިންމައިފަ އެވެ.

ފެނަކައިގެ ޒިންމާތަކުން އެކަހެރި ކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު ވެސް ވަނީ މިދިޔަ ސެޕްޓެމްބަރު 26 ވަނަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ.

ވަހީދު "މިހާރު" އަށް ވިދާޅުވީ އޭނާ މަގާމުގެ ޒިންމާތަކުން އެެކަހެރި ކުރި ސީދާ ސަބަބު މިހާތަނަށް އަންގާފައި ނުވިޔަސް ބޮޑަށް ލަފާ ކުރެވޭ މައްސަލައަކީ ކުންފުނީގެ ދަރަންޏާ ބެހޭ ކަންބޮޑުވުންތައް ހާމަކުރުން ކަމަށެވެ. އެ މައްސަލަތައް ފެނަކައިގެ ބޯޑަށް ގެންދިޔައީ އެއީ ކުރަންޖެހޭ މަސައްކަތަކަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.