Roadha Mihaaru
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ކޮމިޓީގައި އަންގާރަ ދުވަހު ފަށަނީ

10 ނޮވެމްބަރ 2024

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ އަންގާރަ ދުވަހުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ އަންގާރަ ދުވަހުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.

އެ ބިލްގައި ވަނީ އިޒްރޭލްގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލް ޕާސްޕޯޓެއް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އެ ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެ ބިލާ މެދު މަޖިލިހުގެ ތަޅުމުގައި މެމްބަރުން ބަހުސް ކުރައްވައި، އެ ބިލް ދިރާސާކޮށް ގޮތެއް ނިންމަން މިދިޔަ ޖޫން 10 ގައި 241 ކޮމިޓީ އަށް މައްސަލަ ފޮނުވި ނަމަވެސް ފަސް މަސް ނިމުނީ އެއާ ގުޅޭ އެއްވެސް މަސައްކަތެއް ނުކޮށެވެ.

އެ މައްސަލާގައި 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު "މިހާރު" އަށް މިއަދު ވިދާޅުވީ އަންގާރަ ދުވަހަށް ތާވަލުކޮށްފައި ވަނީ އެ ބިލާ މެދު ކޮމިޓީގެ މަސައްކަތް ނިންމާނެ ތާރީހެއް ކަނޑައެޅުމަށް ކަމަށެވެ.

އެ މައްސަލާގައި ކަމާ ގުޅޭ އިދާރާތަކުން ދެކޭ ގޮތުގެ ހިޔާލު ހޯދުމާއި އިދާރާތަކުގެ ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގައުމުތަކުގެ ވެރިންގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ވެރިޔާ ކަމަށާއި ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް އިޒްރޭލްގެ ޕާސްޕޯޓާ މެދު ގޮތެއް ނިންމަން ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އެޖެންޑާ ކުރީ ސުންގަޑި ކަނޑައަޅަން ޖެހޭ. އޭގެ މާނައަކީ ކޮމިޓީގެ މަސައްކަތް ފަށާފައި ނިންމާނެ ތާރީހެއް ކަނޑައަޅުން. ދެން އަޅުގަނޑުމެން ކަމާ ގުޅުން ހުރި ފަރާތްތަކަށް ކޮމެންޓްސް އަށް ވެސް ފޮނުވާނަން. އަދި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން އެކަމާ ގުޅުން ހުރި އިދާރާތަކުގެ ބޭފުޅުން ހާޒިރުކޮށް، ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުން އަޅުގަނޑުމެންގެ ބޭނުމަކީ،" އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުން ވެސް މިއޮތީ މިކަން ކުރިއަށް ގެންދަން ނިންމާފައި."

އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން މި ސަރުކާރުން ނިންމިކަން އިއުލާންކުރީ މި އަހަރުގެ ޖޫން ދެވަނަ ދުވަހު އެވެ. އެއީ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރުމާ ގުޅޭ ކަމެއްގައި ކެބިނެޓުން ގޮތްތަކެއް ނިންމި ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން އެ މީހުންނަށް ރާއްޖެ އަށް ނާދެވޭ ގޮތަށް ހަދަން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުން ލަސްވެ، ސޯޝަލް މީޑިއާގައި ވެސް އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވެފައި ވަނީ ބިލް އަވަސްކޮށް، ބޭނުންވާ ނަތީޖާ އިހުލާސްތެރިކަމާ އެކު ހާސިލްކުރަން ބޭނުންވާ ނަމަ ބިލް މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވަން ޖެހޭ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެކަމަކު، ސަރުކާރާއި ޕީއެންސީގެ ވިސްނުމަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް ހުށަހެޅުއްވި ބިލަށް އިތުރު އިސްލާހު ގެނެސް އެ ބިލަށް ތާއީދު ކުރުމެވެ.

"ދިވެހިން ފަލަސްތީނާއެކު" ނަމުގައި ބޭއްވި އެއްވުމެއްގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ދިވެހިން ފަލަސްތީނާއެކު" ނަމުގައި ބޭއްވި އެއްވުމެއްގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ބިލާ ގުޅިގެން ކުރިން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ މީކާއިލް ހުށަހެޅުއްވި ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.

ނަމަވެސް އިޒްރޭލު ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ. އޭގެ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލް ޕާސްޕޯޓުގައި ވަރަށް ގިނަ ފަލަސްތީން ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމެވެ.