Roadha Mihaaru
ކުންފުނިތަކަށް އެމްޑީ އިން ހަމަޖައްސަން ހުރަސްތަކެއް!

ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރުމަށް ހުރަސްތަކެއް!

18 ނޮވެމްބަރ 2023

އިއްޔެ ހިންގަން ފެށި އާ ސަރުކާރާ އެކު، ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތީ ފުރަތަމަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ)ގެ ކޯރަމް ހަމަވާ ވަރަށް ބޯޑަށް މެންބަރުން ކަނޑައަޅައިގެން ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިއްޔެ ހިންގަން ފެށި އާ ސަރުކާރާ އެކު، ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތީ ފުރަތަމަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ)ގެ ކޯރަމް ހަމަވާ ވަރަށް ބޯޑަށް މެންބަރުން ކަނޑައަޅައިގެން ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ގާނޫނުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރެވެނީ ރައީސް ބޭނުންފުޅުވާ ނަންތައް ޕީސީބީ އަށް ފޮނުވުމުން އެ ތަނުން ހުއްދަ ދިނުމުންނެވެ. އެ ހުއްދަ ދޭން ޖެހެނީ ޕީސީބީގެ މެމްބަރުންގެ ބައްދަލުވުމަކުންނެވެ. ޕީސީބީން އަމިއްލަ އަށް ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސާކަށް ނޯވެ އެވެ.

ޕީސީބީގެ ނައިބު ރައީސް އަހުމަދު ފިރާޒް "މިހާރު" އަށް ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އެ އިދާރާގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށް ވިޔަސް މިވަގުތު ތިއްބެވީ ތިން މެންބަރުން ކަމަށެވެ. ޕީސީބީގެ ބޯޑުގެ ކޯރަމު ނެތްތާ މިހާތަނަށް ތިން މަސް ވެއްޖެ އެވެ.

ޕީސީބީގެ ބޯޑުގައި ޖުމުލަ ހަތް މެންބަރުން ތިބެން ޖެހެ އެވެ.

"ބޯޑު މީޓިންއެއް ކުރިއަށް ނުގެންދެވޭނެ. ޕީސީބީގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ކޯރަމަކީ ފަހެއް ކަމަށް. އެހެންވެ، ފަސް މެންބަރުން ތިއްބަވައިގެން ބައްދަލުވުމެއް ބޭއްވޭނީ،" އޭނާ ވިދާޅުވި އެވެ.

ފިރާޒު ވިދާޅުވި ގޮތުގައި އޭނާގެ އުންމީދަކީ މިއަދު ވިޔަސް މާދަން ވިޔަސް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ޕީސީބީގެ ބޯޑުގެ ކޯރަމް ހަމަކުރެވޭ ވަަރަށް މެންބަރުން ކަނޑައެޅުއްވުމެވެ. އޭރުން ބޯޑުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދޭވެނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕީސީބީ މަސައްކަތް ކުރަނީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައިވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ. އެ އިދާރާއަށް 10 އަހަރުވީ އިރު ވެސް އެ އުސޫލަށް ފަހުން އައި އެއްވެސް ޕީސީބީގެ ބޯޑަކުން ބަދަލެއް ގެނެސްފައެއް ނުވެ އެވެ.