Roadha Mihaaru
ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި: އަމީރު

ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި: އަމީރު

14 ނޮވެމްބަރ 2023

ބަޖެޓުގެ ޑެފިސިޓް ކުޑަނުކޮށް އިގްތިސާދު ކުރިއަށް ގެންދެވޭނެ މަގު ހަނި ކަމަށް ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަޖެޓުގެ ޑެފިސިޓް ކުޑަނުކޮށް އިގްތިސާދު ކުރިއަށް ގެންދެވޭނެ މަގު ހަނި ކަމަށް ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހަލަބޮލިވެފައިވާ، އަދި އިދިކޮޅު ފަރާތްތަކުގެ ހަޅޭކުގެ ތެރޭގައި 2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން އަމީރު މިއަދު ވިދާޅުވީ، މެދުރާސްތާގައި ޑެފިސިޓް ދަށްކުރުމަކީ ފިސްކަލް ދެމެހެއްޓިނިވި ކަމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ދިމާވި ބޮޑެތި ކްރައިސިސްތަކާ އެކު، ފިސްކަލް ހާލަތު ވަނީ ހީނަރުވެފައި. ކޮވިޑް-19 އަށް ފަހު އިސްލާހީ ފިޔަވަޅު އަޅަން ފެށި އަހަރު، ތެލުގެ އަގު މައްޗަށް ދިއުމުން ބަޖެޓަށް ބުރަބޮޑުވި. ނަމަވެސް، ދެން ކުރިއަށް ދިއުމުގައި ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި ކަމުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، 2026 ވަނަ އަހަރަކީ ބޮޑު އަދަދަކުން ރާއްޖެއިން ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭ އިރު ދަރަނި އަދާކުރަން އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށެވެ.

"ދައުލަތުގެ ދަރަނީގެ ހިރާސްތައް ކުޑަކޮށް، ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަށް މަސައްކަތްކުރަމުން. ރޭވިފައިވާގޮތަށް ކަންކަން ކުރިއަށް ގެންގޮސްފި ނަމަ، 2026 ގައި އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް ނުވަތަ ރީފައިނޭންސްކުރުމަށް ނުވަތަ އެނޫންވެސް ސްޓްރެޓެޖީއެއްގައި ކުރިއަށް ދިއުމުގެ ގާބިލުކަން ދައުލަތުގައި އޭރު ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިމްތިޔާޒަށް އަމީރު އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްގެ މެމްބަރުން އޭނާ އިންނެވި މޭޒު ވަށާލައިގެން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ހުރަސްއަޅުއްވަނީ. --

މަޖިލީހުގެ އިމްތިޔާޒަށް އަމީރު އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްގެ މެމްބަރުން އޭނާ އިންނެވި މޭޒު ވަށާލައިގެން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ހުރަސްއަޅުއްވަނީ. --

އަމީރު ވިދާޅުވީ 2026 ވަނަ އަހަރަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ސައިޒު ނުވަ ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ ކަމަށާއި އެ ފަންޑުގައި ޑޮލަރުގެ ގޮތުގައި 250 މިލިއަން ޑޮލަރު ބެހެއްޓުމަށް ރޭވިފައިވާ ކަމަށެވެ.

މި ވަގުތު އެސްޑީއެފްގެ ޖުމްލަ އަދަދަކީ 7.5 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހުރީ 124.7 މިލިއަން ޑޮލަރެވެ.

ބަޖެޓުގެ މުހިއްމު ބައިތައް

- ޖުމްލަ ބަޖެޓު : 49.5 ބިލިއަން ރުފިޔާ

- ޖުމްލަ ހަރަދު : 47.3 ބިލިއަން ރުފިޔާ

- ޖުމްލަ އާމްދަނީ : 33.5 ބިލިއަން ރުފިޔާ

- ޑެފިސިޓް: 13.7 ބިލިއަން ރުފިޔާ

- ސީދާ ދަރަނި: 105 ބިލިއަން ރުފިޔާ

2024ގެ އިގްތިސާދީ ތަސައްވުރު

- ޖީޑީޕީ 114.6 ބިލިއަން ރުފިޔާ އަށް އެރުވުން

- އިގްތިސާދީ ދުވެލި 5.5 ޕަސެންޓުގައި ބެހެއްޓުން

- ޓޫރިސްޓުން: 2.01 މިލިއަން ޓޫރިސްޓުން

- ރިޒާވް: 606 މިލިއަން ޑޮލަރު

- އިންފްލޭޝަން: 3.9 ޕަސެންޓް