Roadha Mihaaru
"ސަރުކާރުން ލޯނު ނަގަނީ އިންޓްރެސްޓް ބޮޑުކޮށް"

ސަރުކާރުން އިންޓްރެސްޓް ބޮޑުކޮށް ލޯނު ނަގާތީ އޮޑިޓް އޮފީހުގެ ކަންބޮޑުވުން

16 ނޮވެމްބަރ 2023

ސަރުކާރުން ބަޖެޓު ފައިނޭންސް ހޯދުމުގައި ބަޖެޓުގައި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ބަޖެޓު ފައިނޭންސް ހޯދުމުގައި ބަޖެޓުގައި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން މިއަދު ވިދާޅުވީ، ބަޖެޓު ފައިނޭންސް ކުރުމުގައި ހިމަނާފައިވާ ފައިނޭންސިން ޕްލޭންތަކާއި ހިލާފަށް ޑޮމެސްޓިކް އިންސްޓްރޫމަންޓަށް ބަރޯސާވާ ވަރު ވަރަށް ބޮޑު ކަމަށެވެ. އަދި ބަޖެޓު ސަޕޯޓަށް ހޯދާ ގިނަ ލޯނުތަކަކީ ކޮންސެޝަނަލް ފައިނޭންސިންގެ އުސޫލުތަކާ ހިލާފަށް، އެކަށީގެންވާ މިންވަރަށް ވުރެ ކުރު މުއްދަތަކަށް އަދި އިންޓްރެސްޓް ބޮޑުކޮށް ނަގާ ލޯނުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓްރެސްޓް ބޮޑުކޮށް ލޯނުތައް ނަގާފައިވުމުގެ ނަތީޖާއެއްގެ ގޮތުން އަހަރުން އަހަރަށް އިންޓްރެސްޓް އަދި ފައިނޭންސިން ކޮސްޓްގެ ގޮތުގައި ކުރަން ޖެހޭ ހަރަދު ބޮޑުވަމުންދާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިނޭންސިންގެ ބޮޑު ބައެއް ބޭރުގެ ފަރާތްތަކުން ނަގައި ބަޖެޓު ސަޕޯޓު ލޯނާއި ގްރީން ނުވަތަ ބްލޫ ބޮންޑް ވިއްކައިގެން ހޯދަން ހުށަހެޅިއަސް ފައިނޭންސް ހޯދުމުގައި ޑޮމެސްޓިކް މާކެޓު ހާއްސަކޮށް ކުރު މުއްދަތުގެ އިންސްޓްރޫމަންޓަށް ބަރޯސާވެފައިވާލެއް ބޮޑެވެ.

އޮޑިޓް އޮފީހުގެ ޑިރެކްޓަރު ޝާން ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޮޑިޓް އޮފީހުގެ ޑިރެކްޓަރު ޝާން ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"މީގެ ސަބަބުން ދަރަނީގެ ޕޯޓުފޯލިއޯގެ ރީފައިނޭންސިން ރިސްކް އަދި އިންޓްރެސްޓް ރޭޓު އިތުރުވެފައިވުމާއި އަދި ބަޖެޓް ފައިނޭންސް ކުރުމުގައި ޑޮމެސްޓިކް މާކެޓަށް ބަރޯސާވެފައިވާ މިންވަރު އިތުރުވުމާއި ޑޮމެސްޓިކް މާކެޓުގެ ލިކުއިޑިޓީ މިންވަރު ދެނެގަތުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އެ އޮފީހުން ވަނީ ފިނޭންސް މިނިސްޓްރީން އެކުލަވައިލާ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތަށް ފައިނޭންސިން ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

އޮޑިޓް އޮފީހުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ބޮޑު ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހޭދަކުރާ އިރު ކުންފުނިތަކަށް ފައިދާ ދޭ އިރު ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ގޮވާލައްވާފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި އަހަރު 764 މިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް، މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 40 ޕަސެންޓުގެ އިތުރުވުމެކެވެ.

"ކުންފުނިތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވައިލާ، އެ ކުންފުނިތައް އަހަރު ތެރޭ އެކި ނަންނަމުގައި ކެޕިޓަލް ގޮތުގައި ވިޔަސް ލޯނުގެ ގޮތުގައި ވިޔަސް، އެ ކުންފުނިތަކަށް ދެވިފައިވާ ފައިސާ ހަރަދު ކުރި ގޮތް ސާފުކުރުން މުހިއްމު ކަމުގައި ދެކެން،" ޝާން ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުން ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ފިއުލް ސަބްސިޑީއަށެވެ. ފިއުލް ސަބްސިޑީއަށް ފެނަކަ އާއި ސްޓެލްކޯއަށް 530 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް 6.5 ބިލިއަން ރުފިޔާ ހުށަހެޅި އިރު އެއާއެކު މި އަހަރަށް ކަނޑައަޅާ ބަޖެޓުގެ އަދަދު 49.4 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.