Roadha Mihaaru
ކުރިން އިސްތިއުފާ ނުދެއްވީ ކީއްވެތޯ އެހުމުން ހަނު!

އިސްތިއުފާ ނުދެއްވައި ދިގުދެންމީ ކީއްވެތޯ ސުވާލު ކުރުމުން ނަޝީދު ހުންނެވީ ހަނު

13 ނޮވެމްބަރ 2023

މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި މުހައްމަދު ނަޝީދު މިއަދު ފޮނުއްވި ސިޓީފުޅު ފައްޓަވަމުން ވިދާޅުވެފައި ވަނީ މަޖިލީހުގައި މިހާރު ހިނގާ މައްސަލަ އާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރާ މެދު އެމަނިކުފާނު ވިސްނަވާފައިވާ ކަމަށެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި މުހައްމަދު ނަޝީދު މިއަދު ފޮނުއްވި ސިޓީފުޅު ފައްޓަވަމުން ވިދާޅުވެފައި ވަނީ މަޖިލީހުގައި މިހާރު ހިނގާ މައްސަލަ އާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރާ މެދު އެމަނިކުފާނު ވިސްނަވާފައިވާ ކަމަށެވެ.

އިސްތިއުފާ ދެއްވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ވަނީ އިތުބާރު ނެތް މައްސަލަ ހުށަހެޅި ވޭތުވެދިޔަ ފަސް މަސް ތެރޭގައި ޑިމޮކްރެޓިކް އުސޫލުތައް ނުހިފެހެއްޓެވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޓީގައި ސަބަބުތައް ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވާ ކަމަށެވެ.

މުޅި މަޖިލީހުގެ ނިޒާމް ގެއްލި އެތައް މަސައްކަތެއް ހުއްޓިފައި އޮތް އިރު ނަޝީދު އިސްތިއުފާ ނުދެއްވައި ދިގު ދެންމެެވީ ކީއްވެގެންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ވިދާޅުވީ އިސްތިއުފާ ދެއްވި ސަބަބު ސިޓީގައި އޮންނާނެ ކަމަށެވެ.

"ޑިމޮކްރެޓިކް ޕްރޮސެސް އެކި ބޭފުޅުން އެކި ގޮތްގޮތަށް އަޅުގަނޑަށް ކިޔާ ދެއްވަމުން މާނަ ކުރަމުން އެބަ ގެންދަވާ." ނަޝީދު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ނުދެއްވާތީ ނަޝީދާ ނޫސްވެރިން ތަކުރާރުކޮށް އެ ސުވާލު ކުރުމުން ވިދާޅުވި ގޮތުގައި މި އަހަރަކީ ވެސް މަޖިލީހުގައި އެންމެ ގިނަ މަސައްކަތް ކުރެވުނު އަހަރު ކަމަށެވެ. އަދި މި 19 ވަނަ މަޖިލީހަށް ވުރެ ގިނައިން މަސައްކަތް ކުރި މަޖިލީހެއް އާ ގާނޫނުއަސާސީ އެކުލަވައިލި ފަހުން ނާންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް މަޖިލީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރު މަޖިލިސް ފެށި އިރު ހުށަހެޅޭ މަސައްކަތް ނިންމާލެވޭ ވަރު ހުރީ 73 ޕަސެންޓުގަ އެވެ. ނަމަވެސް ފަހު 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށި އިރު އެ އަދަދު ވަނީ 38 ޕަސެންޓަށް މަދުވެފަ އެވެ.

މި އަހަރުގެ ފަހު ދެ ދައުރު ދިޔައީ އިތުބާރު ނެތް މައްސަލަތަކާ ހެދި ގާތްގަނޑަކަށް އެއްވެސް މަސައްކަތެއް ނުކުރެވި އެވެ.

އެ ޕާފޯމަންސް އާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވެސް ނަޝީދު ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.