Roadha Mihaaru
މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމާނަން: ރައީސް

ދިވެހިންގެ މިނިވަންކަމުގެ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން: ރައީސް މުއިއްޒު

17 ނޮވެމްބަރ 2023

އެ މަނިކުރާނުގެ ސަރުކާރުގެ ސިޔާސަތު ބިނާވާނީ މަސްލަހަތު ހުރި ގޮތަށް ކަމަށާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނެ ކަމަށް ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެ މަނިކުރާނުގެ ސަރުކާރުގެ ސިޔާސަތު ބިނާވާނީ މަސްލަހަތު ހުރި ގޮތަށް ކަމަށާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނެ ކަމަށް ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ 8 ވަނަ ރައީސްގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، ރައްޔިތުންނާ ފުރަތަމަ ފަހަރަށް މުހާތަބު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނަކީ ވެސް ދިވެއްސެއް ކަމަށާއި ދިވެހިން އަންނަނީ ލިސްޓުގެ އެއްވަނަ އަށް ކަމަށެވެ. އެހެން ގައުމުތައް އަންނާނީ އޭގެ ފަހަތަށް ކަމަށް ވިޔަސް އެ ހުރިހާ ގައުމުތަކާ ގުޅުން ބަދަހިކޮށް، ރަހުމަތްތެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއް ވަނައަށް، ފުރަތަމަ އަށް އެހެން ގައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތަށް. އަޅުގަނޑު ގައުމުތަކާ ރަހުމަތްތެރި ވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާވާނަން. އަވަށްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމް ކުރާނަން،" ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު، ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ ވެރިކަން ކުރެއްވުމުގެ ހުވާ ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއިއްޒު، ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ ވެރިކަން ކުރެއްވުމުގެ ހުވާ ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެކަމަކު، އަޅުގަނޑު އަބަދު ވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް، އޮންނަން ވެސް ވާނެ ރަތް ރޮނގެއް. އެހެން ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމައަށް އިހުތިރާމްކުރާނަން. ދިވެހި ގައުމުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިނިވަންކަމަށް އިހުތިރާމް ކުރުމުގައި ކުޑައެއް ބޮޑެއް އަދި ކައިރި އާއި ދުރު ގައުމެއް ތަފާތު ވެގެން ނުވާނެ ކަމަށެވެ. ހުރިހާ ފަރާތަކަށް ވެސް އެ އިހުތިރާމް ލިބެންޖެހޭނެކަން ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު އެ ފުރުސަތެއް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ދިވެހިންނަކީ މިނިވަންކަމުގެ ދަރިން ކަމަށާއި ދޫނި، އޭގެ ހާލި ބަލަހައްޓާ ފަދައިން ދިވެހިން ވެސް އައީ މި ފަސްގަނޑު މިނިވަންކަންމަތީ އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށެވެ. އެއީ ދިވެހިންގެ ނަފްސާއި ފުރާނައިގެ ނިންމުން ކަމަށާއި އެކަމަށް ފުރިހަ އަށް ކަމޭހިތާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އެއްވެސް މީހަކު ނެތް ރާއްޖެއަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.

"ގައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށް ވުރެ ބޮޑު އުފަލެއް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރު ކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.