Roadha Mihaaru
ޕީސީބީ އަށް ތިން މެންބަރުން އައްޔަންކޮށްފި

ފަތުހީ ހިމެނޭހެން ޕީސީބީ އަށް ތިން މެންބަރުން އައްޔަންކޮށްފި

22 ނޮވެމްބަރ 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ބޯޑުގައި ހުސްވެފައިވާ ތިން ގޮނޑި އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެމްބަރުން އައްޔަން ކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ބޯޑުގައި ހުސްވެފައިވާ ތިން ގޮނޑި އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެމްބަރުން އައްޔަން ކުރައްވައިފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ ޕީސީބީ އަށް އާ ރައީސް އައްޔަން ކުރެއްވި މެންބަރުންނަކީ:

- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652

- ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން

- ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ

މޫސާ ފަތުހީއަކީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އޭނާ އަށް އިއްޔެ ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފަ އެވެ.

ލީނާ އަބްދުލްޖަލީލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވައިފަ އެވެ.

ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށް ވިޔަސް މީގެ ކުރިން ތިއްބެވީ ތިން މެންބަރުންނެވެ. އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެ އެވެ.

މި މެންބަރުން އައްޔަން ކުރުމާއެކު ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތް ހުރަސް ނެތިގެންދާނެ އެވެ.