Roadha Mihaaru
ވިޖޭ އާއި ކެޓްރީނާގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

ވިޖޭ އާއި ކެޓްރީނާގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

17 ނޮވެމްބަރ 2023

އަންނަ މަހު 15 ގައި ރިލީޒްކުރާ ގޮތަށް ކުރިން އޮތް ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފް އާއި ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު ތަރި ވިޖޭ ސެތުޕަތީގެ ކްރައިމް ތުރިލާ ފިލްމު "މެރީ ކްރިސްމަސް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އަންނަ މަހު 15 ގައި ރިލީޒްކުރާ ގޮތަށް ކުރިން އޮތް ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފް އާއި ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު ތަރި ވިޖޭ ސެތުޕަތީގެ ކްރައިމް ތުރިލާ ފިލްމު "މެރީ ކްރިސްމަސް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މި ފިލްމު ރިލީޒްކުރާ އާ ތާރީހު އިއުލާންކުރީ އިއްޔެ އެވެ. މި ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސް، ޓިޕްސް ފިލްމްސް އިން ބުނީ އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ ޖެނުއަރީ މަހު 12 ގައި ކަމަށެވެ.

މިއީ މި ފިލްމު އަޅުވާ ތާރީހު ފަސްކުރި ތިންވަނަ ފަހަރެވެ. ބެލެވޭ ގޮތުގައި، ފިލްމު ފަސްކުރަން ޖެހުނީ އަންނަ މަހު ވަރަށް ބޮޑު ފިލްމުތައް ފުލުފުލުގައި ސިނަމާ އަށް ގެންނަ ގޮތަށް ތާވަލުކޮށްފައި އޮތުމުންނެވެ.

މި އަހަރު އެންމެ އިންތިޒާރު ކުރެވުނު މި ފިލްމުގެ ޑައިރެކްޓަރަކީ "ބަދުލާޕޫރް" އާއި "އަންދާދުން" ގެ ފަހަތުގައި ހުރި ޝްރީރާމް ރާގަވް އެވެ.

މި ފިލްމު ނެރެނީ ހިންދީ އަދި ތަމަޅަ ބަހުންނެވެ. އަދި މި ދެބަހުން ނެރެނީ ވެސް ފިލްމުގެ ދެ ވާޝަނެކެވެ. ފިލްމުގެ ދެ ވާޝަންގައި ލީޑު ތަރިން ފިޔަވާ، އެހެން ކާސްޓުން ތަފާތުވާނެ އެވެ.

ފިލްމުގެ ހިންދީ ވާޝަންގެ ކާސްޓުގައި ސަންޖޭ ކަޕޫރު، ވިނޭ ޕާޓަކް، ޕްރަތީމާ ކަންނަން އަދި ޓިންނޫ އަނަންދު ފެންނާނެ އެވެ. ހަމަ އެ ތަރިންގެ ރޯލުން ތަމަޅަ ވާޝަންގައި ފެންނާނީ ރާދިކާ ސަރަތުކުމާރު، ޝަންމުގަރާޖާ، ކެވިން ޖޭ ބާބޫ، އަދި ރާޖޭޝް ވިލިއަމްސް އެވެ.

ހާއްސަ ފެނިލުމަކުން ޗައިލްޑް އެކްޓަރު އަޝްވިނީ ކަލްސޭކަރާއި ރާދިކާ އަޕްތޭ ވެސް މި ފިލްމުގައި ފެންނާނެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ކްރައިމް ތުރިލާ ފިލްމުގައި ފެންނާނީ ކެޓްރީނާ އާއި ވިޖޭގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަ ފަދަ ހާދިސާއެއް ހިނގުމުން ދިމާވާ ކަންތައްތަކެކެވެ. އަދި އެކަމެއް ހިނގަނީ ކްރިސްމަސް ދުވަހު އެވެ.