Roadha Mihaaru
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން

ޗައިނާ-އިންޑިއާގެ ގަދަހިފުމުގައި ރާއްޖެ ފިތޭކަށް މުއިއްޒު ބޭނުންފުޅެއް ނޫން

23 އޮކްޓޯބަރ 2023

ދުނިޔޭ ބޮޑެތި ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާ އިން ސަރަހައްދީ ގަދަހިފުމެއްގައި އުޅޭ އިރު، އެކަމުގެ ތެރޭގައި ރާއްޖެ ފިތެން ބޭނުންފުޅު ނުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދުނިޔޭ ބޮޑެތި ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާ އިން ސަރަހައްދީ ގަދަހިފުމެއްގައި އުޅޭ އިރު، އެކަމުގެ ތެރޭގައި ރާއްޖެ ފިތެން ބޭނުންފުޅު ނުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި، އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ އަލަށް ހަވާލުވެވަޑައިގަންނަވާ މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން އެއްވެސް ސިފައެއްގައި ރާއްޖޭގައި ތިބެން ދިވެހިން ބޭނުން ނުވާ ކަން މިދިޔަ މަހުގެ ރިޔާސީ އިންތިހާބުގައި ދިވެހިން ބުނެފައިވާ ކަމަށެވެ.

"އެކަން ކުރަން އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދު ފުރަތަމަ ދުވަހުން ފެށިގެން ފުއްދާ ނަން،" މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އިންތިހާބުގެ ކާމިޔާބީއަށް ފަހު، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބައްދަލުކުރެއްވި ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލަންޖެހޭނެ ކަން ވަރަށް ސާފުކޮށް އެ ބައްދަލުވުމުގައި ވެސް ދެންނެވި ކަމަށެވެ.

ޗައިނާގެ އަހަރީ ދުވަހުގެ ހަފްލާގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިން މުއިއްޒު އާ ސަލާމް ކުރައްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޗައިނާގެ އަހަރީ ދުވަހުގެ ހަފްލާގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިން މުއިއްޒު އާ ސަލާމް ކުރައްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިމާލަޔާ ބޯޑަރު ސަރަހައްދުގައި ޗައިނާ އާއި އިންޑިއާއާ ދެމެދު މަސްރަހު ހޫނުވެފައިވާ އިރު، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ، ރާއްޖެ ބޮޑު ނުރައްކަލަކަށް ހުށަހެޅުންގެ ގޮތުގައި އިންތިހާބީ ރައީސް މުއިއްޒު ސިފަ ކުރެއްވި އެވެ.

"ދުނިޔޭގެ ގަދަ ބާރުތަކެއްގެ ގަދަހިފުމުގެ ތެރޭގައި ފިތޭ ވަރަށް ވުރެ ރާއްޖެ މާ ކުޑަ. އަޅުގަނޑުމެންގެ އެކަމުގެ ތެރޭގައި ފިތުމުގެ ފުރުސަތެއް ނުދެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާމަތިންދާ ބޯޓުގެ އެއްބަސްވުމުގެ އިތުރުން، އިންޑިއާއާ އެކު، މި ސަރުކާރުން ސޮއިކޮށްފައިވާ އެހެން އެއްބަސްވުންތައް ވެސް ރަނގަޅަށް މުރާޖައާ ކުރަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އެއީ މުއިއްޒު ވިދާޅުވި ގޮތުގައި އެ އެއްބަސްވުންތަކުގައި ވަރަށް ގިނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރު ކޮށްފައިވާތީ އެވެ.

އިންތިހާބީ ރައީސް މުއިއްޒާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަލާން ކުރައްވަނީ.

އިންތިހާބީ ރައީސް މުއިއްޒާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަލާން ކުރައްވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ޗައިނާ އިން ބޮޑެތި ލޯނުތައް ނަގައި، ހުޅުމާލެ ބްރިޖު ފަދަ ބިޔަ މަޝްރޫއުތައް ހިންގާފައިވާ އިރު، މުއިއްޒު "ޕްރޯ-ޗައިނާ" ވާނެ ކަމަށް ބުނާ ބުނުން އެ މަނިކުފާނު ދޮގުކުރެއްވި އެވެ.

"އަޅުގަނޑަކީ ޕްރޯ-މޯލްޑިވްސް. އަޅުގަނޑަށް އަބަދުވެސް އެންމެ ފުރަތަމަ ރާއްޖެ. އެންމެ ފުރަތަމަ ރާއްޖޭގެ މިނިވަންކަން. އަޅުގަނޑު އެހެން ގައުމަކާ ވަކި އެއްކޮޅެއް ވެސް ނޫނީ ދެކޮޅެއް ވެސް ނޫން." އެ މަނިކުފާނު ވިދާޅުވި އެވެ.